އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް އަސްކަރީ ފިޔަވަޅުތަކެއް އަޅައިފި ނަަމަ އޭގެ ނަތީޖާ "ގަބޫލު ކުރަން ވެސް ދަތިވާނެ ކަމަށާއި އަދި ވަރަށް ހިތާމަވެރި ވެސް ވާނެ" ކަމަށް ވިދާޅުވެ އުތުރު ކޮރެއާ އަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އިންޒާރު ދެއްވައިފިއެވެ.
ޕެންޓަގަންގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މެޓިސް ވިދާޅުވީ އުތުރު ކޮރެއާގެ މައްސަލައަށް އޮތް ހައްލަކީ އަސްކަރީ ހައްލެއް ނަމަ އޭގެ ހިތްދަތިކަން އިހުސާސް ކުރަން ޖެހޭނީ ހީވެސް ނުކުރާހާ ބޮޑަށް ކަމަށާއި، އެހެން ކަމުން އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ އދ. އާއި ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެއާއާ ގުޅިގެން ހާލަތަށް ހައްލެއް ހޯދުމަށް ކަމަށެވެ.
މެޓިސް ހުކުރު ދުވަހު ޕެންޓަގަންގައި އުތުރު ކޮރެއާ އަށް އިންޒާރު ދެއްވިއިރު، މިހާތަނަށް އެގައުމުން ކުރި އެންމެ ދުރަށް ދަތުރު ކުރާ މިސައިލް ވަނީ ޓެސްޓްކޮށްފައެވެ.
އެމެރިކާގެ އިސް އޮފިޝަލުން ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި އުތުރު ކޮރެއާ އަށް އިންޒާރުގެ ބަސްތައް ވިދާޅުވެފައިވާއިރު، އަދި ހަނގުރާމައިގެ އުޅަނދުތައް ދެކޮރެއާ ސަރަހައްދަށް ފޮނުވައިފައިވާ އިރު، މެޓިސް ވިދާޅުވީ އުުތުރު ކޮރެއާ މައްސަލާގައި އޮތް އެންމެ ރަނގަޅު ހައްަލަކީ، "ބައިނަލްއަގްވާމީ ހައްލެއް" ހޯދުން ކަމަށެވެ.
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން ވަނީ ދާދިފަހުން ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ.
އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވީ "ގައުމުތަކުން ސަޕޯޓު ކުރަންވީ އުތުރު ކޮރެއާ އަށް ނޫނީ އަހަރަމެންނަށް ކަމަށެވެ." އުތުރު ކޮރެއާގެ މައްސަލާގައި އދ. އިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެގައުމުތަކުން ދޭން ޖެހޭ އެއްބާރުލުން ބައެއް ގައުމުތަކުން ނުދޭކަން ފާހަގަކުރެވިފައި ވެއެވެ.