ކ. މާލެ
|
26 އޯގަސްޓް 2021 | ބުރާސްފަތި 14:03
އިބްރާހީމް އަމީރު - ފިނޭންސް މިނިސްޓަރ
އިބްރާހީމް އަމީރު - ފިނޭންސް މިނިސްޓަރ
ރާއްޖެއެމްވީ
ރާއްޖޭގެ ޖީޑީޕީ
ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ޖީޑީޕީ 10 ބިލައަނަށް އިތުރުވާނެ - އަމީރު
މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެ
މި ސަރުކާރުގެ ފުރަތަމަ އަހަރަކީ ކާމިޔާބު އަހަރެއް
ބްރިޖާއެކު ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ބަދަލެއް އަންނާނެ

ސަރުކާރުން ކުރިއަށްގެންދިޔުމަށް ރާވާފައިވާ ބިޔަ މަޝްރޫއުތަކާއެކު ރާއްޖޭގެ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް އެއްބަސްވުމުގައި ސޮއިކުރުމަށް ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީއަކީ 5 ބިލިއަން ޑޮލަރު ކަމަށާއި، އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢާއި، ކޮމާރޝަލް ޕޯޓްގެ މަޝްރޫއާއި ތިލަމާލެ ބްރިޖް މަޝްރޫއާއެކު މިއަދަދު ދެގުނަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢާކު މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ އިޤުޞާދު ކުރިއަަރައިގެންދާނެ މަޝްރޫއެއްކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ މިހާލަތުން އަރައިގަންނަން މަސައްކަތް ކުރަމުން މިދަނީ، ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށްގެންދަމުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ ހިކުމަތްތެރި މަސައްކަތާއެކު މިހާރު އިޤްޞާދު ރަނގަޅުވަމުން އަންނަކަމަށާއި، ތިލަމާލެ ބްރިޖްގެ މަޝްރޫއާއި، ކޮމާރޝަލް ޕޯޓްގެ މަޝްރޫއަކީ، އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނުވާނެ މަޝްރޫއެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ތަފްސީލް ކޮށްދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ކޮވިޑްގެ މި ހާލަތާއެކު، ކުރިން ޕްލޭންކޮށްފައި ހުރި ކަންކަމަށް ބަދަލުތަކެއް ގެނައިކަމުގައި ވީނަމަވެސް ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައި ރާއްޖޭގެ އިޤުތިޞާދަށް ލޮޅުންތަކެއް އަރައި، އެކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރަކީ ކާމިޔާބު އަހަރެއްކަމަށާއި، 2019 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 7 އިންސައްތަ މައްޗަށް ޖެހިލިއިރު، އެއީ އޭގެ ކުރީގެ ފަސް އަހަރާ އަޅާ ބަލާއިރު 6.4 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. މިއި ފަތުރުވެރިކަމުގެ ސަބަބުން އައި ކުރިއެރުމެއް ކަމަށާއި، އެ އަހަރު 1.7 މިލިއަން ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކިޔާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެއީ 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް އައި އަހަރު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުގައި ތަރައްގީކުރުމަށް ސަރުކާރުން އަމާޒު ހިފި 5 ޓާޝަރީ ހޮސްޕިޓަލް މިހާރު ނިމުމަކާ ގާތަށް އައިސްފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތް ވެސް ސަރުކާރުން ޕްލޭންކުރި ގޮތަށް ކުރަމުން އަންނަކަމަށާއި، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ފެށި ޕްރޮގްރާމްގެ ނަތީޖާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފެނިގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ޖެހި ވިޔަފާރިތައް ހުއްޓުމަކަށް އައުމުން އިޤްތިޞާދަށް އެންމެ ބޮޑަށް އަސަރުކުރި ގައުމަކީ ރާއްޖެކަމަށެވެ. އިޤުތިޞާދު ހަމައަކަށް އެޅުވުމަށް ހުރިހާ ދިމާއަކުން ވެސް ޚަރަދުތައް ކުޑަކުރަން ޖެހުނުނަމަވެސް އެ ދަތި ދަނޑިވަޅުގައި ވެސް ވިޔަފާރިތަކާއި، ރައްޔިތުންނަށް އަދި ސިއްޙީ ދާއިރާއަށް އިންވެސްޓްކުރުމަށް ސަރުކާރުން ނިންމިކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ދެމުންދިޔަ ސަބްސިޑީތައް ހުއްޓާނުލަން ނިންމި ނިންމުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ކުރާނެ އަސަރަކުން ސަލާމަތް ކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ނިންމުމަކަށްވީ، ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީގެން އިޤުތިޞާދު ހުޅުވެންވާއިރަށް ވިޔަފާރިތައް ތައްޔާރުކުރުން ކަމަށެވެ. އެކަން ވަރަށް ކާމިޔާބު ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑަ އަޅާފައިވަނީ، 2023 ގެ އޭޕްރީލް ނުވަތަ މޭ މަހާ ހިސާބަށެވެ.

- ކޮމެންޓް