ކ. މާލެ
|
26 އޯގަސްޓް 2021 | ބުރާސްފަތި 11:27
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ގާޑިއޯލާގެ ކުރިމަގު
އެއްބަސްވުން ހަމަވުމުން ގާޑިއޯލާ ސިޓީ ދޫކޮށްލަނީ
 
ގާޑިއޯލާގެ އެއްބަސްވުމުން ހަމަވާނީ 2023 ވަނަ އަހަރު
 
ގައުމީ ޓީމަކާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނި

މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ގައުމީ ޓީމަކާ ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މީގެ ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށްވެސް އިރުޝާދުދިން އުމުރުން 50 އަހަރުގެ ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގާޑިއޯލާ ވަނީ ސިޓީއާއެކު ހަދާފައި އޮތް އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ މި ވަގުތު އޭނާގެ ވިސްނުމަކީ ސިޓީގައި ހަތް އަހަރު ހޭދަކުރުމަށްފަހު، ފުޓްބޯޅައިން ބްރޭކެއް ނެގުން ކަމަށެވެ. އަދި އެއަށްފަހު ފުރުސަތެއް އޮވެއްޖެނަމަ، ގައުމީ ޓީމަކާ ހަވާލުވާން ބޭނުންވާ ކަމަށްވެސް ބުންޏެވެ. އެކަމަކު އަދި ވަކިގޮތެއް އޭނާ ނުނިންމާ ކަމަށާއި، އެގޮތުން ދެކުނު އެމެރިކާ ނުވަތަ ޔޫރަޕުގެ ޓީމަކާވެސް ހަވާލުވެދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮޕާ އެމެރިކާ އާއި ފީފާ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައި މަސައްކަތް ކޮށްލަން ބޭނުންވާ ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ފުޓްބޯޅައިން ބްރޭކެއް ނަގަން ބޭނުންވާ ކަމަށް ގާޑިއޯލާ ބުނިއިރު، މީގެ ކުރިން ބާސާ ދޫކޮށް އޭނާ ވަނީ އަހަރެއް ވަންދެން ބްރޭކެއް ނަގާފައެވެ. އެގޮތުން ބާސާގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު 2012 ވަނަ އަހަރު ގާޑިއޯލާ އެ ޓީމު ދޫކޮށްލިއިރު، އޭނާ ބަޔާނުގެ ކޯޗުގެ މަގާމާ ހަވާލުވީ 2013 ވަނަ އަހަރެވެ. އެއަށްފަހު ގާޑިއޯލާ ވަނީ ބަޔާނުގައި ތިން އަހަރު ވަންދެން މަސައްކަތްކޮށްފައެވެ.

ސިޓީއާއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން ހަމަވަން އަދި ދެ އަހަރު އޮތްއިރު، އޭނާ ވަނީ ސިޓީއާއެކު މިހާތަނަށް 10 ތަށި ކާމިޔާބުކޮށްފައެވެ. އެކަމަކު ސިޓީއާއެކު ގާޑިއޯލާއަށް މިހާތަނަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން ގާޑިއޯލާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2011 ވަނަ އަހަރު ބާސާގައި ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް