އިޓަލީ 17 އަހަރުން ދަށުގެ ޓީމުގެ މައްޗަށް އިންޑިއާ 17 އަހަރުން ދަށުގެ ޓީމު ތާރީހީ މޮޅެއް ހޯދައިފި އެވެ.
މި އަހަރު ފަހުކޮޅު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ 17 އަހަރުގެ ދަށުގެ ޓީމު ތައްޔާރުވަމުން އަންނައިރު، އެޓީމު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން އިޓަލީ ޓީމު ބަލިކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
އިންޑިއާގައި ކުޅުނު މި މެޗު ފެށިގެން އިންޑިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، 8 ވަނަ މިނެޓުގައި އެޓީމުގެ ކަމަލް ތަޓާލްއަށް ވަނީ ލީޑު ނެގުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
FT: #India U-17 National team defeats @azzurri U-17s 2-0 in a historic win for #IndianFootball. #BackTheBlue #ColtsInEurope
— Indian Football Team (@IndianFootball) May 19, 2017
މެޗުގައި އިންޑިއާ އިން ލީޑު ނެގީ 31 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބީޖީތް ސަރްކާ އެވެ. މި ލަނޑަށްފަހުވެސް އިންޑިއާ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތު ލިބިފައެވެ. އެގޮތުން 51 ވަނަ މިނެޓުގައި އަބީޖީތް އަށް ލިބުނު ފުރުސަތު ހިމެނެއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި އިންޑިއާގެ ރާހުލް އަށް ލީޑު ފުޅާކުރަން ފުރުސަތު ލިބިފައިވާއިރު، އިޓަލީގެ ކީޕަރު ވަނީ ބޯޅަ ދިފާއުކޮށްފައެވެ. އެހެންނަމަވެސް އޭގެ ފަސް މިނެޓު ފަހުން ރާހުލް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
މިއީ އިންޑިއާގެ ފުޓުބޯޅަ ތާރީހުގައި ހޯދުނު އެންމެ ބޮޑު މޮޅެވެ. އެގޮތުން މިއީ 17 އަހަރުން ދަށުގެ ވޯލްޑްކަޕަށް އިންޑިއާ ތައްޔާރުވަމުން އަންނައިރު، ލިބުނު ބޮޑު ކުރިއެރުމަކަށްވެގެންދާއެވެ. އަދި އިންޑިއާ ހޯދި މި ކާމިޔާބީ ފާހަގަކޮށް ގިނަ ފަރާތްތަކުން އަންނަނީ އެޓީމަށް ހިތްވަރުދެމުންނެވެ.