ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 22:35
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ތެރޭގައި ވެސް ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުން
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ތެރޭގައި ވެސް ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުން
ރާއްޖެއެމްވީ
ދީނަށް ހޭލުންތެރި ކުރުވުން
މީހުން ހޭލުންތެރިކޮށް އަމާންވެއްޓެއް ގާއިމްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް!
 
ޖަލުތަކުގައި ވެސް ޚާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދޭ
 
އެކި ނަންނަމުގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން ޕްރޮގްރާމްތައް ކުރިއަށް ގެންދޭ
 
2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ މިހިސާބަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއެކު މުޅި ގައުމު ސިހިގެން ދިޔައެވެ. މިހާދިސާއާއެކު ގިނަ މައްސަލަތަކެއްވެސް ފެންމެތިވެގެން ދިޔައެވެ. ޓެރަރިޒަމްއަށް ހިތްވަރު ދޭ ބަޔަކު މިގައުމުގައި އުޅޭ ކަމުގެ އަޑު އުފުލިގެން ދިޔައެވެ. ހަރުކަށި ފިކުރު ރާއްޖޭގައި ޕްރޮމޯޓްކޮށް އަދި އެފިކުރަށް ގިނަ ބަޔަކު ލެނބެމުންދާ ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރިއެވެ.

ހަރުކަށި ފިކުރު ޕްރޮމޯޓުކުރާ މީހުންގެ އެންމެ ބޮޑު އަމާޒަކީ އެކި ކުށްކުށުގައި ޖަލަށް ލެވޭ ޒުވާނުންނާއި، ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. މިއާއެކު އިސްލާމް ދީން ބޮޑަށް އޮޅުންފިލުވައި ދިނުމާއި، އެދީނަށް މިހާރަށް ވުރެ ބޮޑަށް މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ބައެއް މީހުން ގަބޫލުކުރިއެވެ. އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ސުވާލު އުފެއްދި މީހުން ވެސް މަދެއް ނުވާނެއެވެ.

އިސްލާމް ދީނުގެ އެންމެހައި ކަންކަމުގައި އިސްލާމިކް މިނިސްޓްރީން ބަސްބުނާ ބީދައިން މީހުން ހޭލުންތެރިކުރުވުމުގެ ގިނަ މަސައްކަތްތައް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ މިހިސާބަށް އިސްލާމިކް މިނިސްޓްރީން ހިންގާފައިވާ ޕްރޮގްރާމްތައް މަދެއް ނޫނެވެ. އެކި ނަންނަމުގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން އެކި ފްލެޓްފޯމްތަކުގައި ދީނަށް ހޭލުންތެރިކުރުވުމުގެ ތަފާތު ކޮންސެޕްޓްތަކުގައި ޕްރޮގްރާމްތައް ގެނެސްދީފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ގެނެސްދީފައިވާ ޕްރޮގްރާމްތަކަށް ބަލާއިރު، ދީނީ ޚިޔާލު ތަފާތު ކުރުންތަކުން އެއްކިބާކޮށް އެއްބައިވަންތަކަމާއި ސުލްހަ މަސްލަސްކަން ގާއިމް ވެފައިވާ މުޖުތަމައެއް ބިނާ ކުރުމަށް މިނިސްޓްރީން ވަނީ ފުލުހުންނާއި ގުޅިގެން "އޯގާ ކޭމްޕް" ނަމުގައި ޚާއްސަ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. މިކޭމްޕް 2020 ވަނަ އަހަރު 5 އަތޮޅެއްގެ 14 ރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ. 2021 ވަނަ އަހަރުގެ މިހާތަނަށް 6 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ''ފަހި ދަތުރު''، ''އުންމީދު'' އަދި ''ދަރުސް ފޯރަމް'' ފަދަ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 7 ރަށެއްގައި ފަހި ދަތުރުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. 2020 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ނުރައްކަލާއެކު ވެސް ހަނދުމަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން 2020 އަހަރުގެ ތެރޭގައި ހަނދުމަ 124 ޕްރޮގްރާމް އަދި މިއަހަރުގެ ތެރޭގައި މިހާތަނަށް 22 ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. އިސްލާމް ދީނުގެ އެކި ސުރުޚީތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމާއި މަޝްވަރާކުރުމުގެ ގޮތުން ގެންނަ އުންމީދުގެ 23 ޕްރޮގްރާމެއް މިހާތަނަށް ގެނެސްދީފައިވެއެވެ. 2020 ވަނަ އަހަރުގެ ތެރޭގައި ދަރުސް ފޯރަމްގެ 14 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، 2021 ވަނަ އަހަރުގެ 13 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ޖަލުތަކުގައި ވެސް ގައިދީން ދީނަށް ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގާފައިވެއެވެ. 2020 ވަނަ އަހަރު ތެރޭގައި މާފުށީ ޖަލުގައި ތިބި ފިރިހެނުންނަށް ޚާއްސަކޮށްގެން 74 ކްލާހެއް ކުރިއަށް ގެންގޮސްފައިވާއިރު، މިއަހަރުގެ މިހާތަނަށް 37 ކްލާސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އަންހެނުންނަށް ޚާއްސަކޮށްގެން 43 ކްލާސް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ވަކި އުމުރުފުރައަކަށް ބެލުމެއްނެތި ދީނަށް ހޭލުންތެރިވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުންދާއިރު، މާފުށީ ޖަލުގައި ތިބި 18 އަހަރު ނުފުރޭ ގައިދީންނަށް ޚާއްސަކޮށްގެން 2020 ވަނަ އަހަރުގެ ތެރޭގައި ކްލާސްތަކެއް ކުރިއަށް ގެންދިޔައެވެ. ގައިދީންނަށް ޚާއްސަކޮށްގެން ކައުންސިލިން ސެޝަންތައް ވެސް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މިނިސްޓްރީން ބާއްވަމުންދެއެވެ. އަދި މިއަހަރު ތެރޭގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ވެސް 11 ސެޝަން ކުރިއަށް ގެންދެވިފައިވާކަން މިނިސްޓްރީން ހާމަކުރެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް އިސްލާމިކް މިނިސްޓްރީން ވަކިން ޚާއްސަކޮށް ތައްޔާރުވެއެވެ. ތަފާތު އެކި ޕްރޮގްރާމްތަކާއެކުއެވެ. 2021 ވަނަ އަހަރު ރޯދަ ހަދިޔާގެ 29 ޕްރޮގްރާމް، މެދުމިނުގެ 29 ޕްރޮގްރާމް އަދި ރޯދައާއި ސުވާލުގެ 29 ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. ޓީވީގެ އިތުރުން ރޭޑިއޯ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާއިރު، ''ސީދާ މަގު'' އަދި ''މިންބަރު'' 2020 ވަނަ އަހަރު 34 ޕްރޮގްރާމް 2021 ވަނަ އަހަރު 34 ޕްރޮގްރާމް ގެނެސްދީފައިވެއެވެ. ޓީވީން ގެނެސްދީފައިވާ ފާހަގަކޮށްލެވޭ ޕްރޮގްރާމްތައް ކަމަށްވާ އިސްލާމީ ދިރިއުޅުން 2020 ވަނަ އަހަރު 35 ޕްރޮގްރާމް، މިއަހަރު 34 ޕްރޮގްރާމް ގެނެސްދީފައިވެއެވެ.

ދީނަށް ހޭލުންތެރިކުރުވުމައި ނުރަނގަޅު މައުލޫމާތުތަކުން މުޖުމަތައު ސަލާމަތް ކުރުމަށް މިނިސްޓްރީން ގިނަގުނަ މަސައްކަތްތައް ކުރަމުންދެއެވެ. އެގޮތުން ފަހިވެށި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކޮންސެޕްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ޕްރޮގްރާމަކީ ރ.ދުވާފަރު އަދި ރ.މަޑުއްވަރީގައި ކުރިއަށް ގެންގޮސްފައިވާ ކާމިޔާބު ޕްރޮގްރާމެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ޒުވާނުންނަށް ޚާއްސަކޮށްގެން މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ލާމުގައި ''ޔޫތު ލީޑަރޝިޕް ކޭމްޕް''ތަކެއް ކުރިއަށް ގެންދިޔައެވެ. އަދި ކުރިއަށް އޮތްތާގައި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި މިކޭމްޕްތައް އިތުރުކުރާނެއެވެ.

ކޮވިޑް-19އާ ގުޅިގެން ބޭރުގެ މަޝްހޫރު ދީނީ އިލްމުވެރިން ރާއްޖެއަށް ގެނައުމަށް ދަތިތައް ކުރިމަތިވި ނަމަވެސް މިއަހަރުގެ ތެރޭގައި އެފަދަ ބޭފުޅުން ގެނައުމަށް މަސައްކަތް ކުރާނެކަންވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހަމަލާއަކާ ގުޅުވައިގެން ބައެއް މީހުން މިނިސްޓްރީގެ މަސައްކަތްތަކާމެދު ސުވާލު އުފެއްދި ނަމަވެސް އިސްލާމިކް މިނިސްޓްރީން ކުރިން ވެސް އަދި މިހާރު ވެސް އާއްމު ރައްޔިތުން ދީނަށް ހޭލުންތެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެކަމުގެ ނަތީޖާ އެންމެ ހާދިސާއަކަށް ބެލުމަށްފަހު މިނެކިރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެއެވެ. މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނަ ކަމަށާއި، ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، ދީނަށް ހޭލުންތެރިކުވުމައި ދީނާއި ގުޅުވައިގެން އަންނަ ކަންކަން ބެލުމުގައި މިނިސްޓްރީން އަބަދުވެސް ފާރަވެރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
0%
0%
50%
ކޮމެންޓް