އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެ ކުރިންވެސް އިނގިރޭސި ކުލަބަކަށް ބަދަލުވާން އުމުރުން 26 އަހަރުގެ ސައުލް ބޭނުންވާ ކަމަށް މީޑިއާގައި ރިޕޯޓުކުރެވުނެވެ. އެކަމަކު އޭރު އެތުލެޓިކޯއިން ސައުލް ވިއްކާލަން ނިންމި އަގު ބޮޑުވުމުން އެއްވެސް ކުލަބަކުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެތުލެޓިކޯއިން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސައުލް އެ ޓީމު ދޫކޮށްދާނެ ކަމަށް ބަލައި، އިޓަލީގެ އުދިނޭޒީއަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލްގެ ސޮއި ހޯދާފައެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ޔުނައިޓެޑާއި ޗެލްސީން އަންނަނީ ސައުލް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ދެ ކުލަބުން ބޭނުންވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސައުލްގެ ސޮއި ހޯދުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެއީ އެއް ސީޒަނަށްފަހު ދާއިމީ އެއްބަސްވުމެއްގައި ސައުލް ގަންނަ ގޮތަށް ކަމަށްވެސް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މި ފަހަރުގެ ޓްރާންސްފާގައި ސައުލްގެ ޓްރާންސްފާގެ ކަންކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އެކަމަކު ސައުލްގެ ޓްރާންސްފާގެ ކަންކަން ނިމި، އޭނާ އެ ކުލަބަށް ބަދަލުވުމަކީ ޔުނައިޓެޑަށް އޮތް ބޯނަހެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ސައުލްއަށް ޔުނައިޓެޑާއި ޗެލްސީން ޕްރޮޕޯސަލެއް ހުށަހަޅާފައިވާއިރު، މީގެ ކުރިން އޭނާ ހޯދަން ބާސެލޯނާ އާއި ލިވަޕޫލުންވެސް ވަނީ މަސައްކަތްކޮށްފައެވެ.
މި ފަހަރުގެ ޓްރާންސްފާގައި ސައުލް އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ސައުލް ސީނިއާ ކެރިއަރު ފަށާފައިވަނީވެސް އެ ޓީމުންނެވެ. އެއަށްފަހު ސައުލް ވަނީ މިހާތަނަށް އެތުލެޓިކޯއަށް 339 މެޗު ކުޅެދީ 43 ލަނޑު ޖަހާފައެވެ. އަދި ވަނީ އެތުލެޓިކޯއާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ.