ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 19:04
ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި މީގެ ކުރިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި މީގެ ކުރިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
އެފްއޭއެމް
ގައުމީ ޓީމުގެ ކޭމްޕް
ގައުމީ ޓީމަށް ގަތަރުގައި ތަމްރީނުހެދުމުގެ ފުރުސަތު ހޯދަނީ
 
ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑެއް ވަނީ އެކުލަވާލާފައި
 
ގަތަރުގައި ކޭމްޕުކުރަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ގަތަރުގައި ކޭމްޕުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާއިރު، ދާދި ފަހުން ގައުމީ ޓީމުން ވަނީ 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލާފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ގަތަރުގައި ކޭމްޕުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކަމަކު އަދި ކޭމްޕް އެއްކޮށް ފައިނަލް ނުވާ ކަމަށާއި، އެކަމަކު އުއްމީދަކީ ވީ އެންމެ އަވަހަކަށް ކޭމްޕުގެ ކަންކަން ނިމިގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުމުގެ މަސައްކަތްކުރަމުން އަންނައިރު، މި މުބާރާތާ ރާއްޖެ ކުރިމަތިލާނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. އެގޮތުން ގައުމީ ޓީމުން މިހާރު ވަނީ ކޯޗުގެ މަގާމުގައި މީގެ ކުރިން ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުވާލައި، ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭނަށް އެ ޒިންމާ ހަވާލުކޮށްފައެވެ. އަދި އެފްއޭއެމުން ވަނީ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އާއި، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދު ހަމަޖައްސާފައެވެ.

ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ގައުމީ ޓީމުން ވަނީ 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލާފައިވާއިރު، އެ ސްކޮޑުގައި ވަނީ ގައުމީ ޓީމުން 2018 ވަނަ އަހަރު ރިޓަޔާކުރި ހުނަރުވެރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ހިމަނާފައެވެ. ގައުމީ ޓީމުން ދެން އަލުން ފުރުސަތު ހޯދި ކުޅުންތެރިޔަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މޫސާ ޔާމީން (ޔާމްބެ) އެވެ.

މީގެ އިތުރުން ގައުމީ ޓީމުން ޖޫން މަހު ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި އެކި ސަބަބުތަކާ ހުރެ ނުކުޅެވުނު ކުޅުންތެރިންނަށްވެސް ވަނީ ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި އަމިއްލަ ސަބަބެއްގައި ޓީމާ ދުރުގައި ހުރި ނާއިޒު ހަސަން (ދާދު) އާއި، ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފުރުސަތު ގެއްލުނު ޔަސްފާދު ހަބީބު (މުލަކޭ) އާއި، ހަސަން ރާއިފް (ހަންނަ) އާއި، އިސްމާޢީލް އީސަ (މެސީ) ހިމެނެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް