ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 18:15
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން
ގެޓީ އިމޭޖަސް
ކޭން ޓޮޓެންހަމުގައި މަޑުކުރުން
ޓޮޓެންހަމުގައި މަޑުކުރާނެކަމުގެ ޔަގީންކަން ކޭން ދީފި
 
ޓޮޓެންހަމާއެކު ކޭން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ގައި
 
ކޭން ގަތުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރު

މި ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާގައި މަޑުކުރާނެކަމުގެ ޔަގީންކަން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ދީފިއެވެ.

އުމުރުން 28 އަހަރުގެ ކޭން މި ވަގުތު ޓޮޓެންހަމުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ފުޓްބޯޅައިގެ އެންމެ ބޮޑު ޓްރޮފީތައް ހޯދުމަށް ބޭނުންވާތީ ޓޮޓެންހަމް ދޫކޮށްލަން ކޭން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެއާއެކު ކޭން ހޯދަން މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އޭނާ ހޯދުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން މި ފަހަރުގެ ޕްރީ-ސީޒަނުގައި ޓޮޓެންހަމުގެ ފަރިތަކުރުންތަކަށް ނުކުންނަންވެސް ކޭން ދެކޮޅު ހެދިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗަސްޓާ ސިޓީ އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި ކޭން ބޭނުންކޮށްފައެއް ނުވެއެވެ. އެކަމަކު އޭގެ ފަހުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރުވާފައެވެ.

ބުދަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ކޭން ބުނީ މިދިޔަ އާދީއްތަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބު ފާހަގަކުރާ ކަމަށެވެ. އަދި އޭނާގެ އަމާޒަކީ މި ސީޒަނުގައި ޓޮޓެންހަމުގައި މަޑުކޮށް، ޓީމާއެކު ކާމިޔާބީއެއް ހޯދުން ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމުގައި މަޑުކުރަން ކޭން ނިންމީ އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީ އާއި ޗެއާމަން ޑެނިއަލް ލިވީއާއެކު ބޭއްވި ބަންދަލުވުންތަކަށްފަހުއެވެ. އަދި އެ ބައްދަލުވުމުގައި އިތުރު އެއް ސީޒަނަށް ކޭން މަޑުކުރަން ޓޮޓެންހަމުން އެދިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޓޮޓެންހަމުގައި މަޑުކުރާނެ ކަމަށް ކޭން ބުނިއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކޭން ގަންނަން ޝައުގުވެރިވާ ކަމަށް ބުނެފައެވެ. އަދި އެ ޑީލަށް މި ވަގުތު އޮތް ހުރަހަކީ ޓޮޓެންހަމުން މަޝްވަރާކުރަން ބޭނުންނުވުން ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ޓޮޓެންހަމުގައި ކޭން މަޑުކުރާއިރު، އެ ޓީމާއެކު ކޭންއަށް މިހާތަނަށް ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެކަމަކު އޭނާ ވަނީ 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 2014-2015 އަދި މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ކުޅެފައެވެ. އަދި ކޭން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 337 މެޗުގައި ކޭން ވަނީ 221 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް