ސައުދީ އަރަބިޔާގެ ޖިއްދާގައި އަނބިމީހާޔަށް ސަޖިދަކުރި ޒުވާން ފިރިޔަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އަނބި މީހާޔަކީ ޔަމަނަށް ނިސްބަތްވާ މީހެކެވެ. ފިރިމީހާ ނިސްބަތްވަނީ ސައުދީ އަރަބިޔާއަށެވެ. އަނބިމީހާއަށް ސަޖިދަކުރުމުގެ ހާދިސާ ތިލަވެގެން އައީ އެދެމަފިރިންނާ ރަހުމަތްތެރި ޔަމަނުގެ އެހެން ފިރިހެނަކު މީސްމީޑިޔާގައި ހިއްސާކުރި ފޮޓޯއަކުންނެވެ. އެ ފޮޓޯއިން ފެންނަނީ ޖިއްދާގެ މިސްކިތެއްގެ ކައިރީގައި ޒުވާން ފިރިހެނަކު އަންހެނަކަށް ސަޖިދަކުރާ މަންޒަރެވެ.
މީސްމީޑިއާގައި މި ފޮޓޯ ވައިރަލްވެގެންދިޔަތާ އިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ފޮޓޯއިން ފެންނަ ދެ މީހުންނަކީ ކޮންބައެއްކަން ހޯދައި އެ ދެމީހުން ހައްޔަރުކޮށްފައެވެ. އަދި ފޮޓޯނަގައި މީސްމީޑިޔާގައި ހިއްސާކުރި މީހާވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޖިއްދާގެ ފުލުހުންގެ ތަރުޖަމާން މޭޖަރ މުހައްމަދު އަލް ޣަމްދީ ވިދާޅުވެފައިވަނީ ދީނަށް ފުރައްސާރަކުރުމުގެ ކުށުގައި ތިން މީހަކު ހައްޔަރު ކުރެވިފައިވާ ކަމުގައެވެ. ސައުދީ ފަސްގަނޑުގައި ދީނަށް ފުރައްސާރަކުރަން އެއްވެސް ބަޔަކަށް އެއްވެސްކަހަލަ ފުރުސަތެެއް ނުދެވޭނެ ކަމަށާއި މިބާވަތުގެ ކަންކަން ވަރަށް ހަރުކަށިކަމާއެކު ބަލައި ފިޔަވަޅުއަޅާނޭ ކަމަށްވެސް ވިދާޅުވިއެވެ.