ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 10:13
ފިނޭންސް މިނިސްޓްރީން ދަނީ ކޮންމެ ހަފްތާއަކު ދައުލަތުން ކުރާ ޚަރަދުތަކާއި ދައުލަތައް ލިބޭ އާމްދަނީގެ ތަފާސްހިސާބުތައް އާންމުކުރަމުން
ފިނޭންސް މިނިސްޓްރީން ދަނީ ކޮންމެ ހަފްތާއަކު ދައުލަތުން ކުރާ ޚަރަދުތަކާއި ދައުލަތައް ލިބޭ އާމްދަނީގެ ތަފާސްހިސާބުތައް އާންމުކުރަމުން
ރާއްޖެ އެމްވީ
ދައުލަތުގެ އާމްދަނީ އާއި ޚަރަދު
ދައުލަތުގެ އާމްދަނީ އިތުރުވި އިރު، ޚަރަދު ދަށް ކުރެވިފައި
 
ދައުލަތުން ޚަރަދުކޮށްފައި ވަނީ 16.4 ބިލިއަން ރުފިޔާ
 
ދައުލަތަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ

ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް މި އަހަރުގެ މިހާތަނަށް އައި އިރު ދިވެހި ދައުލަތަށް ލިބިފައިވާއިރު، މި މުއްދަތުގައި ކޮށްފައިވާ ޚަރަދު ވަނީ ފާއިތުވި އަހަރަށް ވުރެ ދަށުގައި ހިފަހައްޓާފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓު 19ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 10.2 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ މި މުއްދަތުގައި 16.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައި ވަނީ 17 ބިލިއަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް އައިއުރު ދައުލަތަށް އާމްދަނީ ލިބިފައިވާ ގޮތްތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 1.4 ބިލިއަން ރުފިޔާ އާއި ބިޒްނަސް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާގެ އިތުރުން ގުޑްސް އެންޑް ސަރވިސަސް ޓެކްސް އިން ލިބުނު 4.5 ބިލިއަން ރުފިޔާ ހިމެނެއެވެ.

ބިޒްނަސް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ބިޒްނަސް ޕްރޮފިޓް ޓެކްސް، ވިތު ހޯލްޑިންގ ޓެކްސް އަދި އިންކަމް ޓެކްސް ހިމެނެއެވެ. އެގޮތުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 586.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ވިތު ހޯލްޑިންގ ޓެކްސްގެ ގޮތުގައި 528.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް 118.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެނިހެން ބިޒްނަސް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 339.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސް އަދި ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް ހިމެނޭއިރު، އާންމު ޖީއެސްޓީގެ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އޭގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 454.9 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ފީގެ ގޮތުގައި 234.3 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު 239.5 މިލިއަން ރުފިޔާ އާއި ރެޒިޑެންޝަލް ޕާމިޓްގެ ގޮތުގައި ލިބުނު 47.9 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ފީތަކުން ލިބުނު 304.9 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ރެޖިސްޓްރޭޝަން އާއި ލައިސަންސް ފީގެ ގޮތުގައި 388.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި ދައުލަތަށް 10 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރާންޓްސްގެ ގޮތުގައި 386.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އޮގަސްޓު 19ގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޚަރަދަށް ބަލާއިރު، 16.4 ބިލިއަން ރުފިޔާގެ ތެރެއިން ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ރިކަރެންޓް އެކްސްޕެންޑިޗަރގެ ދަށުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް 5.9 ބިލިއަން ޚަރަދުކޮށްފައިވާއިރު، އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސްގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އަހަރުގެ މިހާތަނަށް އައިރު ލޯނު ރިޕޭމެންޓުގެ ގޮތުގައި 643.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މަލްޓިލެޓެރަލް އެޖެންސީތަކުގެ ސަބްސްކްރިޕްޝަން ފީގެ ގޮތުގައި 8.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 214 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް