ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 15:45
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް
އަހުމަދު ފައިރޫޒު އޭއެފްސީ
އޭއެފްސީ ކަޕް
މިއީ މި ވަގުތު މާޒިޔާގެ ފެންވަރު: ވިޑަކޮވިޗް
 
މުބާރާތުގައި ކުޅުނު ތިން މެޗުންވެސް މާޒިޔާ ވަނީ ބަލިވެފައި
 
މިއީ އޭއެފްސީ ކަޕުގައި މާޒިޔާގެ ނަތީޖާ އެންމެ ދަށް ފަހަރު

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ހުރިހާ މެޗަކުން ބަލިވިއިރު، މިއީ މި ވަގުތު އެ ޓީމުގެ ފެންވަރު ކަމަށް ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

އަމިއްލަ ގައުމުގައި ކުޅުނު ތިން މެޗުންވެސް މާޒިޔާ ބަލިވިއިރު، ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި އިންޑިއާގެ އޭކޭޓި މޯހަން ބަގާން އަތުން 3-1 ގެ ނަތީޖާއަކުން ބަލިވިއިރު، ގްރޫޕުގެ ފަހު މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވީ 6-2 ގެ ނަތީޖާއަކުންނެވެ.

ބެންގަލޫރު މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ މާޒިޔާ އޮތީ ވަރަށް ދަތި ހާލަތެއްގައި ކަމަށެވެ. އެގޮތުން ނަތީޖާ މިހާ ބޮޑަށް ދަށްވީ ގިނަ ދުވަސްތަކެއް ވަންދެން ވާދަވެރި މެޗެއް ނުކުޅެވުން ކަމަށާއި، އަދި ނުވަ ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހުމުންވެސް އަސަރުކުރި ކަމަށެވެ. އަދި ޓީމުގައި އަނިޔާގެ ބައެއް މައްސަލަތައް ހުރި ކަމަށްވެސް ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕަށް މާޒިޔާއިން ބޮޑު ޚަރަދެއް ކޮށްފައިވާއިރު، ވިޑަކޮވިޗް ބުނީ މި ގްރޫޕުގައި ދެން ކުޅުނު އެހެން ޓީމުތަކާ އަޅާބަލާއިރު، މާޒިޔާއިން ކޮށްފައިވަނީ ކުޑަ ޚަރަދެއް ކަމަށެވެ. އަދި މި މުބާރާތަށް މާޒިޔާއިން ނުކުތީ ކިހާވަރެއް ޚަރަދުކޮށްގެންކަން ނޭނގޭ ކަމަށާއި، އެނގޭހާވެސް އެއްޗަކީ މި ގްރޫޕުގައި ދެން އޮތް ތިން ޓީމުންވެސް މާޒިޔާއަށްވުރެ ގިނައިން ޚަރަދުކޮށްފައިވާކަން ކަމަށެވެ.

ވިޑަކޮވިޗް އިތުރަށް ބުނީ މާޒިޔާގެ ކޯޗުކަމުގެ މަގާމުގައި އޭނާ ބަހައްޓަން ނިންމާނީ ޓީމުގެ މެނޭޖުމަންޓުން ކަމަށާއި، މާޒިޔާގެ ފަރާތުން އެއްބަސްވުން އިތުރުކުރުމުގެ ހުށަހެޅުމެއް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ. އަދި މާޒިޔާއިން ހުށަހެޅުމެއް ހުށަނޭޅި ކަމުގައިވިޔަސް، އެކަމާ ފަރުވާލެއް ނެތް ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗުގެ އިރުޝާދުގެ ދަށުން މާޒިޔާއިން އޭއެފްސީ ކަޕާ ކުރިމަތިލިއިރު، އޭނާ އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހެވެ. އޭއެފްސީ ކަޕުގެ ކުރިން ވިޑަކޮވިޗުގެ އިރުޝާދުގެ ދަށުން ކުޅުނު އެއްވެސް މެޗަކުން މާޒިޔާ ބަލިވެފައެއް ނުވެއެވެ. އެގޮތުން އޭއެފްސީ ކަޕާ ކުރިމަތިލުމުގެ ކުރިން ވިޑަކޮވިޗުގެ ކޯޗުކަމުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މާޒިޔާ މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފައެވެ.

މި ފަހަރުގެ އޭއެފްސީ ކަޕަކީ މާޒިޔާއިން މި މުބާރާތުގައި މިހާތަނަށް ވާދަކުރި ހަތް ފަހަރުގެ ތެރެއިން އެންމެ ނަތީޖާ ދަށް ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވާދަކުރި އަހަރުތަކުގެ ތެރޭގައި އެންމެ ދަށްކޮށް ދިޔަ ފަހަރަކީ 2014 ވަނަ އަހަރެވެ. އެ ފަހަރު ހަ މެޗު ކުޅެގެން މާޒިޔާ ނިންމާލީ އެއް ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
100%
0%
0%
ކޮމެންޓް