ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާކަން ހާމަކޮށްފިއެވެ.
އދ. ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާން ސަރުކާރުގެ ދައުވަތަކަށް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އޮގަސްޓް މަހުގެ 26ން 28ށް ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭ ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓަރު މޮޓޭގީ ޓޮޝިމިޓްސޫއާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި އދ. ގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އާއްމު މަޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދުއާއި ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާކުރައްވާނެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވެސް ޖަޕާން ސަރުކާރާއެކު މިނިސްޓަރު ޝާހިދު މަޝްވަރާކުރައްވާނެއެވެ.