މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އައްޑޫ ސިޓީގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ފޭދޫ އިން ހޯދައިފިއެވެ.
އައްޑޫގެ ޗެމްޕިއަންކަން ފޭދޫއިން ހޯދީ ފައިނަލްގައި ހިތަދޫއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-4 އިން ކުރި ހޯދައިންގެންނެވެ.
މީދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހިއެވެ.
އެހެން ނަމަވެސް ދެވަނަ ހާފު ފެށިގެން ހިތަދޫ އިން ވަނީ މޮޅު ކުޅުމަކާ އެކު ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޖިބޯލާއެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮށް ފޭދޫއިން ވަނީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އަސްއަދު އެވެ.
ފޭދޫގެ މި ލަނޑާއެކު މެޗު ނިމުނު އިރު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފޭދޫއިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހުމަދު ސައީދު (އައްމަޓީ) އާއި ހަސަން އަސްއަދާއި މުހްތާރު ނަސީރު (ޓޫކިލޯ) އަދި އެބްނޯ އެވެ.
ހިތަދޫއަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހަސަން މިފްރާހާއި މުހައްމަދު ޝުއާއު އަދި މުހައްމަދު އިންޝާލް އެވެ.
ފޭދޫއަކީ މިމުބާރާތް ތައާރަފްކުރި 2015 ވަނަ އަހަރު ގައުމީ ޗެމްޕިއަން ޓީމެވެ. އެޓީމު ވަނީ ގައުމީ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން މިދިޔަ އަހަރުގެ ޕުރެސިޑެންޓްސް ކަޕްގައި ވެސް ވާދަކޮށްފައެވެ.
ސިޓީ ޗެމްޕިއަން ދެން ވާދަކުރާނީ ޒޯން މުބާރާތުގައެވެ. އަށްވަނަ ޒޯންގައި އެޓީމާ ވާދަކުރާނީ ފުވައްމުލަކުގެ ޗެމްޕިއަން ދޫޑިގަމެވެ. މިދެޓީމު ބައްދަލު ކުރާ ފުރަތަމަ މެޗު އަންނަ ހޯމަ ދުވަހު އޮންނާނީ ފޭދޫގެ ހޯމް ދަނޑުގައެވެ.