ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 08:44
ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި
ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި
ވެލާނާ އެއާޕޯޓް
ރާއްޖެ އަންނަ ފަތުރުވެރިން
އޮގަސްޓުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
ޑެއިލީ އެވްރެޖު ވަނީ 4,827 ފަތުރުވެރިންނަށް އިތުރުވެފައި
އޮގަސްޓް އެއް ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައި ވަނީ 101,374 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައި ވަނީ 713,741 ފަތުރުވެރިން

އޮގަސްޓު މަހުގެ މިހާތަނަށް ރާއްޖެއަށް އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް އެއް ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް 101,374 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 2.5 އިންސައްތަ ދަށް އަދަދެއް ނަމަވެސް 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 5,262 ފަތުރުވެރިންނާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. އެއީ 1,826.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކުޑަ މަޑުޖެހުމެއް އައުމަށް ފަހު މިހާރު އިތުރުވާން ފަށާފައިވާއިރު، އޮގަސްޓު މަހުގެ ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އެވްރެޖު ވަނީ 4,827ށް އިތުރުވެފައެވެ. އަދި ފަތުރުވެރިން އާންމުކޮށް 9 ދުވަސް ރާއްޖޭގައި ހޭދަކުރާއިރު، ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 50,064 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

އޮގަސްޓު މަހަކީ ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ތިން ވަނަ މަހެވެ. މީގެ ކުރިން އެއް މަހެއްގައި ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މާޗު އަދި ޖުލައި މަހުއެވެ. މާޗު މަހު އައީ 109,585 ފަތުރުވެރިންނެވެ. އަދި ޖުލައި މަހު ރާއްޖެ އައިސްފައި ވަނީ 101,818 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 713,741 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 83.1 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި އަހަރު އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެ ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.

- ކޮމެންޓް