ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 06:11
ސަމްޑޯރިއާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
ސަމްޑޯރިއާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޑިއާޒްގެ ލަނޑުން މިލާނަށް މޮޅެއް
 
ސަމްޑޯރިއާ އަތުން މިލާން މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ލީގުގައި ދެން މިލާން ނުކުންނާނީ ކަލިއާރީއާ ދެކޮޅަށް

މި ސީޒަނުގެ އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ސަމްޑޯރިއާ އަތުން ހަނި ގޮތަކަށް މިލާން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި މިލާނުން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީ ދޫކޮށް އެ ޓީމާ ގުޅުނު ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ހިމަނާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މިލާނުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ވަރަށް ކުރީކޮޅެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ޑޭވިޑޭ ކަލާބްރިއާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި ސަމްޑޯރިއާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފުގައި ހިލޭ ޖެހުމަކުން އެ ޓީމުގެ މަނޯލޯ ގަބިއަޑީނީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި މި ހާފުގައި އޭރިއާ ބޭރުން މިލާނުގެ ތެއޯ ހެނާންޑޭޒް ފޮނުވާލި ހަމަލާއެއްގެ ހުރަހަކަށްވީ ސަމްޑޯރިއާގެ ގޯލްކީޕަރެވެ.

މި މެޗުގެ ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސަމްޑޯރިއާ ގަބިއަޑީނީއަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ މިލާނުގެ ގޯލްކީޕަރު ވަނީ ހުއްޓުވާފައެވެ. އަދި މި ހާފު ނިމެން ގާތްވެފައި ވަނިކޮށް މިލާނުގެ އަންޓެ ރެބިޗް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި ސީޒަނުގެ ލީގުގައި ކުޅުނި ފުރަތަމަ މެޗުން މިލާން މޮޅުވިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި މިލާން ނުކުންނާނީ ކަލިއާރީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް