ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 07:02
މުޙައްމަދު މަބްރޫކް އަޒީޒް - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން
މުޙައްމަދު މަބްރޫކް އަޒީޒް - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން
ރައީސް އޮފީސް
ނިޒާމީ ވޯޓު
ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންވާނަމަ ނިޒާމީ ވޯޓަކަށް ދާނެ - މަބްރޫކް
އަމާޒަކީ އެ ޕެޓިޝަނަށް 100،000 ސޮއި ހޯދުން
މިހާރު މިއޮތް ރިޔާސީ ނިޒާމަކީ ވެސް ރައްޔިތުންގެ ޚިޔާލާއެކު ގެނެވުނު ނިޒާމެއް
ޕެޓިޝަން ރައީސް އޮފީހަށް ލިބުމުން ދެން އެކަމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރިއަށްދާނެ

ގިނަ އަދަދެއްގެ ރައްޔިތުން އެދޭނަމަ ނިޒާމާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަަށް ދިޔުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ހޯމަދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ނިޒާމީ ވޯޓަކަށް ދިޔުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދޭނަމަ އެކަމަށް ރައީސް ހުރަސް ނާޅުއްވާނެ ކަމަށެވެ. މިހާރު މިއޮތް ރިޔާސީ ނިޒާމަކީ ވެސް ރައްޔިތުންގެ ޚިޔާލާއެކު ގެނެވުނު ނިޒާމެއް ކަން ފާހަގަކުރައްވައި މަބްރޫކު ވިދާޅުވީ، މިހާރު ސޮއިކުރަމުންދާ ޕެޓިޝަން ރައީސް އޮފީހަށް ލިބުމުން ދެން އެކަމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު ރައީސްގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި، އެމަނިކުފާނު މިހާރު އެންމެ އިސްކަމެއް ދެއްވަނީ ވެފައިވާ ވައުދުފުުޅުތައް ފުއްދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންވާ ކަމަށް ވަންޏާ އަދި މިކަމުގެ ބަހުސް އެ ހިސާބަކަށް ގޮސް ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދޭ ކަމަށް ވަންޏާ، އެކަން ކުރުމަށް ސަރުކާރުން ވެސް ދެކެނީ ރެފަރެންޑަމަކަށް ދިޔުމޭ އެންމެ ރަނގަޅު ގޮތަކަށް ވާނީ
މުޙައްމަދު މަބްރޫކް އަޒީޒް - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން

ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ޕެޓިޝަނުގައި ސޮއިކުރައްވާފައެވެ. އެމްޑީޕީގެ ބައެއް އާއްމު މެމްބަރުން ވެސް އަންނަނީ މި ޕެޓިޝަނުގައި ސޮއިކުރަމުންނެވެ. ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ބުނެފައިވަނީ، އަމާޒަކީ އެ ޕެޓިޝަނަށް 100،000 ސޮއި ހޯދުން ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ހިންގުން ބަދަލުކުރުމަށް ރައީސް ނަޝީދު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން ބަރުލަމާނީ ނިޒާމަކީ ވައްކަން ކުރުމަށް އެންމެ ފުރުސަތު ކުޑަ ނިޒާމުކަމަށެވެ. މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ މެމްބަރުން ވޯޓު ވިއްކުމުގެ ނުރައްކާ ކަމަށާއި، ބަރުލަމާނީ ނިޒާމުގައި މެމްބަރުންނަކީ ވަޒީރުންނަށް ވުމުން ވޯޓު ވިއްކުމުގެ ފުރުސަތު ކުޑަވެގެން ދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރައްވަން ދަތިފުޅުކަމަށް ވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއް ހެއްދެވުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އިދިކޮޅުންވަނީ ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ނެތް ކަމަަށް ބުނެފައެވެ.


Advertisement
- ކޮމެންޓް