ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 21:44
ގައުމީ ޓީމަށް އަލުން ނެގި ހުނަރުވެރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)
ގައުމީ ޓީމަށް އަލުން ނެގި ހުނަރުވެރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)
އެފްއޭއެމް
އަޑުބަރޭ ގައުމީ ޓީމަށް ނެގުން
ތިން އަހަރަށްފަހު އަޑުބަރޭ އަލުން ގައުމީ ޓީމަށް
 
އަޑުބަރޭ ގައުމީ ޓީމުން ރިޓަޔާކުރީ 2018 ވަނަ އަހަރުގެ މާޗުގައި
 
ހަ އަހަރަށްފަހު ޔާމްބެވެސް ވަނީ ގައުމީ ޓީމުގެ ސްކޮޑަށް ނަގާފައި
 
ސާފް ޗެމްޕިއަންޝިޕަށް ޕްރިލިމިނަރީ ސްކޮޑެއް ވަނީ އެކުލަވާލާފައި

ގައުމީ ފުޓްބޯޅަ ޓީމުން 2018 ވަނަ އަހަރު ރިޓަޔާކުރި ހުނަރުވެރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަލުން ގައުމީ ޓީމަށް ނަގައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި މިހާރު އުމުރުން 34 އަހަރުގެ އަޑުބަރޭ ގައުމީ ޓީމުން ރިޓަޔާކުރީ 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ފަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އޭރުގެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓުގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އެކަމަކު އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން އެކުލަވާލި 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި އަޑުބަރޭ ވަނީ ހިމަނާފައެވެ. ގައުމީ ޓީމުން 2007 ވަނަ އަހަރު ޖާގަ ހޯދި އަޑުބަރޭ ފާހަގަވެގެން ގޮސްފައިވަނީ ޖެހިލުން ކުޑަ މިޑްފީލްޑަރެއްގެ ގޮތުގައެވެ. އޭނާ ވަނީ ރާއްޖޭން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އަޑުބަރޭ ވަނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅެފައެވެ.

އަޑުބަރޭ އަލުން ގައުމީ ޓީމަށް ނެގިއިރު، 2018 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އަޑުބަރޭ، މިދިޔަ ސީޒަނުގެ މެދުތެރެއިން ވަނީ ކުލަބު އީގަލްސްއާ ގުޅެފައެވެ. އޭނާ އެ ޓީމާ ގުޅުނީ މި އަހަރުގެ އޭއެފްސީ ކަޕާ އަމާޒުކޮށެވެ.

އީގަލްސްއަކީ ފުރަތަމަ ޑިވިޝަނުގައި އަޑުބަރޭ ކުޅުނު ހަވަނަ ޓީމެވެ. ކުލަބު ވެލެންސިއާއިން ކެރިއަރު ފެށި އަޑުބަރޭ ވަނީ ކުލަބު ގްރީން ސްޓްރީޓްސްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކުލަބު، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ކުޅެފައެވެ. މީގެ ތެރެއިން ނިއު ރޭޑިއަންޓުން ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި މާޒިޔާއާއެކު އަޑުބަރޭ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި، 2016 ވަނަ އަހަރުގެ ދިވެހި ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްފައެވެ.

ގައުމީ ޓީމުން ދެން އަލުން ފުރުސަތު ހޯދި ކުޅުންތެރިއަކީ މާޒިޔާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) އެވެ. މީގެ ކުރިން ގައުމީ ޓީމަށް ކުޅުނު ޔާމްބެ އެންމެ ފަހުން ގައުމީ ޓީމަށް ސްކޮޑުގައި ހިމެނިފައިވަނީ 2015 ވަނަ އަހަރެވެ.

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލިއިރު، ދާދި ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭން ހަމަޖައްސާފައެވެ.

މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކު ސާފް ޗެމްޕިއަންޝިޕާ ރާއްޖެ ކުރިމަތިލާއިރު، އެ މުބާރާތް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ގައުމީ ޓީމުގެ 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑް:

މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، އިބްރާހިމް އައިސަމް، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، މުޙައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)، މުޙައްމަދު އުމެއިރު، އަސަދުﷲ އަބްދުﷲ (އަސަކޮ)، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)

އީގަލްސް: ހަސަން ރާއިފް އަޙްމަދު (ހަންނަ)، އިމްރާން ނަޝީދު (އިންމަ)، އަޙްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، މުޙައްމަދު ނާއިމް، ހައިޝަމް ހަސަން (ބިޑި)، އަސްހަދު އަލީ (އަޑުބަރޭ)

ވެލެންސިއާ: މުޙައްމަދު ޝަފީއު (ޗެކް)، މުޙައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ޣަނީ (އަކޫ)

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ): އަލީ ނާޖިހު، މުޙައްމަދު އާރިފް (ބަކާ)، އިސްމާޢީލް އީސަ (މެސީ)،

ގްރީން ސްޓްރީޓްސް: މުޙައްމަދު ސާއިފް، ހަސަން ނަޒީމް (ޗޯޓު)

ޓީސީ: މުޙައްމަދު އަޖުފާން، އަލީ ޝާމިސް (ތޮއްޕޭ)

ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް