ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 00:18
ބަޔާނާއި ކޮލޯން ބައްދަލުކުރި މެޗުގެ ތެރެއިން
ބަޔާނާއި ކޮލޯން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ކޮލޯން އަތުން ބަޔާނަށް ހަނި މޮޅެއް
 
ކޮލޯން އަތުން ބަޔާން މޮޅުވީ 3-2 ގެ ނަތީޖާއަކުން
 
މިއީ ބަޔާނުން މި ފަހަރުގެ ލީގުގައި ހޯދި ފުރަތަމަ މޮޅު

ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ކޮލޯން އަތުން ހަނި ގޮތަކަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކޮށް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށުމުގެ ކުރިން ބަޔާނުން ވަނީ ދާދި ފަހުން މަރުވި އެ ޓީމުގެ ލެޖެންޑް އަދި ޖަރުމަނުގެ ކުރީގެ އެއް ނަންބަރު ފޯވާޑް ގާޑް މުލާގެ ހަނދާނުގައި ވަގުތު ކޮޅެއް ހޭދަކޮށްފައެެވެ. ބަޔާނުގައި 15 އަހަރު ހޭދަކޮށް، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯލަ ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑާއި ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައިވާ މުލާ މަރުވީ އުމުރުން 75 އަހަރުގައެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރުމ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ފަސް ލަނޑުވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައި، 21 މިނެޓުގެ ތެރޭގައެވެ.

އެގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޖަމާލް މުސިއާލާ ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު ލެވަންޑޯސްކީ ވަނީ މި ސީޒަނުގެ ޖަރުމަން ލީގުގައި ބަޔާނުން ކުޅުނު ދެ މެޗުގައިވެސް ލަނޑު ޖަހާފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން ބަޔާނަށް ލީޑު ފުޅާކޮށްދިނީ ސާޖް ގްނަބްރީއެވެ.

އެކަމަކު ބަޔާނުން ލީޑު ފުޅާކުރިތާ ތިން މިނެޓު ތެރޭ ކޮލޯނުން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މޮޑެސްޓޭ އާއި މާކް އުތެވެ. މި މެޗުގައި ބަޔާނުން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްނަބްރީއެވެ.

މި މެޗުން ބަޔާން މޮޅުވިއިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ލީގުގައި ބަޔާނުން ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި ބަޔާން ނުކުންނާނީ ހާތާ ބާލިންއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް