މާލޭގެ ގެއަކަށް އަންހެނަކު ވަދެ ފެން އަޅާ ވީޑިއޯއެއް އާއްމުކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
އިސްލާމް ދީނަށް ހޭލުންތެރިކުރުވުމުގެ އެކިއެކަންކަމުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަ ޢަލީ ރަމީޒު މިވީޑިއޯ އާއްމުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. މިވީޑިއޯއިން ފެންނަނީ އަންހެނަކު ގެއެއްގެ އެކިތަންތަނަށް ފެން އަޅާ މަންޒަރެވެ.
މިވީޑިއޯ އާއްމުކޮށް އަލީ ރަމީޒު ބުނެފައިވަނީ، އޭނާގެ ރައްޓެއްސެއްގެ ގެއަށް އަންހެނަކު ވަގަށް ވަދެ ގޭގެ އެކިތަންތަނަށް އަޅާފައިވަނީ ސިހުރު ހަދާފައިވާ ފެން ކަމަށެވެ. އަދި ދެތިން ފަހަރެއްގެ މަތިން އެއަންހެން މީހާ އެކަން ކޮށްފައިވާ ކަމަށް ޢަލީ ރަމީޒު ބުނެފައިވެއެވެ.
ވަގަށް ވަދެ މިއަޅަނީ ކޮން ފެނެއް. އަޅުގަނޑު ރައްޓެއްސެއްގެ ގެއަށް އަންހެނަކު ވަގަށް ވަދެ ގޭގެ އެކިތަންތަނަށް ފެން އަޅާ މަންޒަރު. ޔަގީން ކުރެވޭ ގޮތުގައި އެއީ ސިހުރު ހަދާފައިވާ ފެނެއް.ޢަލީ ރަމީޒު
ޢަލީ ރަމީޒު ބުނީ މީސްމީހުންގެ ދިރިއުޅުން ހަލާކުކުރުމަށް ސިހުރު ހަދާ މީހުން މިމުޖުތަމައުގައި އަދިވެސް ވަރަށް ގިނަ ކަމަށެވެ. އަދި މިފަދަ މީހުންގެ ނުބައިކަމުން މުޖްތަމަޢު ރައްކާތެރި ކުރުމަށް ފިޔަވަޅުއަޅަންޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.
މިމައްސަލައާ ގުޅޭ ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.