ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 07:15
އަދާލަތު ޕާޓީގެ ސްޕޯކްސްމަން އަލީ ނަޒީރު
އަދާލަތު ޕާޓީގެ ސްޕޯކްސްމަން އަލީ ނަޒީރު
މުހައްމަދު ފަޒީން
އަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތްތައް
އަދާލަތު ޕާޓީން މިވަގުތު އެންމެ މުހިންމު ކަމެއް ދެނީ ރައްޔިތުން އިންތިޚާބުކުރި ސަރުކާރު އެގޮތުގައި ބޭއްވުމަށް: ނަޒީރު
ނަޒީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ފާއިތުވި ތަނުގައި އިންތިޚާބުތަކުގައި ރައްޔިތުން ކައިރިޔަށް ގޮސްފައިވަނީ ކޯލިޝަނަކާއެކު ކަމަށް
ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާ ކަމެއްވެއްޖެނަމަ އަދާލަތު ޕާޓީ އެފަދަ ބަޔަކާއެކު ނޯންނާނެކަމަށް ނަޒީރު ވިދާޅުވި

އަދާލަތު ޕާޓީން މިވަގުތު އެންމެ މުހިންމު ކަމެއް ދޭކަމަކީ 2018 ވަނަ އަހަރު ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކޯލިޝަން ސަރުކާރު އެގޮތުގައި 2023 ވަނަ އަހަރާ ހައަށް ގެންދިޔުން ކަމަށް އެޕާޓީގެ ސްޕޯކްސްމަން އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ކިހާވަރަކަށް އަދާލަތު ޕާޓީގެ މައްޗަށް ސަރުކާރު ހިންގުމުގައި ބަރޯސާވެވިދާނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ފާއިތުވި ތަނުގައި އިންތިޚާބުތަކުގައި ރައްޔިތުން ކައިރިޔަށް ގޮސްފައިވަނީ ކޯލިޝަނަކާއެކު ކަމަށެވެ. އެއީ ދިވެހިން އެކެއްގެ އަތްމައްޗަށް ނުވަތަ އެއް ފިކުރަކަށް ގައުމު ހިންގަން ދޫކޮށްލަން ބޭނުންނުވާތީ ކަމަށް ނަޒީރު ވިދާޅުވިއެވެ.

2018 ވަނަ އަހަރު އެތައް ދުވަސްތަކެއް ވަންދެން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މަޝްވަރާކުރުމަށްފަހު މެނިފެސްޓޯ އެއް އެކުލަވާލައި ރައްޔިތުންނަށް ވިއްކާފައިވަނީ އެ މެނިފެސްޓޯކަމަށް ނަޒީރު ވިދާޅުވިއެވެ.

މިހުރިހާ ކަމަކަށް ފަހު ރައްޔިތުން އިންތިޚާބުކުރީމާ އޭގެ އަނެއް ދުވަހު ކޯލިޝަން ރޫޅާލުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް. އެގޮތަށް އެކަން ކޮށްގެން ނުވާނެކަމަށް ދެކެނީ. އެބަ ފެނޭ މިފަހަރު އުފެދުނު ސަރުކާރު ރައްޔިތުން އިންތިޚާބުކުރި ސަރުކާރު އެރޫހުގައި ދެމެހެއްޓުމަށް ރައީސް މަސައްކަތްކުރައްވާ، އެގޮތަށް ކުރައްވާހާ ހިނދަކު އަދާލަތު ޕާޓީ، ރައީސް ސާލިހާއެކު ތިބޭނެ. ދެން ގިނަ ބަޔަކު އެކުވެގެން ހިންގާ ކޮންމެ ކަމެއްގެ ތެރޭގައި ވެސް ޚިލާފު އުފެދޭ ކަންކަން ހުންނާނެ. އެކަންކަން ހައްލު ހޯދުމަށް ކުރަންޖެހޭ ކަންކަމުގައި ވެސް ރައީސް ބޮޑު ދައުރެއް އަދާކުރައްވާ. މިވަގުތު އެންމެ މުހިންމު މަސައްކަތަކީ 2018 ވަނަ އަހަރު ރައްޔިތުން އިންތިޚާބު ކުރި ވެރިކަން އެގޮތުގައި 2023 ވަނަ އަހަރާ ހަމައަށް އެގޮތުގައި ގެންދިޔުން
އަލީ ނަޒީރު/ އަދާލަތު ޕާޓީގެ ސްޕޯކްސްމަން

ދާދިފަހުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އިދިކޮޅު ކޯލިޝަނާ ގުޅުމަށް އައި ދައުވަތާ ގުޅިގެން އެ ދައުވަތު އަދާލަތު ޕާޓީން ގަބޫލުނުކުރި ސަބަބާ ގުޅޭގޮތުން ނަޒީރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާ ކަމެއް ދިވެހިންގެ ބައެއްގެ ފަރާތުން ވެސް އަދި ބިދޭސީ ބައެއްގެ ފަރާތުން ވެސް ހިނގާ ކަމަށް ވެއްޖެނަމަ އެހެން ބަޔަކު އަދާލަތު ޕާޓީއަށް ދައުވަތު ދެންދެން އަދާލަތު ޕާޓީއެއް ނޯންނާނެ ކަމަށެވެ.

އެފަދަ ކަމެއް ހިނގާނަމަ އެކަމަކާ ދެކޮޅަށް އަދާލަތު ޕާޓީ އަމިއްލައަށް ތެދުވާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެކުރިން ވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާފައި ހުރި ކަންކަމުގައި އަދާލަތު ޕާޓީން ނަގާފައިވާ ސްޓޭންޑަކީ މިކަމަށް ހެކިވާނެ ކަންކަން. އަޅުގަނޑުމެންނަށް ވުރެ ހަލުވިކޮށް އެފަދަ ހާލަތެއް މެދުވެރިވީމާ ރިއެކްޓްކުރާ ބަޔަކު ނެތް. އެހެން ނޫން ރާއްޖޭގައި މިހާރުވެސް ހަމަ އަބަދުވެސް ތަކުރާރުކޮށް މިދަންނަވަނީ ދިވެހިންގެ މެދުގައި އޮންނަންވީ އެކުވެރިކަމާއި ގައުމިއްޔަތު ރައްކާތެރިކުރުމުގެ ޝުއޫރެއް އޮންނަންވީ. އެވާހަކަތައް ދައްކަންވީ. އެކަމަކު އެކަންކަމަކީ އަޅުގަނޑުމެންނާ އަވަށްޓެރި ގައުމުތަކާއި އަޅުގަނޑުމެންނާއި ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅުން ކެނޑޭ ވާހަކަތަކަށް ވެގެން ނުވާނެ. އަދާލަތު ޕާޓީއަކުން ނުދެކޭ މިވަގުތުގައި ރައްޖޭގައި މިނިވަންކަމާއި އިސްތިގުލާލަށް ބުރުޫރާ ފަދަ ކަމެއް ހިނގަމުންދާކަމަކަށް. އަދި އަޅުގަނޑުމެން ޝާމިލްވާ ސަރުކާރެއްގެ ތެރެއިން އެފަދަ ކަމަކަށް ފުރުސަތު ނުދޭނެކަން އެއީ ހަމަ ސަރީހަކޮށް ދަންނަވަން ކެރޭ
އަލީ ނަޒީރު/ އަދާލަތު ޕާޓީގެ ސްޕޯކްސްމަން

އަލީ ނަޒީރު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އަދާލަތު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ފެނުމަކީ ވެސް ވެދާނެ ކަމެއްކަމަށެވެ. ނަމަވެސް އަދާލަތު ޕާޓީން އަބަދުވެސް ރިޔާސަތާ ތޮޅުމަށްވުރެ ބޮޑަށް އަދާކުރަމުން އައީ އެހެން ދައުރެއްކަމަށް ނަޒީރު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި އުފެދިފައިވާ ސަރުކާރުތަކަކީ ކޯލިޝަން ހަދައިގެން އައިސްފައިވާ ސަރުކާރުތަކަށްވާއިރު އެއިން ކޮންމެ ސަރުކާރެއް ވެސް އުފެއްދުމުގައި އަދާލަތު ޕާޓީގެ ހިއްސާ އޮންނަކަން ފާހަގަކުރައްވައި އަލީ ނަޒީރު ވިދާޅުވީ ރައްޔިތުން އަދާލަތު ޕާޓީ ބަލައިގެންފައިވަނީ ވެސް އެގޮތަށް ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ވެސް ޕާޓީން މަސައްކަތްކުރަމުން އަންނާނީ އެ ދައުރު އެގޮތުގައި ދަމަހައްޓައި ފުޅާ ކުރުމަށްކަމަށް ނަޒީރު ވިދާޅުވިއެވެ.

މިހާރަށް ބަލާއިރު އަދާލަތު ޕާޓީއަށް މަދުވާ އެއްޗަކީ ސިޔާސީ ހަރަކާތް ހިންގުމާއި އިންތިޚާބުތަކުގައި މަސައްކަތްކުރާނެ ގޮތްތައް ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ޕާޓީން އެކަންކަން ދަސްކޮށް ޕާޓީއަށް ބަދަލުތަކެއް އެ މަގުން އަންނާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

- ކޮމެންޓް