އަދާލަތު ޕާޓީ އާއި ހަރުކަށި ފިކުރާ ގުޅުވައިގެން ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ވާދަވެރިކަމުގައި އެކި މޫސުންތަކުގައި ދައްކަމުންދާ ވާހަކަތަކެއްކަމަށް އަދާލަތު ޕާޓީގެ ސްޕޯކްސްމަން އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އަދާލަތު ޕާޓީ އާއި ހަރުކަށި ފިކުރާ ގުޅުވައިގެން ވާހަކަތައް ދެކެވެމުން އަންނަނީ ކީއްވެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އަލީ ނަޒީރު ވިދާޅުވީ އެވާހަކަތައް ދެކެވޭ ގޮތަށް ބަލައިފިކަމަށްވާނަމަ އެކަން ހިނގާގޮތް ސާފުކޮށް ފެންނާނެކަމަށެވެ. އެގޮތުން ގާތުން މަސައްކަތްކުރަމުން އައިސް، އެއްވެސް ކަމެއް ބަދަލުނުވެ އަދާލަތު ޕާޓީ އާއި ހަރުކަށި ފިކުރާ ގުޅުވާ ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.
އެއީ ރާއްޖޭގެ ރައްޔިތުންނަށް އަދާލަތު ޕާޓީއަކީ އައު ޕާޓީއަކަށް ނުވާތީ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.
އެއް ދުވަހު އިރު އަރާއިރުގައި އަޅުގަނޑުމެންނާ ވަރަށް ގާތުގައި އަޅުގަނޑުމެން ކޮންމެހެން މުހިންމު ވެގެން އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރައްވާ ބޭފުޅުން ހަމަ އެއްވެސް ހާލަތެއް އެއްވެސް ކަމެއް ބަދަލު ނުވަނީސް ޖެހިގެން އަންނަ ދުވަހު އަދާލަތު ޕާޓީއަކީ ހަރުކަށި ޕާޓީއެއް ކަމަށް ވިދާޅުވާކަމަށް ވާނަމަ އަޅުގަނޑު ހިތުން ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ. ރާއްޖޭގެ ރައްޔިތުންނަށް އަދާލަތު ޕާޓީ އަކީ އައު ބައެއް ނޫން. އަޅުގަނޑުމެންނާ އެކުގައި މަސައްކަތްކުރާތާ ޒަމާންތަކެއް ވެއްޖެ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ތިބި ބޭފުޅުން ވެސް ސިޔާސީ ލީޑަރުން ވެސް. އެހެންވީމާ ދެކެނީ އެވަހަކަތަކަކީ ސިޔާސީ ވާދަވެރިކަމުގައި އެކި މޫސުން މޫސުމުގައި ދެކެވޭ ވާހަކަތަކެއް ކަމެއް.އަލީ ނަޒީރު/ އަދާލަތު ޕާޓީގެ ސްޕޯކްސްމަން
ނަޒީރު އިތުރަށް ވިދާޅުވީ މިވަގުތު އަދާލަތު ޕާޓީގެ އެއްވެސް ޝައުގުވެރިކަމެއް ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރުމަށް ނެތް ކަމަށެވެ. އަދި ހަލަބޮލި ވެދާނެ ބަހުސަކަށް ހިތްވަރު ދިނުމެއް ވެސް ނެތް ކަމަށް ނަޒީރު ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ މިސްރާބު މިހާރު ހުރީ މެމްބަރުން އިތުރު ކުރުމަށާއި އަދި ކުރިޔަށް އޮތްތަނުގައި އަދާލަތު ޕާޓީ ކުރިއެރުވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ބައިވެރިވުމާއެކު މިހާރު ހިނގަމުންމިދާ ސަރުކާރުގެ އެޖެންޑާ ކާމިޔާބުކުރުމަށްޓަކައި އަދާލަތު ޕާޓީން ކުރަންޖެހޭ ކަންކަން ކުރުމަށްކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވިގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީގެ އިންކުއަރީ ރިޕޯޓްގައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް އަދާލަތު ޕާޓީ ހުރަހަކަށް ވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ވެސް ނަޒީރު ވަނީ ޖަވާބު ދެއްވާފައެވެ.
އެގޮތުން އަދާލަތު ޕާޓީ ތަމްސީލުކުރުމަށް ސަރުކާރުގައި ތިބި މީހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އިރުޝާދުގެ ދަށުން ރިކޮމެންޑޭޝަންތަކަށް އަމަލުކުރުގައި ކުރަންޖެހޭ ކަންކަން ފުރިހަމައަށް ކުރިޔަށް ގެންދާނެކަމަށް ނަޒީރު ވިދާޅުވިއެވެ. އެކަމަށް އަދާލަތު ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.