ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާގައި ދައުވާލިބޭ މީހުންގެ އިބްތިދާއީ އަޑުއެހުމެއް ބާއްވައި ވަކީލުން ހަމަޖެއްސުމަށާއި ލިޔުންތައް ދިރާސާކުރުމަށް ފުރުސަތެއް ދީފިއެވެ.
އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ގަޟިއްޔާތައް ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ހެދުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގަރާރަކުން ނިންމަވާފައިވާ ކަމަށެވެ.
އޭގެ އިތުރުން، މިމައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދަށް ހޮނިހިރު ދުވަހު 30 ދުވަސް ހަމަވާތީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އެމީހުންގެ ބަންދު މުރާޖައާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ހުށަހަޅާފައިވާކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ. އަދި މި މައްސަލާގައި 30 ދުވަހަށް ބަންދުކުރުމަށް ނިންމާފައިވާ ޢަލީ ހައިޝަމްގެ ބަންދުގެ މުއްދަތު ހަމަވާތީ، ޢަލީ ހައިޝަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ޕީޖީ އޮފީހުން ހުށަހަޅާފައިވާކަމަށްވެސް ކޯޓުން މައުލޫމާތު ދެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތަކުގެ ބަންދު މުރާޖައާ އަޑުއެހުން ކޮންމެ 30 ދުވަހުން ބާއްވަން ޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެކަމަށް އެދި ޕީޖީއޮފީހުން ފޯމް ހުށަހަޅަން ޖެހޭނެކަމަށް ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެއާއެކު ހޮނިހިރު ދުވަހު ބޭއްވުނު އަޑުއެހުމަކީ، މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ(ށ) ގައިވާ ގޮތުގެމަތިން ބަންދު މުޖާޖައާ ކޮށްދިނުމަށާއި، ޢަލީ ހައިޝަމްގެ ބަންދުގެ މުއްދަތު ހަމަވާތީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ޕީޖީ އޮފީހުން ހުށަހަޅާފައިވާތީ ބޭއްވުނު އަޑުއެހުމެއްކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ޝަރީއަތުން ވަނީ ނިންމާފައެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާފައިވާ ޢަލީ ހައިޝަމް މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްވެސް ނިންމާފައިވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ، ބަންދާމެދު ގޮތެއް ނިންމުމަށްފަހު ވަގުތު އޮތުމުން މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވިފައިވާ ކަމަށެވެ. އެގޮތުން މައްސަލާގައި ހިމެނޭ 4 މީހުންނަށްވެސް މައްސަލައިގެ ލިޔުންތައް ލިބިފައިވާކަމަށް ބުނެފައިވާކަން ފާހަގަކޮށް ކޯޓުން ބުނީ، އަދުހަމް އަހުމަދު ރަޝީދު އަދި ޢަލީ ހައިޝަމް މައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފައިވާ ކަމަށެވެ. އެއާއެކު އެ ދެމީހުންނަށް ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ.
އޭގެ އިތުރުން، މި އަޑުއެހުމަށް ވަކީލަކާއެކު ހާޒިރުވި މުޖާޒް އަހުމަދު އަދި ތަހްމީން އަހުމަދުގެ ފަރާތުން އެ ދެމީހުންގެ ވަކީލުން، މި މައްސަލާގައި ގިނަ ލިޔެކިޔުންތައް ހިމެނޭތީ އެ ލިޔުންތައް ދިރާސާ ކުރުމަށް ފުރުސަތަކަށް އެދިފައިވާތީ އެ ފުރުސަތު ޝަރީއަތުން ވަނީ ދީފައެވެ.
ކޯޓުން މައުލޫމާތު ދޭ ގޮތުގައި ދެން މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ވަކީލުން ހަމަޖެއްސުމަށާއި ލިޔުންތައް ދިރާސާކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހުގައި ކަމަށް ޝަރީޢަތުން ވަނީ އިއުލާނުކޮށްފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 ގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށެވެ.