އޮސްޓްރޭލިއާގެ މެލްބަން އަދި ސިޑްނީގައި ލޮކްޑައުނާއި ދެކޮޅަށް ކުރި މުޒާހަރައިގައި އެތައް ސަތޭކަ މީހުން ހައްޔަރުކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ.
ލޮކްޑައުންކުރުމާއި ދެކޮޅަށް އޮސްޓްރޭލިއާގެ މެލްބަން އަދި ސިޑްނީގައި މުޒާހަރާކޮށްފައިވާއިރު، މެލްބަންގައި ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. 4،000 އަށްވުރެ ގިނަ މީހުން މި މުޒާހަރާގައި ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް ސިޑްނީގައި ކުރިއަށްދިޔަ މުޒާހަރާގައި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވުމުގެ ސަބަބުން ގިނަ ބަޔަކަށް އެތަނަށް އެއްވުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
މި މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، މެލްބަންގައި ކުރިއަށްދިޔަ މުޒާހަރާގައި 218 މީހަކު ހައްޔަރުކޮށްފައިވެއެވެ. މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި 7 ފުލުހަކަށް އެކި ވަރުގެ އަނިޔާވެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 236 މީހަކު ޖޫރިމަނާކޮށް، ފުލުހުންނަށް ހަމަލާދިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިވެއެވެ. އާންމު ސިއްހަތާއި ގުޅިގެން އަންގާފައިވާ އެންގުންތަކާއި ޚިލާފުވެގެން ހައްޔަރުކުރި ކޮންމެ މީހަކު 5،000 ޑޮލަރަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާކަމަށް ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.
ސިޑްނީގައި މުޒާހަރާކުރަމުންދިޔަ މީހުންގެ ތެރެއިން އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެންނާއި، ފުލުހުންގެ ހައްޔަރަށް ދިއުމަށް ދެކޮޅު ހެދި 47 މީހަކު އަތުން ފައިސާ އަތުލާފައިވެއެވެ. މުޒާހަރާ ތެރޭގައި ހިނގައިދިޔަ އިތުރު ކަންކަމާއި ގުޅިގެން 260 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި، އެއިން ކޮންމެ މީހަކު 50 ޑޮލަރާއި، 3،000 ޑޮލަރާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށްފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި މުޒާހަރާގައި ބައިވެރިވި 250 ވަރަކަށް މީހުންނަކީ ހަމައެކަނި މުޒާހަރާގައި ބައިވެރިވެލުމަށް ސިޑްނީއަށް ދިޔަ މީހުން ކަމަށް ނިއު ސައުތު ވޭލްސްގެ ފުލުހުން ވަނީ ބުނެފައެވެ.
އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީކަމުގައިވާ ސިޑްނީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެ ސިޓީ ލޮކްޑައުންކޮށްފައި އޮންނަތާ ދެ މަސް ދުވަސް ވަނީ ފާއިތުވެފައެވެ. ދުވަހަކަށްވުރެ ދުވަހެއް އެ ސިޓީން ފެންނަ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.