ކ. މާލެ
|
21 އޯގަސްޓް 2021 | ހޮނިހިރު 12:00
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، މިފަދަ ހާދިސާތަކާއި ގުޅިގެން ވަރަށް އުނދަގޫ އިހުސާސްތައް ކުރަން ޖެހޭކަމަށް ޕީޖީ ވިދާޅުވެފައިވޭ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، މިފަދަ ހާދިސާތަކާއި ގުޅިގެން ވަރަށް އުނދަގޫ އިހުސާސްތައް ކުރަން ޖެހޭކަމަށް ޕީޖީ ވިދާޅުވެފައިވޭ
ރާއްޖެއެމްވީ
13 އަހަރު ކުއްޖާގެ މަރު
13 އަހަރުގެ ކުއްޖާގެ އަނިޔާވެރި މަރު: ''ފޮޓޯތައް ބެލިނަމަ އަޅުގަނޑު މިތާގައި ނީންނާނެ''
 
ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ސަލާމަތެއް ނުވެވޭނެ
 
ކުއްޖާގެ ހަށިގަނޑުގެ ފޮޓޯތައް ޕީޖީއަށް ބަލަން އުނދަގޫވި
 
ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ވަނީ އުފުލާފައި

ތުއްތު ކުދިންނަކީ ކޮންމެ މަޔަކާއި ބަފައެއްގެ ދެލޮލުގެ ނޫރެވެ. އެ ކުދިން ހެޔޮ ގޮތުގައި ބޮޑުކުރުމަށް އެތައް ގުރުބާނީއެއް ވެއެވެ. އަމިއްލަ ދިރިއުޅުމުގެ އެތައް ކަމެއް ގުރުބާން ކުރުމަށްފަހު އެކުދިންގެ ކަންކަމަށް މައިންބަފައިން ވަގުތު ހުސްކުރަނީ އުފަލާއެކުގައެވެ. މުޅި ދިރިއުޅުން އެކުދިންނަށް ހުސްކޮށްލާއިރު، އެކުދިންނަކީ ގައުމުގެ މާދަމައެވެ.

ގައުމުގެ މުސްތަގުބަލަށްޓަކައި، ތައުލީމީ ގާބިލް، ހަރުދަނާ ޖީލެއް އުފެއްދުމަށް މައިންބަފައިންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުންވެސް މަސައްކަތް ކުރެއެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި އަމާންވެއްޓެއް ހޯދައިދިނުމަށެވެ. ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ ވާހަކަ ހަރު އަޑުން ދައްކައި، އެކަންކަމަށް ފިޔަވަޅު އަޅާލެއްވެސް އަވަސްވެއެވެ. މުވައްސަސާތަކުން އެކަންކަން ވަރަށް ގާތުން ބަލައެވެ. ނަމަވެސް ހިތާމައަކީ މިހުރިހާ ކަމެއް މިހެން އޮތް އިރުވެސް އަނިޔާގެ ޝިކާރައަކަށް ކުޑަކުދިން ވުމެވެ.

މީގެ ފަސް އަހަރު ކުރިއަށް ނަޒަރު ހިންގާލާއިރު، މުޅި ގައުމު ސިއްސުވާލީ 2015ގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ތިން އަހަރުގެ ތުއްތު ކުއްޖަކު އޭނާގެ އުފަން މަންމަގެ އަނިޔާތަކަށް ކެތްނުވެގެން މިދުނިޔެ ދޫކުރި ޚަބަރުންނެވެ. އެހާދިސާ ހަނދާންތައް ތާޒާކަމާއެކު ހުއްޓާ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އިވެގެން ދިޔައީ، އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލުމަށްފަހު ފޮށްޓަކަށްލައި މޫދަށް އެއްލާލާފައި އޮތް ޚަބަރެވެ.

މިދެ ހާދިސާއާއެކުވެސް ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުނެއެވެ. އިންސާފު ހޯދަން ޖެހޭނެ ކަމަށް ބުނެ ރައްޔިތުން ދަތްކުނޑި ވިކައިގަތެވެ. އިންސާފު ކޮބައިތޯއާ ކުށްވެރިން ދޫކޮށްލައިގެން ނުވާނެ ކަމަށް ބުނެ އަބަދުވެސް ރައްޔިތުންގެ އެކި ފްލެޓްފޯމްތަކުގައި އެވާހަކަ ދައްކަމުންދެއެވެ. އަދި ޝަރީއަތްތައް ލަހުން ކުރިއަށްދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެއެވެ.

މާލަސްތަކެއް ނުވެ މިމަހުގެ 19ވީ ބުރާސްފަތި ދުވަހު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރިއެވެ.

މިމަރާ ބެހޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ މިމައްސަލައިގައި މިހާރު ލިބިފައިވާ ހެކިތަކުން މައްސަލަ ސާބިތުކުރެވޭނެ ކަމަށެވެ. ޕީޖީގެ ދެއްވި ޔަގީންކަމާއެކު ގިނަ ރައްޔިތުންނަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް މިހާރު ވަނީ ލިބިފައެވެ. ޝަރީއަތް ނިންމައި ހުކުމް ކުރެވޭނެ ދުވަހަކަށް އިންތިޒާރުގައި ތިބިއިރު، ޕީޖީ ދެއްކެވި ވާހަކަތަކުން މައްސަލައިގެ ސީރިއަސްކަން ހާމަވަގެންދެއެވެ. އަދި ކުއްޖާގެ ހަށިގަނޑުގެ ފޮޓޯތައް ޕީޖީއަށް ބަލަން އުނދަގޫ ވުމުން ދޭހަވަނީ، ކުއްޖާއަށް ލިބިފައިވާ އަނިޔާތަކާއި، ޒަޚަމްތައް ބޮޑުކަމެވެ.

މިމައްސަލައިގައި ބަޔާން ލިބުނު ހިސާބުން ވަރަށް އުނދަގޫވިކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ އެވާހަކަތައް ދެއްކުމަށް އުޒުރުވެރިވާ ކަމަށާއި، އެއީ މިރާއްޖޭގައި ހިނގައިގެންވާނެ ފަދަ ކަމެއް ނޫން ކަމަށެވެ. އަދިވެސް ގަބޫލުކުރަން އުދަނގޫކަމަށާއި، ހީނުކުރާ ކަހަލަ އެތައް ކަމެއް ހިނގާފައިވާކަން ޕީޖީ ވިދާޅުވިއިރު، މޫނުމަތިން އޭގެ އަސަރު ފެންނަން ހުއްޓެވެ.

މިމައްސާލައިގެ ބަޔާންތައް މިއަދު (ބުރާސްފަތި ދުވަހު) އަޅުގަނޑު ކިޔާލީމަ އެކަހަލަ އިހުސާސްތަކެއް ކުރެވުނު. ވަރަށް އެހެންކަހަލަ ގޮތަކަށް ހިނގާފައި އޮތް ކަމެއް މިއީ. އެއްގޮތަކަށް ވެސް މިރާއްޖޭގައި ހިނގައިގެންވާނެ ކަހަލަ ކަންތައްތަކެއް ނޫން. ވަރަށް ދެރަ ކަންތައްތައް. އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަހަލަ ކަންތައްތަކެއް ނޫން މީގައި ހިނގާފައި ހުރީ. އިހުސާސް ކުރެވޭ މިމައްސަލާގައި މަސައްކަތް ކުރެއްވި ފުލުހުންގެ އިވެސްޓިގޭޓަރުންނާއި މިއޮފީހުގެ ބޭފުޅުންނާއި މީގެން ކޮށްފައި ހުންނާނެ ކަހަލަ އަސަރު. މީގެ ފޮޓޯތަކެއް ނުބަލަން. ފޮޓޯތައް ނުބެލި ސަބަބަކީ ބަޔާންތައް ކިޔާފައި ވީ އުދަނގޫތަކާއިހެދި ފޮޓޯތައް ބަލާފިއްޔާ އަޅުގަނޑަށް މިތާގައި މިވާހަކަ ދައްކާކަށް ނުމެ އިދެވޭނެ. ވަރަށް އެހެން ކަހަލަ ގޮތަކަށް ހިނގާފައި އޮތް ކަމެއް.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް

ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ޕީޖީ ވަނީ ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ސަކަރާތް ނުޖެހޭނެ ކަމަށާއި، ދައުވާ ކުރެވެން އޮތް ގޮތަކަށް ދައުވާ ކުރާނެ ކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ. އަދި އެމާގަމުގައި ހުންނެވިހާ ދުވަހަކު ކުށްވެރިންނަށް ސަލާމަތްނުވެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.

އަޅުގަނޑު މިމަގާމުގައި ހުރެގެން އެގޮތަށް މިކަން ކުރާކަށް ޖާގައެއް ނުދޭނަން. ކިރިޔާ ވެސް ދައުވާއެއް ކުރެވެން އޮތީ ވިއްޔާ އެކަހަލަ ކަންކަމުގައި އުޅޭ މީހުންގެ މައްޗަށް ދައުވާ ކުރާނަން. ބައެއް މީހުންނަށް ގަބޫލުކުރެވޭ ކުޑަ ކުދިން ބޭނުންކުރީމަ ކުޑަ ކުދިންވީމަ ދައުވާއެއް ނުކުރާނޭ. ކުޑަ ކުދިންނަށް ދައުވާ ކުރުމުގައި ކޮންމެވެސް ކަހަލަ ގާނޫނެއް ހިފެހެެއްޓުންތެރިކަމެއް އެބަހުރި. އެކަމަކު ކުޑަ ކުއްޖަކު ބޭނުންކުރާ މީހެއްގެ މައްޗަށް ދައުވާ ކުރާކަށް ގާނޫނުގައި ހިފެހެއްޓުންތެރިކަމެއް ނެތް. އެމާއްދާތައް ގާނޫނުގައި އެބަހުރި. ކުޑަ ކުއްޖަކު ބޭނުންކޮށްގެން ކުށެއް ކޮށްފިއްޔާ އެކުށުގެ ދައުވާގެ އިތުރުން ކުޑަ ކުއްޖެއް ބޭނުންކުރީތީ އެކަމަށް ވެސް ވަކިން އަޅުގަނޑުމެން ދައުވާކުރާނަން.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހިނގާފައިވާ ހުރިހާ ކަމެއް ރައްޔިތުންނާއި ހަމައަށް ތިލައެއް ނުވާނެއެވެ. ނަމަވެސް އެކުއްޖާއަށް ވަރަށް ގިނަ ޖިސްމާނީ ނަފްސާނީ އަނިޔާތައް ދީފައިވާކަން މިހާރު ވަނީ ހާމަވެގެން ގޮސްފައެވެ. އަނިޔާގެ ތަދު އިހުސާސު ނުކުރެވުނު ނަމަވެސް މަންޒަރު މިހާރު ފެންނަ ކަހަލައެވެ. ކުއްޖާ ސަލާމަތްވުމަށް މަސައްކަތް ކުރާނެ މިންވަރު ތަސައްވަރު ނުކުރެވުނު ނަމަވެސް އެކުއްޖާގެ ވަށައިގެންވާ މާހައުލުން ހިމާޔަތުގެ އަތެއް ދިރިހުރިއިރު ލިބިފައިނެތެވެ. އެތައް ގޮތަކުން ކުއްޖާގެ ނާޖާއިޒް ފައިދާ ނަގަމުން ދިޔައިރު އެކަން އެނގޭނެ ބަޔަކު ވެސް ނެތީއެވެ. ޅަ ސިކުނޑިއެއް ކަމުން ވަމުންދަނީ ކީއްކަން އެކުއްޖާއަށް ނުވިސްނުނީ ކަމަށްވެސް ވެދާނެއެވެ.

މިހާރު އެކިކަހަލަ ކުށްތައް ކުރުމުގައި ކުޑަކުދިން ބޭނުންކުރާކަން މިވަނީ ޔަގީންވެފައެވެ. އެހެންކަމުން މިފަދަ ކުދިން ސަލާމަތް ކުރުމަށް މުޅި މުޖުތަމައު ނުކުންނަން ޖެހެއެވެ. އަވަސް ގޮތެއްގައި ފިޔަވަޅުތަކެއް ނޭޅިއްޖެ ކަމުގައިވާނަމަ ޝިކާރަކުރާ ކުދިންގެ އަދަދުތައް އިތުރުވެ އަނިޔާވެރިކޮށް އަޅުގަނޑުމެން އަތުން ދޫވެގެންދާ ކުޑަ ކުދިންގެ އަދަދު އިތުރުވެގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
25%
0%
59%
7%
0%
9%
ކޮމެންޓް