ކ. މާލެ
|
20 އޯގަސްޓް 2021 | ހުކުރު 16:48
އެސްޓްރަޒެނެކާ ވެކްސިން- މިވެކްސިން ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ލަފާދޭ މާހިރުންގެ ޕެނަލުންވަނީ ލަފާދީފައި
އެސްޓްރަޒެނެކާ ވެކްސިން- މިވެކްސިން ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ލަފާދޭ މާހިރުންގެ ޕެނަލުންވަނީ ލަފާދީފައި
ރޮއިޓަރސް
ވެކްސިނުގެ އަސަރު ހުންނަ މުއްދަތު ދެނެގަތުން
ގިނަ ދުވަހު އަސަރު ހުންނަނީ އެސްޓްރަޒެނެކާ ވެކްސިންގެތަ؟ ނުވަތަ ފައިޒަރ ވެކްސިންގެތަ؟
 
ފައިޒަރ ވެކްސިނަކީ ހުޅަނގުގެ ގައުމުތަކުން އެންމެ ފުރަތަމަ ހުއްދަ ދިން ވެކްސިން
 
އެސްޓްރަޒެނެކާ ވެކްސިނަކީ %70 ކާމިޔާބު ވެކްސިނެއް
 
ފައިޒަރ ވެކްސިނުގެ ބާރު އެސްޓްރަޒެނެކާއަށްވުރެ އަވަހަށް ކެނޑިގެންދާކަމަށް ބުނޭ

ދުނިޔޭގައި މިވަގުތު ހިނގަމުން އަންނަ އެންމެ ބޮޑު އެއް ހަނގުރާމައަކީ ކޮވިޑާ ދެކޮޅަށް އިންސާނުން ކުރަމުން އަންނަ ހަނގުރާމައެވެ. އިންސާނާގެ ލޮލަށް ނުފެންނަ މި ކުޑަކުޑަ ވައިރަސް ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައިވާއިރު ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައް ވެސް މި ބަލީގެ ކުރިމަތީގައި ވަނީ ކުޑަކަކޫ ޖަހަން ޖެހިފައެވެ. މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސަައިންސްވެރިންނާއި ސިއްހީ ޚިދުމަތްތެރިންގެ އިތުރުން އެތައް ބަޔަކު އަތުކުރި އޮޅާލާފައިވާއިރު, ބަލިން ދިފާއުވުމަށް ގިނަ ވެކްސިންތަކެއް ވަނީ އުފައްދާފައެވެ.

އެކި ވެކްސިންތަކުން ކުރާ އަސަރު ތަފާތެވެ. އަދި މި ވެކްސިންތަކުގެ ބާރު ހުންނަ މިިންވަރާއި އެއިން ލިބޭ ރައްކާތެރިކަން ވެސް ތަފާތެވެ. ކޮންމެއަކަސް މިކަންކަން ބަލައި, އެންމެ ގިނަ ދުވަހު ވެކްސިނުގެ ބާރު ހުންނަނީ ކޮން ވެކްސިނެއްގައިތޯ މިވަނީ ދިރާސާއެއް ހަދައި އާންމު ކޮށްފައެވެ. އިނގިރޭސިވިލާތުގެ އޮފީސް ފޮރ ނޭޝަނަލް ސްޓެޓިސްޓިކްސްއިން ތައްޔާރުކުރި ސަރވޭއެއްގެ މައްޗަށް ބިނާކޮށް އެކުލަވާލި މި ދިރާސާއިން ހާމަވާ ގޮތުގައި އެސްޓްރަޒެނެކާއަށްވުރެ ފައިޒަރގެ ވެކްސިނުގެ ބާރު މާ އަވަހަށް ކެނޑެއެވެ.

2020ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހިނގާ އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މި ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ އެކި މީހުންގެ ޕީސީއާރު ޓެސްޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށެވެ. އޮކްސްފޯޑް ޔުނިވަރސިޓީގެ ނަފީލްޑް ޑިޕާޓްމަންޓް އޮފް މެޑިސިނުން ބުނީ ފައިޒަރ ވެކްސިންގެ 2 ޑޯޒް ޖެހުމުން ކޮވިޑް ބައްޔާ ދެކޮޅަށް ލިބޭ ރައްކާތެރިކަން އެންމެ ފުރަތަމަ ދުވަސްކޮޅު (އެސްޓްރަޒެނެކާއަށްވުރެ) ބޮޑު ނަމަވެސް, އޭގެ ބާރު އެސްޓްރަޒެނެކާއަށްވުރެ އަވަހަށް ކެނޑިގެންދާ ކަމަށެވެ.

އެސްޓްރަޒެނެކާއަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. މިވެކްސިން ޖެހުމަށް, ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއަށް ލަފާދޭ މާހިރުންގެ ޕެނަލުންވަނީ ލަފާދީފައެވެ. މި ޕެނަލުން ބުނެފައިވަނީ އެސްޓްރަޒެނެކާ ވެކްސިން (އުމުރުން 65 އަހަރުން މަތީގެ މީހުން ވެސް ހިމެނޭގޮތަށް) ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރުން ރަނގަޅުކަމަށެވެ.

ވެކްސިންގެ ދެ ޑޯޒް ޖަހަންޖެހޭއިރު އެ ޕެނަލުން ބުނެފައިވަނީ, ފުރަތަމަ ޑޯޒް ދިނުމަށްފަހު 8 ހަފްތާއާ 12 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ދެވަނަ ޑޯޒް ދޭންވާނެ ކަމަށެވެ. އެސްޓްރަޒެނެކާ ވެކްސިން ދެކުނު އެފްރިކާގެ ވޭރިއަންޓަށް މަސައްކަތްކުރާ މިންވަރު ދަށްވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕެނަލުން ބުނީ, މި ވެކްސިން ދެކުނު އެފްރިކާ ވޭރިއަންޓަށް ބޭނުން ނުކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

މިވެކްސިން ކުޑަކުދިންގެ ގަޔަށް ޖަހަން ރައްކާތެރިތޯބެލުމުގެ އިތުރުން, ދިފާޢީ ނިޒާމު މަސައްކަތްކުރާ މިންވަރު ބެލުމުގެ ދިރާސާތައް މިހާރު އޮކްސްފޯޑް ޔުނިވަރސިޓީން ވަނީ ފަށާފައެވެ. މިދިރާސާތަކުގައި އުމުރުން 6 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިނުން އަސަރުކުރާވަރު ދެނެގަންނައިރު، މިމަސްތެރޭގައި 300 ވޮލަންޓިއަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެކަމަށް އޮކްސްފޯޑުން ބުނެއެވެ.

ފައިޒަރ ވެކްސިނަށް ބަލާއިރު މި ވެކްސިނަކީ ހުޅަނގުގެ ގައުމުތަކުން އެންމެ ފުރަތަމަ ބޭނުންކުރުމުގެ ހުއްދަ ދިން ވެކްސިނެވެ. އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންގައި ވަނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދިނުމުގެ ހުއްދަދީފައެވެ. އަދި މި ވެކްސިން ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަންނަނީ ދެމުންނެވެ.

ފައިޒަރ އާއި ބައޯއެންޓެކް ވެކްސިނުން ކުޑަކުދިންނަށް ކުރާ އަސަރު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ޓްރަޔަލްގެ ނަތީޖާ ވަނީ މާޗް މަހު ހާމަކޮށްފައެވެ. މިޓްރަޔަލްގައި އުމުރުން 12 އަހަރާ 15 އަހަރާ ދެމެދުގެ 2260 ކުދިން ބައިވެރިކޮށްފައި ވާއިރު، މީގެ ނަތީޖާ ދައްކާގޮތުން އެކުދިންނަށް ވެކްސިން ދިނުމުން 100 އިންސައްތަ މި ވައިރަސްއިން ރައްކާތެރިކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
25%
25%
0%
0%
ކޮމެންޓް