މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ތިލަފުށީ ގޮނޑުން ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް ބެލެވޭކަމުގައި ވެސް މިނިސްޓްރީން ބުނެއެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު މިނިސްޓްރީން ބަލަމުންގެންދަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެމަސައްކަތްކޮށް ނިންމާލުމަށް ކަމަށެވެ.
ނަމަވެސް މިގޮނޑަކީ އެތައް އަހަރެއް ވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން މިތަނުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސްވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއްވެދާނެ ކަމަށްވިޔަސް މިއީ ދާއިމީގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާ ގުޅިގެން މަސައްކަތް ކުރަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން ދުންއެރުން ހުއްޓުވައި އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމާލުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމްގެ އެހީގައި މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އެހީއާއެކު ފެށުމަށް މިނސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.