ކ. މާލެ
|
19 އޯގަސްޓް 2021 | ބުރާސްފަތި 18:16
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު
ރައީސް އޮފީސް
ފަސްޓް ލޭޑީ ފަޒްނާ
ފަސްޓް ލޭޑީއަކަށް ވިޔަސް ސާދާ އާދަތައް ދޫކޮށެއްނުލައްވާ
 
ކޮންމެ ހަފްލާއަކަށް އައު ހެދުމެއް ތުރުކުރެއްވުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ

އިންސާނުންނަކީ އަބަދުވެސް "ރީތި" އެއްޗިއްސަށް ލޯބި ކުރާ ބަޔެކެވެ. ރީތި ހެދުމެއް ލިޔަސް، ރީތި ފައިވާނަކަށް އެރިޔަސް، ގަހަނާއެއް އެޅިޔަސް ބޭނުންވާނީ އަބަދުވެސް އައު އެއްޗިއްސެވެ. މިއުސޫލުގެ ދަށުން ޕާޓީއަކަށް ދާންވިޔަސް ހަފްލާއަކަށް ދާން ވިޔަސް އަބަދުވެސް ލާނީ އައު ހެދުމެކެވެ. ފަހާނީވެސް އައު ހެދުމެކެވެ. ފަހަރުގައި އެއް ހެދުމެއް ދެފަހަރަށް ލުމުން މީހުންނަށް އެނގިދާނޭތީ ނުވަތަ މަލާމާތްކޮށްފާނޭކަމަށް ހިތައި އަލުން އެހެދުން ލާން ނުކުރެނީ ކަމަށްވެސް ވެދާނެއެވެ.

"ރިޕީޓް ޑްރެސް" ނުވަތަ އެއްފަހަރު ލާފައިވާ ހެދުމެއް ދެވަނަ ފަހަރަށް ލާން ބޭނުންކުރަނީ ވަރަށް މަދުބައެކެވެ. މިފަދަ މަދު މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. ފަސްޓްލޭޑީއަކީ އެންމެންގެ ނަޒަރު އަބަދުވެސް ހުއްޓިފައިވާ ބޭފުޅެކެވެ.

ޚާއްސަކޮށް ހަފްލާއަކަށް އެކަމަނާ ވަޑައިގަންނަވާނަމަ އެންމެންވެސް ބަލަން ބޭނުންވާ އެއްކަމަކީ އެކަމަނާ ތުރުކުރައްވަނީ ކޮންކަހަލަ ހެދުމެއް ތޯއެވެ. އެގޮތުން އެންމެ ފާހަގަވެގެން ދިޔަ އެއްކަމަކީ މިއަހަރުގެ މިނިވަން ދުވަހު ފަސްޓްލޭޑީ ތުރުކުރެއްވި ދިގު ހެދުމެވެ. މިހެދުމަކީ އެކަމަނާ 2019 ވަނަ އަހަރު ޖަޕާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ތުރުކުރެއްވި ހެދުމެކެވެ. އެކަން ހާމަކުރައްވައި އެކަމަނާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ. މިކަމާއި ގުޅޭގޮތުން ފަސްޓްލޭޑީ ރާއްޖެއެމްވީއަށް ވިދާޅުވީ ކޮންމެ ހަފްލާއަކަށް އައު ހެދުމެއް ތުރުކުރެއްވުމަށްވުރެ ބޮޑަށް ބައްލަވަނީ އެ 'މަގާމުގައި' ހުންނަވައިގެން ގައުމަށް މުހިންމު ކަންތައްތަކެއް ކޮށްދެއްވުމަށް ކަމަށެވެ.

ކުޑައިރުއްސުރެ އެގޮތަށް ގެންގުޅެފައި ހުރުމުގެ ސަބަބުން ކޮންމެ ހަފްލާއަކަށް އާ ހެދުމެއް ތުރުކުރެއްވުމަކީ އެހާ މުހިންމު ކަމެއްގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ. ހެދުން، ފައިވާން، ބޫޓު ، ހޭންޑް ބޭގް، ގަހަނާ، މިހެންގޮސް ކޮންމެ އެއްޗެއް ވިޔަސް، އެހާ ގިނަވުމުން އުނދަގޫވާކަމަށް ވެސް ވިދާޅުވިއެވެ. ބައްޕާފުޅަކީވެސް އެކަހަލަ ބޭފުޅެއްކަން ފާހަގަކުރައްވައި ފަސްޓްލޭޑީ ވިދާޅުވީ އެހާބައިވަރު އަންނައުނު ނުގެންގުޅުއްވާ ކަމަށެވެ. ފަސްޓްލޭޑީ މައިގަނޑު ގޮތެއްގައި ބައްލަވަނީ ގަޔަށް ފަސޭހަ، ރީތި ހެދުމެއް ތުރުކުރެއްވުމަށެވެ. އެހެން މީހުންނަށް ރީތިތޯ ނުބައްލަވާ ކަމަށާއި މިހުރިހާ ޝަރުތު ހަމަވާ ދިގުހެދުންވެސް، އާދައިގެ ހެދުންވެސް ހަވީރީ ހެދުންވެސް އެތައް ފަހަރަކު ރިޕީޓް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ފަސްޓްލޭޑީ ވިދާޅުވީ އިގްތިސާދީ ގޮތުން ބެލިޔަސް ތިމާވެށީގެ ގޮތުން ބެލިއަސް މިއީ ދިރުވަން ރަނގަޅު އާދައެއްކަމަށެވެ. ފަސްޓްލޭޑީ ވަނީ މިކަމަށް ބާރުއަޅުއްވައި ވާހަކަފުޅުވެސް ދައްކަވާފައެވެ. އެޑިއުކޭޝަން ސިމްފޯޒިއަމެއްގައި އެކަމަނާ ވިދާޅުވީ، ދަރިވަރުން ގާތު އިގްތިސާދު ކުރަން ބުނެފައި، ކޮންމެ ހަފްލާއަކަށް އައު ހެދުމެއް ހޯދަން ބުނުމުން ދަރިވަރުންނަށް ދޭ މެސެޖް ފުށުއަރާކަމަށެވެ. ޕާލޭއިން އިންތިޒާމްކޮށްގެން ބޭއްވި ހުޅުމާލޭގެ ބީޗް ކްލީން އަޕް ކެމްޕޭނެއްގައި ހެދުން ރިޕީޓް ކުރުމާއި، އެހެން މީހުންގެ އަތުން ބޮރޯކުރުމަކީ ފެޝަން ސްޓޭޓްމަންޓްއަކަށް ހެދުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. 

ފަސްޓްލޭޑީގެ އާއިލާގެ ބޭފުޅުން ވެސް އެކަކު އަނެކެއްގެ ހެދުން ބޭނުން ކުރައްވައެވެ. މިހާރުވެސް އެބޭފުޅުން މިގޮތަށް މިކަން ކުރައްވައެވެ. ދާދި ފަހުން ތައްޔާރުކޮށްފައިވާ ވީޑިއޯ މެސެޖް ތަކުގައާއި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައިވެސް ފަސްޓް ލޭޑީ ތުރުކުރެއްވީ އާއިލާގެ އެހެން ބޭފުޅުންގެ ހެދުންކޮޅުތަކެވެ.

ކުރީގައި މިވަރަށް ދިގުހެދުން ތުރުކުރައްވަން ޖެހިވަޑައިނުގަންނަވާއިރު ފަސްޓްލޭޑީ އާންމުކޮށް އޭރު ތުރުކުރައްވަނީ އާއިލީ ބޭފުޅުންނާއި ރައްޓެހިންގެ ދިގުހެދުމެވެ. އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ އާއި އާއިލީ ބޭފުޅެއްކަމަށްވާ ފާތުމަތު މުހައްމަދު ސާލިހާއި ތާޖުއްދީން ސްކޫލުގައި އެކުގައި މަސައްކަތް ކުރެއްވި ސަފޫރާގެ ހެދުންތައް ބޭނުން ކުރެއްވިއެވެ. ފަސްޓްލޭޑީ ފާހަގަވެގެންދަނީ އަބަދުވެސް ވަރަށް ތަފާތުކޮށް ދިގު ހެދުން އަޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރައީސް ހުވާ ކުރެއްވި ދުވަހު ތުރުކުރެއްވި ހެދުން ފާހަގަވެގެންދިޔައެވެ. މިކަމާއި ގުޅިގެން ވިދާޅުވީ ރައީސް ހުވާކުރެއްވި ދުވަހުގެ ދިގު ހެދުން ފަހާދެއްވީ މ. ސަނދު ސަކީނާ ކަމަށެވެ. ސަކީނާ އަކީ ތާޖުއްދީން ސްކޫލްގައި ފަސްޓްލޭޑީ އުޅުއްވިއިރު ބެލެނިވެރިއެކެވެ.

ފަސްޓްލޭޑީ ވިދާޅުވީ ސަކީނާގެ ދަރިފުޅު މެސެޖްކޮށްފައި، ރައީސް ހުވާކުރައްވާ ދުވަހު ފަސްޓްލޭޑީ އަޅުއްވާ ހެދުން ފަހައިދޭން ސަކީނާ ބޭނުންވާ ކަމަށް އެންގި ކަމަށެވެ. އެހެންކަމުން އެފުރުސަތު ސަކީނާއަށް ދެއްވީ ކަމަށެވެ. އެ ހެދުން ޑިޒައިން ކުރެއްވީ އައިލެންޑް ބާޒާރުގެ ފާތިމަތު ސަލާހާ އާއި ފަސްޓްލޭޑީގެ ކޮއްކޯފުޅު ނަޒީއެވެ. ތާޖްމަހަލްއަށް ވަޑައިގެންނެވި ހެދުމާއި، ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ތުރުކުރެއްވި ބެޓިކް 2 ހެދުމަކީ ފަސްޓްލޭޑީގެ ދައްތާފުޅު ޖީދު ދެއްވި ހަދިޔާއެއް ކަމަށް ވިދާޅުވިއެވެ. އެއީ ސްރީލަންކާގެ ކުދި ވިޔަފާރި ކުރާ 2 އަންހެނުންނާ ގުޅިގެން ޖީދު ޑިޒައިން ކޮށްދެއްވާފައިވާ 2 ފޮތިގަނޑެވެ. މިހެދުންތަކުގައި މީހުން އަޅައިގަންނަނީ ފޮތީގެ ޑިޒައިންގެ އިތުރުން ފެހުންތެރިންގެވެސް މޮޅުކަމުންކަން ފަސްޓްލޭޑީ ފާހަގަކުރެއްވިއެވެ. މިގޮތުން ކަނޑޫދޫގޭ އާބިދާއާއި މ. ސަނދު ސަކީނާއާއި ހަވީރީ ހެދުން ފައްސަވާ ނިޝް ބްރައިޑަލްގެ ނިޝްގެ ނަން ފާހަގަ ކުރެއްވިއެވެ.

ދިގު ހެދުން ޑިޒައިން ކުރުމުގައި ފަސްޓްލޭޑީގެ ބައިވެރިވުން ވެސް އޮވެއެވެ. ފަސްޓްލޭޑީ ވިދާޅުވީ ބޮޑެތި ބޯޑަރު، ބޯވަޅުގެ ދެފަރާތަށް ލާފައި ހުންނަ ޑިޒައިންތައް އެހާ ރީތި ނޫން ކަމަށެވެ. އެހެންވެ އަމިއްލައަށް ފޮތި ބައްލަވައިގަންނަވާއިރާއި މީހަކު ފޮތިގަނޑެއް ޑިޒައިންކޮށްދޭން ހުށެއެޅިކަމުގައިވިޔަސް، މިކަންކަމަށް ސަމާލުކަން ދެއްވާކަމަށް ވިދާޅުވިއެވެ.  

އެންމެފަހުން މިގޮތަށް ފަސްޓްލޭޑީއަށް ފޮތިގަނޑެއް ޑިޒައިން ކޮށްދެއްވަން ހުށައެޅުއްވީ ކުދި ވިޔަފާރި ކުރައްވާ ހާތޫން ރަޝީދުގެ މަސްކުލައިނެވެ. އެމީހުންގެ ޑިޒައިން ތަކުން ފަސްޓްލޭޑީ ޚިޔާރު ކުރެއްވީ ބަޓަފްލައިފިޝްއެވެ. މި ހެދުން ޑިޒައިން ކުރެއްވިއިރު ވެސް ފަސްޓްލޭޑީ އެދިވަޑައިގަތީ ބޯޑަރު ނުލާ ކައްޗަށް ޑިޒައިން ހުންނަ ގޮތަށް ފޮތިގަނޑު ޑިޒައިންކޮށްދެއްވުމަށެވެ. މިގޮތުން އާބިދާ ލައްވާ މިންތަކާ ބޯވަޅުގެ ކަޓްއައުޓެއް ގެންގޮސްގެން އެމަސައްކަތް ހާތޫންގެ ޓީމުން ވަރަށް ފުރުހަމައަށް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ފަސްޓްލޭޑީ އަކީ ތުއްޕުޅުއިރުއްސުރެވެސް ވަރަށް ސާދާކޮށް ހެދުން އަޅުއްވާ ބޭފުޅެކެވެ. އެތައް ހަފްލާއަކަށް އެއް ހެދުންކޮޅެއް ތުރުކުރައްވާ، ގާތް ތިމާގެ މީހުންނާ ރައްޓެހިންގެ ހެދުންވެސް ތުރުކުރައްވާ ބޭފުޅަކަށް ވާއިރު، މިހާރު ބޭނުންފުޅުވަނީ އެ މިސާލު ޚާއްސަކޮށް ކުޑަކުދިންނަށާއި ފުރާވަރަށް އަރަމުން އަންނަ ކުދިންނަށާއި ޒުވާނުންނަށް ދެއްކެވުމަށެވެ.

ގައުމުގެ ފަސްޓްލޭޑީ އެގޮތަށް ހެދުން "ރިޕީޓް" ކުރައްވާއިރު އަޅުގަނޑުމެން ވެސް ހެދުން "ރިޕީޓް" ކުރުމަށް ލަދުގަނެގެން ނުވާނެއެވެ. އެއީ އެއްވެސް ހާލެއްގައި ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. މިއީ ގައިގައި އަށަގަންނަން ޖެހޭ މުހިންމު އާދައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
14%
54%
0%
14%
0%
17%
ކޮމެންޓް
20 އޯގަސްޓް 2021 | ހުކުރު 10:12
އައިސްތު
ވަރަށް ރަގަޅު މިސާލެއް
20 އޯގަސްޓް 2021 | ހުކުރު 08:17
އާތި
ފާހަގަ ކޮއްފަވާ ހެދުންތަކުގެ ފޮޓޯ ވެސް ޖަހާލިނަމަ އިތުރަށް ލިޔުން ފުރިހަމަ ވީސް