Advertisement
ކ. މާލެ
|
19 އޯގަސްޓް 2021 | ބުރާސްފަތި 17:30
އޭސީސީ
އޭސީސީ
އަވަސް
އޭސީސީއިން ދަޢުވާކުރުމަށް ފޮނުވި މައްސަލަތައް
އޭސީސީއިން މިއަހަރުގެ ފުރަތަމަ 2 ކުއާޓަރގައި ދަޢުވާކުރުމަށް ފޮނުވީ 8 މައްސަލަ!
އޭސީސީއިން ފުރަތަމަ ކުއާޓަރގައި 3 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވޭ
2ވަނަ ކުއާޓަރގައި ދަޢުވާކުރުމަށް ފޮނުވީ 5 މައްސަލަ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަހަރުގެ ފުރަތަމަ 2 ކުއާޓަރގައި ދަޢުވާކުރަން ފޮނުވީ 8 މައްސަލައެއްކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި ފޮނުވާފައިވާ މައްސަލަތަކުގެ ތަފުސީލު ވަނީ ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރގައި 3 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާއިރު، ދެ ވަނަ ކުއާޓަރގައި މިއަދަދު އުޅެނީ 5ގައެވެ.

އޭސީސީއިން ހާމަކުރިގޮތުން ފުރަތަމަ ކުއާޓަރގައި, ދަޢުވާކުރަން އެންމެ ފުރަތަމަ މައްސަލައެއް ފޮނުވާފައިވަނީ ފެބުރުއަރީމަހުގެ 8ވަނަ ދުވަހުއެވެ. އެއީ "ގެދޮރުވެރިކުރުވުން" ޕްރާގްރާމްގެ ދަށުން ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ޙައްޤު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލައެވެ.

ފެބުރުއަރީ 17ވަނަ ދުވަހު ވަނީ އިތުރު މައްސަލައެއް ފޮނުވާފައެވެ. އެ ދުވަހު ފޮނުވާފައިވަނީ, ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މައްސަލައެކެވެ. އެސް.ޓީ.އޯއިން 21 މޭ 2016ގައި އިމްޕޯޓްކުރި އެޓޮކޯ ބޭހުގެ ބެޗް ނަންބަރު C602700ގެ ބޮޑު ބައެއް 2018 ވަނަ އަހަރުގެ މާޗު މަހުގެނިޔަލަށް މުއްދަތު ހަމަވެފައިވާއިރު، އެ ކުންފުނިން އެ ބޭހުގެ އިތުރު ބެޗެއް ޑިސެމްބަރު 2018ގައި އޯޑަރުކޮށްފައިވާކަމަށް ބުނާ މައްސަލައެއް އޭރު ވަނީ ފޮނުވާފައެވެ.

Advertisement

ފުރަތަމަ ކުއާޓަރގައި އެންމެ ފަހު މައްސަލައެއްގެ ގޮތުން ހުށަހަޅާފައިވަނީ 28 ފެބުރުއަރީގައި ހުށަހަޅާފައިވާ މައްސަލައެކެވެ. އެއީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއާ ގުޅޭ މައްސަލައެކެވެ. އެގޮތުން ވެމްކޯއަށް ހެވީ ވެހިކަލް ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި ވެހިކަލްތައް 7 ދުވަހުގެ ތެރޭގައި ޑެލިވަރީ ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި ވާކަމަށާއި، ވެހިކަލް ޑެލިވަރީ ކުރުމަށް 7 ދުވަސް ދީފައިވަނީ ވަކި ކުންފުންޏަކުން މިހާރު ވެހިކަލްތައް އެތެރެކޮށްފައިވާތީ، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލައެއް ވަނީ ފޮނުވާފައެވެ.

ދެވަނަ ކުއާޓަރގައި އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ، އއ.މަތިވެރީ ކައުންސިލްގެ އިދާރާގެ ޕިކަޕު މަރާމާތުކުރުމުގެ މަސައްކަތެކެވެ. އޭޕްރީލް 1ވަނަ ދުވަހު ފޮނުވި މި މައްސަލައަކީ, ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް, އިޢުލާނު ކުރުމަކާނުލައި، މި މަސައްކަތް 2016 ވަނަ އަހަރުގެތެރޭގައި "ޒީސްކްމޯލްޑިވްސް" ގަރާޖާ ހަވާލުކޮށް، އެ ފަރާތަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް ބުނާ މައްސަލައެކެވެ.

އޭސީސީއިން 1 އޭޕްރީލްގައި އިތުރު ދެ މައްސަލައެއް ވަނީ ޕީޖީއަށް ފޮނުވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ރ.ރަސްމާދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ހޯދުމަށް ރ.ރަސްމާދޫ ކައުންސިލްގެ އިދާރާއިން 2016 ޖޫންމަހުގެ ތެރޭގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން، އެ ޕިކަޕް ގަތުމަށް ކައުންސިލް އިދާރާއިން ފައިސާ ނަގާފައިވީނަމަވެސް، ޕިކަޕު ގަނެފައިނުވާ ކަމަށް ބުނާ މައްސަލައަކާއި، މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއްފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުން, އެ ބިން ގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރީގެ މިނިސްޓްރީ އޮފްހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން, އެ ބިމާ އިންވެގެން އޮތް ބިން ލިބުނުފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުންބިން ލިބިފައިވާ ފަރާތަކަށް ކަމަށާއި، މިފަދައިން އެ ބިން ވިއްކުމަށް ނިންމާފައިވަނީ އެމިނިސްޓްރީގެ ނައިބު ނާއިފް ޝައުކަތުއާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ވަޙީދު, މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން, ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވުމުގެ ބޭނުމުގައިކަމަށް ބުނާ މައްސަލައެކެވެ.

ދެ ވަނަ ކުއާޓަރގައި ދެން ހުށަހަޅާފައިވަނީ 7 އޭޕްރީލްގައި ފޮނުވި މައްސަލައެކެވެ. އެއީ ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 2 ފާޚާނާއެއް ހެދުމުގެ މަސައްކަތް މާލިއްޔަތު ޤަވާޢިދާ ޚިލާފަށް, އަދި އެ މަރުކަޒުގެ މުވައްޒަފެއްގެ ކުންފުންޏަކާ ހަވާލުކޮށްގެން ކޮށްފައިވާކަމަށް ބުނާ މައްސަލައެކެވެ. މި ކުއާޓަރގައި އެންމެ ފަހުން ފޮނުވާފައިވަނީ އޭޕްރީލް 22 ވަނަ ދުވަހު ދައުވާކުރަން ފޮނުވި މައްސަލައެކެވެ. އެއީ ގއ.ނިލަންދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2019ވަނަ އަހަރުކުރީކޮޅު ކޮށްފައިވާ އިޢުލާނާ ގުޅިގެން އެކަމަށް އެދި 3 ފަރާތަކުން ހުށަހަޅާފައިވާއިރު، ސްކޫލުގެ ޕްރިންސިޕަލްގެ ޢާއިލާގެ މެންބަރަކަށް އެ މަސައްކަތް ޙަވާލުކޮށްފައިވާކަމަށް ބުނާ މައްސަލައެއްކަމަށް އޭސީސީއިން ހާމަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް