ކ. މާލެ
|
18 އޯގަސްޓް 2021 | ބުދަ 18:52
ހިޔާ މަޝްރޫއުގެ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ފްލެޓްތައް
މުހައްމަދު ފަޒީން
ހިޔާ ފުލެޓުތަކުގެ މަސައްކަތް
ހިޔާ ފްލެޓަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާނަމަ ހުއްދަ ހޯދަން ޖެހޭ: އެޗްޑީސީ
 
އުސޫލާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވޭ
 
ފްލެޓްގެ ފާރެއް ތަޅާލުމަށްފަހު ކޮޓަރި ވަކިކޮށް ނުވަތަ ގުޅުވުމަކީ މަނާކަމެއް
 
ފްލެޓަށް ގެންނަންޖެހޭ ބަދަލަކީ ކުރެހުން ބޭނުންވާ ބަދަލެއްނަމަ، ފޯމާއެކު ކުރެހުން ހުށައަޅަންޖެހޭ

ހިޔާ ފުލެޓުތަކުގައި އެއްވެސް މަސައްކަތެއް ނުވަތަ ބަދަލެއް ގެންނަން ބޭނުންވާނަމަ، އެމަސައްކަތެއް ފެށުމުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

ބުދަ ދުވަހު އެޗްޑީސީން އާއްމުކުރި, ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގައި ބުނެފައިވަނީ ހިޔާ ފްލެޓްތަކުގައި އެއްވެސް މަސައްކަތެއް ކުރަން, ނުވަތަ ބަދަލެއް ގެންނަން ބޭނުންވާނަމަ، އެ ބަދަލެއް ނުވަތަ މަސައްކަތެއް ފެށުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ކަމަށެވެ. އެގޮތުން ފްލެޓްތައް ހަވާލުކުރުމުގެ މަރުހަލާގައި، "ހިޔާ ފްލެޓްއެތެރޭގެ މަސައްކަތްތައް ނިންމުމަށް އެދި ހުށަހަޅާ ފޯމް" ފްލެޓް ގަންނަ ފަރާތާ ހަވާލު ކުރެވޭނެ ކަމަށާއި، ހިޔާ ޕޯޓަލުން ވެސް މި ފޯމް ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ.

ފޯމު ހުށައެޅުމުން ހުއްދަ ލިބޭނެކަމަށް އުސޫލުގައި ބުނެފައިވާއިރު، ފުލެޓަށް ގެންނަންޖެހޭ ބަދަލަކީ ކުރެހުން ބޭނުންވާ ބަދަލެއްނަމަ، ފޯމާއެކު އެ ކުރެހުން ވެސް ހުށައަޅަންޖެހެއެވެ. އަދި އިމާރާތުގެ ސްޓްރަކްޗަރަށް (އޮނިގަނޑަށް) އެއްވެސް ޒާތެއްގެ ބަދަލެއް ގެނައުމަކީ މަނާކަމެއް ކަމަށް އުސޫލުގައިވެއެވެ.

އެގޮތުން ފުލެޓު އެތެރޭގައި ޕާރޓިޝަނެއް ހަރުކޮށް ބައި ކުރާނަމަ، އިމާރާތުގެ އެތެރޭގައި ވައިދަތުރުވުމަށް ހުރަސްނޭޅޭނެ ގޮތަށް އިމާރާތް ކުރުމުގައި ޓަވަރަށް ލޯޑް(ބަރުދަން) އިތުރުނުވާނެ ގޮތަށް ބަރުދަން ލުއި ތަކެތި ބޭނުންކޮށްގެން ކުރެވިދާނެ ކަަމަށް އުސޫލުގައިވެއެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ޕާޓިޝަންޖަހާނެ ގޮތުގެ ކުރެހުން، ބޭނުން ކުރާނެ ތަކެތި, އަދި ހަރުކުރާނެ ގޮތް ހުށަހަޅައި، ހުއްދަ ހޯދަންޖެހޭ ކަމަށާއި، ފުލެޓުގެ ފާރެއް ތަޅާލުމަށްފަހު ކޮޓަރި ވަކިކޮށް ނުވަތަ ގުޅުވުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށް ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވަނީ އިމާރާތުގެ ސްޓްރަކްޗަރަށް ގެއްލުން ނުވާނެ ގޮތަށް، އިމާރާތުގެ އެތެރޭގެ ދޮރުތައް ހުރިތަން ބަދަލު ކުރުމުގައި، މޭޝަނަރީ ވޯލްސް (ކޮންކްރީޓް ފާރުފިޔަވައި) ގްރައިންޑަރ ބޭނުން ކޮށްގެން ކަނޑައިގެން ބަދަލު ކުރެވިދާނެ ކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ދޮރުތަކަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ކުރެހުން ހުށަހަޅައި އެޗްޑީސީގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.

އަދި ކޮންމެ އިމާރާތެއްގައި ވެސް، ފިނިޝިންގ މަސައްކަތަށް ބޭނުން ކުރުމަށް ގެނެވޭ ތަކެއްޗާއި (ސިމެންތި، ތަށިމުށި، ކެމިކަލް މިފަދަ ތަކެތި), އިމާރާތުގައި މަސައްކަތް ކުރުމުގައި އުފެދޭ ކުނި އުފުލުމަށް ޚާއްސަކުރެވިގެން ސާވިސް ލިފްޓް އަދި ބައެއް ފަސިންޖަރ ލިފްޓްތަކުން މުދާ އުފުލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އިމާރާތް ބޭނުން ކުރާ އެންމެންގެ ލާބައާއި މަންފާއަށް، ކަނޑައަޅާފައިވާ ލިފްޓުތައް، ކަނޑައަޅާފައިވާ ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އުސޫލުގައިވެއެވެ. އަދި ލިފްޓުން އުފުލަންވާނީ ލިފްޓުގައި އުފުލުމަށް ކަނޑައަޅާފައިވާ ބަރުދަނަށް ނުވަތަ މިންތަކަށް ފެތޭ ގޮތަށް ހުންނަ މުދާ ކަމަށް ބުނެފައިވެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު އާންމުކޮށްފައިވާއިރު، މިއުސޫލާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފައިވެއެވެ. އަދި ގިނަ ކަންތައްތަކެއް މިއުސޫލުގައި ފާހަގަކޮށްފައިވަނީ އެންމެންގެ ރައްކާތެރިކަމާއި ފަސޭހައަކަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. 17 އޮގަސްޓްވީ އަންގާރަ ދުވަހުން ފެށިގެން ޓަވަރުތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާތީ، ފްލެޓްތަކުގެ ފިނިޝިންގގެ މަސައްކަތްތައް ބައެއް މީހުން މިހާރު ވަނީ ފަށާފައެވެ. ފްލެޓުން ކުލި ނަގަން ފަށާނީ ޖެނުއަރީ މަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް