ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ދިވެހިން ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފިއެވެ.
5 މިނެޓާއި 50 ސިކުންތުގެ މި ވީޑިއޯ އާއްމުކޮށްފައިވަނީ މީގެ ކުރިން ވެސް ސީރިއާގައި ހަރަކާތްތެރިވާ ދިވެހިންގެ ވީޑިއޯ އާއްމުކުރި ބިލާދް އަލް ޝާމް އިން ޓެލެގްރާމްގައެވެ.
މި ވީޑިއޯއާ ބެހޭ ގޮތުން ކަމާބެހޭ އިދާރާއެއްގެ އެއްވެސް ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަންގާރަ ދުވަހުގެ ރޭ އާއްމުކުރި މި ވީޑިއޯގައި ނަމެއްގެ ގޮތުގައި ޖަހާފައި ވަނީ ދިވެހި ޝަހީދުންނެވެ. ނަމަވެސް ވީޑިއޯގައި ފެންނަނީ ދިވެހިން ކަމެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނޫނެއެވެ.
ސީރިއާގައި މަރުވެފައިވާ ދިވެހިން ކަމަށް ބުނެ 18 މީހަކު މި ވީޑިއޯގައި ދައްކާފައި ވެއެވެ. އެއީ 2014ން 2019އާ ހަމައަށް މަރުވެފައިވާ މީހުން ކަމަށް ބުނެފައިވެއެވެ.
މި ވީޑިއޯގައި ދިވެހި ބަހުން ވާހަކަ ދައްކާ އަޑުއިވޭއިރު، އެމީހުންގެ އަސްކަރީ ތަމްރީނުގެ ބައެއް މަންޒަރުތައް ދައްކާފައިވެއެވެ. ހަނގުރާމާގައި ޒަހަމްވެފައިވާ މަންޒަރާއި، މަރުވީމާ ވަޅުތާލަން ވެސް ދައްކާފައިވެއެވެ. އަދި އައިއެސްގެ ދިދަ ހިފައިގެން ބައެއް މީހުން އުޅޭ މަންޒަރު ވެސް ފެނެއެވެ. މީގެ އިތުރުން ބައެއް މީހުން ތުއްތު ކުދިން ގޮވައިގެން ދިރިއުޅޭ މަންޒަރު ވެސް މި ވީޑިއޯއިން ފެނިގެންދެއެވެ.
މޫނުނިވާ ކޮށްގެން ހުރި ދިވެއްސެއް ބުނެފައިވަނީ އެމީހުންނަށް އޮތީ މަރު ނުވަތަ ހަނގުރާމަކޮށް ނަސްރު ހޯދުން ކަމަށެވެ.
ފުލުހުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 173 މީހުން ގޮސްފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތައް އަނބުރާ ރާއްޖެ އައުމަށް އެދެމުން އަންނަ އިރު، އޭގެ ތެރޭގައި ގިނައީ ހުވަފަތްވެފައިވާ އަންހެނުންނާއި ޔަތީމް ކުދިން ކަމަށް ވަނީ މައުލޫމާތު ލިބިފައިވެއެވެ. މި ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން އަނބުރާ ގައުމަށް އަންނަން އެ ފަރާތްތަކުންނާއި، އެ ފަރާތްތަކުގެ އާއިލާއިން ސަރުކާރުގައި ވަނީ އެދިފައެވެ.
ސަރުކާރުން އަންނަނީ ބޭރުގެ ދައުލަތްތަކާ ގުޅިގެން މި ފަރާތްތައް ރިހެބިލިޓޭޓް ކުރުމަށް އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮވިޑް-19 އާ ސީރިއާގައި ހިނގަމުންދާ ހަނގުރާމަައިގެ ސަބަބުން މި މަސައްކަތަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.