އެންމެ ހަރަކާތަކުން އެއް ކާމިޔާބީއަށްވުރެ ގިނަ ކާމިޔާބީ ހާސިލްކުރާ މީހުން އުޅެއެވެ. އެޒާތުގެ ކަންކަމަށް ވަރަށް ކުރީއްސުރެ ދިވެހީންގެ ތެރޭގައި މިސާލު ބަހެއް ހެދިފައި އޮވެއެވެ. ބުނެއުޅެއެވެ. އެއްގާގަނޑަކުން ދެދޫނި މަރައިލީއެވެ.
އެއްގާގަނޑަކުން ދެދޫނި މަރައިލެވޭތޯ ވަރަށް ގިނަ މީހުން އުޅެއެވެ. ބައެއްފަހަރު ނަތީޖާ ފެނެއެވެ. ގިނަފަހަރު ނަތީޖާއެއް ނުފެނެއެވެ. ސިޔާސީ މައިދާނަކީ އެއްގާގަނޑަކުން ދެ ދޫނި ނުވަތަ އެއަށްވުރެވެސް ގިނަ ދޫނި މަރައިލެވޭތޯ ހިތްވަރުކުރުން އެންމެ ގިނަ މައިދާނެވެ. މިޒާތުގެ ކަމެއް އެންމެ ފަހުން ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރުގެ ފަރާތުންނެވެ. ރައީސް ޔާމީނުގެ އެންމެ ފަހު ޑިފެންސް މިނިސްޓަރުގެ ފަރާތުންނެވެ.
މިހަފުތާގެ ހޯމަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފު އުމަރުގެ ސާޅަނގައިން ހެޔޮވަރެއްގެ ގާކޮޅެއް ވަނީ ދޫކޮށްލައްވައިފައެވެ. އަމާޒަކީ އެމްޑީޕީއާއި އެޕާޓީގެ ލީޑަރޝިޕެވެ. ޕާޓީގެ ޕާލަމެންޓަރީ ގްރޫޕާއި ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ބިންމައްޗަށް ވެއްޓޭނީ ކިތައް ދޫނިކަމެއް ނޭނގެއެވެ. ޔަގީންވާ ކަމަކީ މިގޮތަށް ފަސޭހައިން ޝިކާރަކޮށްލެވޭ ވަރަށްވުރެ އެމްޑީޕީގެ ލީޑަރޝިޕްގެ ހިކުމަތްތެރިކަން ބޮޑުކަމެވެ. އެކަމަކު މިހާރު އެމްޑީޕީގެ އެތެރޭގެ ބައެއް ކަންކަން ހުރިގޮތުން ނަސީބު ވަޒަންކޮށްލުމަކީ ނެތްކަމެއް ނޫންތާއެވެ. ސިޔާސީ މީހުން އަބަދުވެސް ވަކަރަށް ޖަހާނެއެވެ. އާދަމް ޝަރީފުވެސް ކުރައްވާން އުޅުއްވަނީ ނުވަތަ އުޅުއްވީ އެކަހަލަ ކަމެކެވެ.
އާދަމް ޝަރީފު އުމަރާއި ޕީޕީއެމް-ޕީއެންސީގެ ބޭފުޅުން އެމްޑީޕީއަށް އެދިވަޑައިގަންނަވާނެ ހެވެއް ނޯންނާނެކަމީ އެއްވެސް މީހަކަށް އޮޅިފައި ނެތް ކަމެކެވެ. ވަރަށް ބަލާޣާތްތެރި ގޮތަކަށް ރަައްޔިތުންގެ މަޖިލީހުގެ ރައީސަށް ޚުޝާމަދު ކުރައްވައި ހޯމަދުވަހު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަފުޅުން ވަރަށް ސާފުކޮށް ދެކަމެއް ތިލަވެއެވެ. އެއްކަމަކީ އެމްޑީޕީގެ ތެރޭގައި ފިތުނަ އުފައްދައި ޕާޓީ އިތުރަށް ބައިބައިކުރުމުގެ ނިޔަތެވެ. ހުޅުރޯކުރުމުގެ ނިޔަތެވެ. އަނެއްކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ދުރުކުރުމުގެ ގަސްތެވެ. އާދަމް ޝަރީފު ދޫކުރެއްވި ގާގަނޑުން ބިންމައްޗަށް ވައްޓައިލަން ބޭނުންވަނީ އެމްޑީޕީގެ ލީޑަރޝިޕާއި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތެވެ. އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅާއިމެދު ވިސްނައި ފިކުރުކުރީމާ މިކަން ވަރަށްވެސް ސާފެވެ. އޮޅުމެއް ނާރާވަރަށް ސާފެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގައި ވަޑައިގެން ނެތްކަމުގެ ފަޅުކަން އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންވާ ބޭފުޅުންނަށްވުރެ ބޮޑަށް އާދަމް ޝަރީފަށް އިހުސާސް ވުމަކީ އެކަމުގެ ފަހަތުގައި ހެޔޮ ނިޔަތެއް ނޯންނާނެކަން އެންމެނަށްވެސް ކަށަވަރު ކަމެކެވެ. ރައީސް ނަޝީދަކީ މަޖިލީހުގެ އެންމެހައި މެންބަރުންނާއި އަދިވެސް އެތައް ކަމަކާއި ހަވާލުވެވަޑައިގެން ހުންނެވި ލީޑަރުކަމަށްވާތީ އެމަނިކުފާނު ވަޑައިގެން ނެތްކަން އިހުސާސްވެ އެކަމާ އެންމެ ބޮޑަށް ކީރިތި ކުރެއްވޭ ބޭފުޅަކަށް މިވީ އާދަމް ޝަރީފު އުމަރެވެ. މީގެ ތިން ހަތަރު އަހަރެއްހައި ދުވަސްކުރިން ހަނގުބޭކަލުން ފޮނުއްވައިގެން މަޖިލީހުގެ މެންބަރުންގެ ދަތްދޮޅިވެސް ދުއްވާލަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވާ އާދަމް ޝަރީފު އުމަރެވެ.
މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާގައި އާދަމް ޝަރީފު ވިދާޅުވިއެވެ. ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި ސިޓީފުޅުން ވަރަށް ގިނަ މެސެޖު ލިބިއްޖެއެވެ. ވަރަށް އަސަރުކޮށްފިއެވެ. އެމަނިކުފާނަށް ހިތް ޚަލާސްކޮށްފީމެވެ. އެއާ ވިއްދައިގެން ދެން ވިދާޅުވިއެވެ. ރައީސް ނަޝީދު މަޖިލީހާ ދުރުގައި ހުންނަވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައީއެވެ. މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވަޑައިނުގަންނަވާނޭކަމަށް ހީވެއެވެ. އެހެންވީމާ މިގޮތަށް ޖަލްސާތައް ކުރިއަށް ގެންދާކަށް ނުފެނެއެވެ. ރައްޔިތުންގެ މުދަލުން ޚަރަދުކޮށްގެން މަޖިލިސް ހިންގާއިރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރާއިރު އެމީހެއްގެ ފަރާތުން ޚިދުމަތް ނުލިބެންޏާ އެހެން ރައީސެއް ދައްކާން އެބަޖެހެއެވެ. ރިޔާސަތު ބަދަލުކުރުމާމެދު ވިސްނައި އެވާހަކަ ދައްކާން އެބަޖެހެއެވެ.
މިހެން ވިދާޅުވެފައި ދެން މަސައްކަތް ކުރެއްވީ ފިތުނައިގެ ހުޅުގަނޑު ބޮޑުކުރެވޭތޯއެވެ. ރައީސް ސާލިހާއި ރައީސް ނަޝީދުގެ ފެކްޝަން އެއްބަޔަކު އަނެއްބަޔަކާ ޖައްސައި މަޖިލިސް ގަޑުބަޑު ކުރެއްވުމަށެވެ. ވިދާޅުވިއެވެ. މަޖިލީހުގެ މެޖޯރިޓީ އެބައޮތޭ ރައީސް ސާލިހު އެބަވިދާޅުވެއެވެ. އެހެންވީމާ މަޖިލީހުގެ ރައީސަކު ނެތި ތިންމަސް ދުވަހަށްވުރެ ގިނަ ދުވަސްވެ މަޖިލީހުގެ ރިޔާސަތު ފަޅުވެފައި އޮންނަ އޮތުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތް ވަރަށް ސާފެވެ. މަޖިލީހުގެ ރިޔާސަތުން ރައީސް ނަޝީދު ދުރުކުރުމުގެ މަސައްކަތް އެ އަޣުލަބިއްޔަތު އޮތިއްޔާ ކުރަންވީއެވެ. ނުކުރަންޏާ އެވިދާޅުވާ އަޣުލަބިއްޔަތު ނެތީއެވެ.
މިވަރުން އަދި ފުއްދާލެއްވީއެއް ނޫނެވެ. ވިދާޅުވިއެވެ. އައު ރައީސަކު ނުދައްކައި ސަރުކާރުން ހެދިހާ ގޮތެެއް ހެދިގެން ތިބުމަކީ މަޖިލީހުގެ މެންބަރުންގެ އިހުތިސާސްތަކާއި ޒިންމާޔާއި ފުށުއަރާ ކަމެކެވެ. އެހެންވީމާ މަޖިލީހުގައި ދެން އިތުރު އެހެން ކަމެއް ނުކޮށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިވަގުތު ކޮށް ނިންމާލަންޖެހޭ ކަމަކީ މަޖިލީހަށް ދިމާވެފައި އޮތް ބޮޑު މައްސަލަ ހައްލުކުރުމެވެ. އާދަމް ޝަރީފުގެ އިބާރާތުން ނަމަ މަޖިލީހަށް ކުރިމަތިވެފައިވާ ބޮޑު މައްސަލަޔަކީ ރިއާސަތު ބަދަލުކުރުމުގެ މައްސަލައެވެ. ރައީސް ނަޝީދު ރިޔާސަތުން ދުރުކުރުމުގެ މައްސަލައެވެ. އެއްވެސް ބިލެއް ފާސްނުކޮށް އެންމެ އިހަށް ކުރަންޖެހޭ ކަމަކީ އާދަމް ޝަރީފު ވިދާޅުވާގޮތުން މަޖިލީހުގެ ރިޔާސަތު ބަދަލު ކުރުމެވެ.
އެއްގާގަނޑަކުން ދެދޫނި މެރުން އޮންނަ ގޮތަށް ޔަހުޔާ ކާޅުހިފުންވެސް އޮވެއެވެ. ބަސަރާއަށް ކަދުރު ވިއްކުންވެސް އޮވެއެވެ. ސިޔާސީ ފަލްސަފާވެރިންގެ ތެރެއަށް ފަލްސަފާ މާކެޓް ކުރުންވެސް އޮވެއެވެ. އެމްޑީޕީއަކީ ސިޔާސީ ހަރަކާތާއި ސިޔާސީ ފަލްސަފާޔާއި ސިޔާސީ ހަމަލާތަކަށް އައު ބައެއް ނޫނެވެ. އާދަމް ޝަރީފުގެ ނިޔަތާއި މަގްސަދު ސާފުނުވާ މެންބަރަކު އެމްޑީޕީގައި ނުހުންނާނޭކަން ކަށަވަރެވެ. އެކަމަކު ހާލަތު މިވަގުތު އޮތްގޮތުން ކޮންމެވެސް ބަޔަކަށް މިއީ އެކަށީގެންވާ ލަވަޔަކަށް ވެދާނެއެވެ. އެކި މާލަންތަކުގައި ކިޔާލަން މުނާސަބު ލަވަޔަކަށްވެސް ވެދާނެއެވެ. އެހެންވެއްޖެނަމަ އާދަމް ޝަރީފުގެ ގާގަނޑުން ދޫންޏެއް ބިންމައްޗަށް ވައްޓައިނުލެވުނަސް ކޮންމެވެސް ވަރެއްވީއެވެ. އަނދަމުންދާ އަލިފާނަކަށް ތެޔޮފޮދެއް އަޅައިލެވުމަކީވެސް ވަރެކެވެ.