ކ. މާލެ
|
17 އޯގަސްޓް 2021 | އަންގާރަ 12:59
ބިލު ހުށަހެޅުމާއެކު މި ބިލަށް މެންބަރުން ވަނީ ބަހުސް ކުރައްވާފައި
ބިލު ހުށަހެޅުމާއެކު މި ބިލަށް މެންބަރުން ވަނީ ބަހުސް ކުރައްވާފައި
ރައްޔިތުންގެ މަޖިލިސް
ޖަނަވާރުންގެ ސިއްހަތާ ބެހޭ ބިލު
ޖަނަވާރުންގެ ސިއްހަތާ ބެހޭ ބިލުގެ ބަހުސް ފަށައިފި
 
ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
 
މި ގާނޫނުގައި ބުނާ ކަންކަން ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރު

ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމެވެ.

މެންބަރު ވިދާޅުވީ މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމުގެ ބޭނުމަކީ ދިވެހިރާއްޖެއަށް ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތަކާއި، ޖަނަވާރުގެ ބޭހާއި ކާނާއާއި އެނޫން ވެސް ތަކެތި އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، ވިއްސައި އާލާކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖަނަވާރުގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމާގުޅޭ އުސޫލުތަކާއި، ޖަނަވާރަށާއި ޖަނަވާރުގެ ޒަރީޢާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާގުޅޭ އުސޫލުތަކާއި، އެނޫން ވެސް ޖަނަވާރުގެ ސިއްހަތާގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށެވެ.

މިއީ އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދު 2008" އަދި "ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު 2012"ށް ގާނޫނީ ބާރު ލިބިދިނުމަށް ބޭނުންވާ ބިލެއް ކަމަށް ވެސް ވިދާޅުވިއެވެ.

ބިލުގައި ބުނީ މި ގާނޫނުގެ މަގްސަދަކީ ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމާއި ރާއްޖެއިން އެކްސްޕޯޓުކުރުމާއި ރީ-އެކްސްޕޯޓު ކުރުމާއި ރާއްޖޭގައި އެތަކެތި ގަނެ ގަނެ ވިއްކުމާބެހޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އަދި ޖަނަވާރުގެ ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ޖަނަވާރަށްޖެހޭ ބަލިތަކާއި، ޖަނަވާރުގެ ޒަރީޢާއިން އިންސާނުންނަށް ޖެހޭބަލިތައް ދިވެހިރާއްޖެއަށް އެތެރެވެ، އަށަގަތުމާއި، ފެތުރުން ހުއްޓުވައި، ޖަނަވާރަށް ބޭސްފަރުވާ ދިނުމުގައި ޢަމަލުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުން ވެސް ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ގާނޫނުގެ ދަށުން މި ގާނޫނުގައި ބުނާ ކަންކަން ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ. އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އިދާރީ އިންތިޒާމުތައް މިނިސްޓަރު ހަމަޖައްސަންވާނެއެވެ.

ބިލުގައި ބުނީ މި ގާނޫނޫނަށް ޢަމަލުކުރަން ފެށުމާއެކު "ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދު 2008" އަދި "ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދު 2012" އުވިގެން ދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް