ހުއްދަ ނެތް ތަންތަނުގައި ތިބި ފަތުރުވެރިން ހުއްދަ ދީފައިވާ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ ޓޫރިސްޓު ވިސާގައި އަންނަ މީހުންނަށް ތިބުމުގެ ހުއްދަ އޮންނާނީ ހަމައެކަނި ގެސްޓްހައުސްތަކާއި ރިސޯޓުތައް ފަދަ ތަންތަނުގައި ކަމަށެވެ. މިނިސްޓްރީގެ ހުއްދަ ނެތް ތަންތަން ކަމަށްވާ ގޭގޭގައި ތިބުމުގެ ހުއްދަ މިފަދަ މީހުންނަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ ނެތް ތަންތަނުގައި އެމީހުން ބައިތިއްބާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ރައްޒާން ވިދާޅުވިއެވެ. އަތޮޅުތެރެއިން ވެސް މިފަދަ ކަންކަން ހިނގާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލްތަކުން މިފަދަ ކަންކަން ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަ ކަމަށް ރައްޒާން ވިދާޅުވިއެވެ.
ރައްޒާން ވިދާޅުވީ މިނިސްޓްރީގެ ހުއްދަ ނެތް ތަންތަނުގައި ތިބި ފަތުރުވެރިން މިނިސްޓްރީގެ ހުއްދަ އޮތް ތަންތަނަށް ބަދަލުކުުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެހެން ތަނަކަށް ބަދަލުވާން ފަތުރުވެރިން ދެކޮޅުހަދާނަމަ އެހިސާބުން އެމީހުންގެ ކަންކަމާ ހަވާލުވާނީ އިމިގްރޭޝަނުން ކަމަށް ރައްޒާން ވިދާޅުވިއެވެ.
ރައްޒާން އިތުރަށް ވިދާޅުވީ ފަތުރުވެރިންނާ ގުޅުންހުރި ކަންކަން ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން މިފަދަ ގާނޫނާ ޚިލާފު ކަންކަމުގައި ބައިވެރިވާކަން ފާހަގަކުރެވޭނަމަ މިނިސްޓްރީން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ ނެތް ތަންތަނުގައި ފަތުރުވެރިން ބައިތިއްބާ ކަމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު، މިކަމުގެ ޝަކުވާތަކެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިކަން ހައްލުކުރުމަށް މަސައްކަތްތަކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.