ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 18:21
ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފެށުން
ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފެށުން
ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް
އަންހެން ސިފައިން ބައިވެރިވާ ފުރަތަމަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފަށައިފި
 
މި ކޯހުގައި ޑައިވިންގއާގުޅޭ އެކި ތަމްރީނުތައް ދޭނެ
 
މި ކޯސް ތިން މަސް ދުވަހަށް ދެމިގެންދާނެ
 
މި ކޯހުގައި ޖުމްލަ 29 ދަރިވަރުން ވަނީ ބައިވެރިވެފައި

ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން, ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ހިންގާ 9 ވަނަ ބޭސިކް ޑައިވިންގ ކޯސް ފަށައިފިއެވެ.

މި ކޯހަކީ، ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އަންހެން ސިފައިން ބައިވެރިވާ, ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހެވެ. މިކޯސް ފެށުމުގެ ގޮތުން އާދީއްތަ ދުވަހު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިޤްރާރު ލައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ސްކޫލްގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖަމްޝާދުއެވެ. އަދި ދަރިވަރުންނަށް އިޤްރާރު ލައިދެއްވީ ކޯހުގެ ކޯސް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަފީޤެވެ.

އޮގަސްޓް 15އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯސް ކުރިއަށްދާނީ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިންގ އޮޕަރޭޝަންގައި ޑައިވް އިކްއިޕްމަންޓްސް އާއި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިންގ، ސްވިމިން އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ގޮތުގެ ތަމްރީނު ވެސް މިކޯހުގެ ބައިވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސި މީޑިއަމަށް ހިންގާ މިކޯހުގައި ޖުމްލަ 29 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ސްރީލަންކާއާއި ބަންގްލަދޭޝް އަދި ނޭޕާލްގެ ސިފައިންގެ ތެރެއިން ޖުމްލަ 7 ސިފައިން ބައިވެރިވެފައިވެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފްގެ އެކި ޔުނިޓްތަކަށް ނިސްބަތްވާ ސިފައިން ވަނީ ބައިވެރިވެފައެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި، ކޯސްޓްގާޑް ކޮމަޑާންޓްގެ އިތުރުން، ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، ކޮމާންޑް ސާޖަންޓް މޭޖަރ އޮފް ކޯސްޓްގާޑް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި ސީނިއަރ އެންލިސްޓެޑުންނާއި ކޯހުގެ ދަރިވަރުންނާއި މުދައްރިބުން ބައިވެރިވެވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް