ކ. މާލެ
|
15 އޯގަސްޓް 2021 | އާދީއްތަ 20:34
ތުއްތު ކުދިން ވެސް ހަކުރު ބައްޔަށް ހުށަހެޅިގެންދޭ،
ތުއްތު ކުދިން ވެސް ހަކުރު ބައްޔަށް ހުށަހެޅިގެންދޭ،
ރާއްޖެއެމްވީ
ހަކުރު ބަލި
''ހަކުރު ބަލީގެ ޝިކާރައަކަށް އެންމެ އެގާރަ މަހުގެ ތުއްތު ކުއްޖެއް''
 
އެކުދިންނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވޭ
 
ހަކުރު ބަލީގެ ޓައިޕް 1 ޖެހިގެން 159 ކުއްޖަކު ރަޖިސްޓަރީ ވެފައިވޭ
 
ހަކުރު ބަލި ޖެހިގެން ރަޖިސްޓްރީ ވެފައިވަނީ ޖުމްލަ 1941 މީހުން

ހަކުރު ބައްޔަކީ ހުރިހާ އުމުރުފުރައަކަށް ވެސް ޖެހޭ, ތަފާތު އެކި ސިއްހީ މައްސަލަތައް ކުރިމަތިވާ ބައްޔެކެވެ. އެކަށީގެންވާ ފަރުވާ ނުދެވޭނަމަ ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ.

ރާއްޖޭގައި ވެސް ހަކުރު ބަލި ތަހައްމަލުކުރާ އެކި އުމުރުފުރާގެ މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ޒުވާނުންނާއި ވަރަށް ތުއްތު ކުދިން ހިމެނެއެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު، 8 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ މީހުން ކަމަށް ބެލެވޭ ކަމަށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ހާމަކޮށްފައިވެއެވެ. ހަކުރު ބަލިޖެހޭ ޒުވާނުން ގިނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާއިރު، ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން މިބައްޔަށް ހުށަހެޅޭ ފަހަރު އާދެއެވެ.

ހަކުރު ބަލީގެ ޓައިޕް 1 އަދި ޓައިޕް 2 ހުރެއެވެ. ހަކުރު ބަލީގެ ޓައިޕް 1 ޖެހެނީ ޕެންކްރިއަސްއަށް ދިމާވާ ސިއްހީ މައްސަލައެއްގެ ސަބަބުންނެވެ. މި ވައްތަރު ޖެހެނީ ކުޑަކުދިންނަށާއި ޒުވާން އުމުރުގެ މީހުންނަށެވެ. ޓައިޕް 1 ޖެހޭ މީހުންގެ ހަށިގަނޑުން އެކަށީގެންވާ މިންވަރަށް އިންސިއުލިން އުފައްދައެއް ނުދެއެވެ. ހަކުރު ބަލީގެ ޓައިޕް 2އަކީ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް އިންސިއުލިން އުފައްދައި ނުދިނުމުން ލޭގައި ހަކުރުގެ މިންވަރު އެކަށީގެންވާ ވަރަށް ވުރެ މާބޮޑަށް އިތުރުވުމެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ޓައިޕް-2ށް މީހާ ހުށަހެޅިގެންދަނީ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުންނެވެ. އެއީ ބަރުދަން އިތުރުވުމާއި، ކެއިން ބުއިމުގެ ރަނގަޅު އާދަތައް ނުގެންގުޅުމުގެ އިތުރުން ކަސްރަތު ނުކުރުމުގެ ސަބަބުންނެވެ. އަދި މަދު ހާލަތެއް އާއިލާގެ ފަރާތުން މިބަލި ވާރުތަ ވާކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހަކުރު ބަލި ޖެހިގެން ރަޖިސްޓްރީ ވެފައިވަނީ ޖުމްލަ 1941 މީހުންނެވެ. ހަކުރު ބަލީގެ ޓައިޕް 1 ޖެހިގެން 159 ކުއްޖަކު ރަޖިސްޓަރީ ވެފައިވެއެވެ. އަދި އެންމެ ތުއްތު ކުއްޖެއްގެ ގޮތުގައި އެސޮސައިޓީގައި ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ 11 މަހުގެ ތުއްތު ކުއްޖެކެވެ. މިމަހުގެ ކުރީގެ ކޮޅު 1 އަހަރުގެ ކުއްޖެއް ވެސް ރަޖިސްޓްރީކޮށްފައިވެއެވެ.

ޑައިބެޓީސް ސޮސައިސިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ ޢާއިޝަތު ޝިރުހާނާ ވިދާޅުވާ ގޮތުގައި، ތުއްތު ކުދިން ހަކުރު ބައްޔަށް ހުށަހެޅިގެންދާ ކަމަކަށް ބައެއް މީހުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް ހަކުރު ބައްޔަކީ ވަކި އުމުރުފުރައަކަށް އޮތް ބައްޔެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ވެސް ތުއްތު ކުދިންނާއި، ޒުވާނުން ޓައިޕް 1އަށް ހުށަހެޅޭ އަދަދު ނިސްބަތުން ގިނަ ކަމަށް ޝިރުހާނާ ވިދާޅުވިއެވެ.

ނަމަވެސް ޑައިބެޓީސް ސޮސައިސިޓީގައި ރަޖިސްޓްރީވެފައިވަނީ ނިސްބަތުން މަދު ބައެކެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ރަޖިސްޓްރީ ނުވެ ގިނަ ކުދިންތަކެއް ދިރިއުޅެމުން ގެންދެއެވެ. މިއީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި, މި ބައްޔަށް ހުށަހެޅިފައިވާނަމަ ރަޖިސްޓްރީ ވުމަށް އޭނާ އިލްތިމާސްކުރައްވާފައިވެއެވެ.

ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގައި ހަކުރު ބަލީގެ 1941 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، 1782 މީހުންނަކީ ޓައިޕް 2 މީހުންނެވެ. އެހެންކަމުން ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައަށް ބޮޑު ބަދަލެއް ގެންނަން ޖެހޭކަން މިއިން އެބަ ހާމަވެއެވެ. ކެއިންބުއިމުގައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމާއި، ބަރުދަން ލުއިކޮށް, ކަސްރަތުކޮށް، މީހާގެ ދިރިއުޅުން އިތުރަށް ތާޒާކުރަން ޖެހެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ހަކުރު ބައްޔަށް މުޖުތަމައު ވަރަށް ބޮޑަށް ހޭލުންތެރިކުރުވަން ޖެހެއެވެ. އެހެން ނޫންނަމަ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި މިއަދަދު ދެގުނަ އިތުރުވާނެ ކަމަށް އެބޭފުޅުން ލަފާކުރައްވައެވެ. މި ބައްޔަށް މުޖުތަމައު ހޭލުންތެރިކުރުވަން ޖެހޭކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެފައިވާއިރު، ހަކުރު ބަލި ތަހައްމަލު ކުރަމުންދާ ބައެއް ޒުވާނުން ވެސް މިކަން ފާހަގަކުރެއެވެ.

ހަކުރު ބަލި ތަހައްމަލު ކުރަމުންދާ ބައެއް ޒުވާނުން ބުނަނީ ހަކުރު ބަލީގެ ސަބަބުން ބައެއް ކަންކަން ނުކުރެވޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ. ޔަންގް ލީޑަރ ޑައިބެޓީސް ފާތިހު މުޙައްމަދު ރަޝީދު ބުނާ ގޮތުގައި, ހަކުރު ބަލި ތަހައްމަލު ކުރަމުންދާ ކުދިންނާމެދު ވަޒީފާގެ މާހައުލުގައި އަދި ސްކޫލުގައި ވެސް ވަރަށް ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެއެވެ. ނަމަވެސް ހަކުރު ބަލީގެ ސަބަބުން އެއްވެސް ކަމަށް ހުރަސް ނޭޅޭނެ ކަމަށާއި، ހަމަހަމަކަމާއެކު ފުރުސަތުތައް ފަހިކޮށް ދިނުމަށް ފާތިހު އެދެއެވެ. ޓައިޕް 1 ކުދިންނަށް ޑައިވްނުކުރެވޭނެ ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވުނު ނަމަވެސް މިހާރު އެފުރުސަތު ވެސް ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ. ޕައިލެޓުންގެ އިތުރުން އެކި ދާއިރާތަކުގައި ހަކުރު ބަލީގެ ޒުވާނުންނާއި ކުދިން މަސައްކަތް ކުރަމުންދާއިރު، ތަފާތު ކުރުމެއްނެތި އެމީހުންނަށް ވެސް ފުރުސަތުތައް ލިބިގެން ދިއުމަކީ ގިނަ އާއިލާތަކުގެ އެދުމެކެވެ.

ހަކުރު ބަލީގެ މީހުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިނުމަށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ގިނަ މަސައްކަތްތައް ކުރަމުންދެއެވެ. ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގަމުންދެއެވެ. ޑައިބެޓީސް ސޮސައިޓީއިން ހާމަކޮށްފައިވާ ގޮތުގައި ބައެއް އާލާތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިވެއެވެ. ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށުން ނުލިބުމަކީ ވެސް އެ ސޮސައިޓީގެ ކަންބޮޑުވުމެކެވެ. ޓައިޕް 1ގެ މީހުން ކޮންމެ ދުވަހަކު އިންސިއުލިން އިންޖެކްޝަން ޖަހަން ޖެހޭއިރު، ފާމަސީތަކުން އިންސުލިން ނުލިބޭ މައްސަލަ ބޮޑު ކަމަށް ޑައިބެޓީސް ސޮސައިޓީން ބުނެފައިވެއެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ދިރިއުޅެމުންދާ ހަކުރު ބަލީގެ ކުދިންނަށް ގިނަ ދަތިތައް ކުރިމަތިވާކަން ޑައިބެޓީސް ސޮސައިޓީން ފާހަގަކޮށްފައިވެއެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރަމުން ދިޔަ ނަމަވެސް މިއަދާ ހަމައަށް ވެސް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށް އެސޮސައިޓީން ބުނެފައިވެއެވެ.

އެހެންކަމުން ހަކުރު ބަލީގެ މީހުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް މުޅި މުޖުތަމައު އެކުގައި ތެދުވަން ޖެހެއެވެ. އެމީހުންނާ މެދު ދެކޭ ގޮތް ބަދަލުކޮށް, ފުރުސަތުތައް ފަހިކޮށްދޭން ޖެހެއެވެ. ތުއްތު ކުއްޖަކަށްވެސް, ޒުވާނަކަށްވެސް އަދި އުމުރުން ދުވަސްވީ މީހަކަށް ވެސް މިބަލި ޖެހިދާނެ ކަމަށް ގަބޫލުކޮށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
10%
0%
57%
19%
0%
14%
ކޮމެންޓް