މާސްކާ ނުލައި އުޅެން ގާތް ވެސް ނުވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފެށުމުގެ އިންތިޒާމުތައް ބައްލަވައިލެއްވުމަށް އިސްލާމީ މަރުކަޒަށް ވަޑައިގެން ދެއްވި އިންޓަރވިއުއެއްގައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ކުރީ، 7 ފެބްރުއަރީ 2021 ގައެވެ.
މިނިސްޓަރު ވިދާޅުވީ، މާސްކް އެޅުން ހުއްޓާލުމަށް އަދި ގާތް ވެސް ނުވާކަމަށާއި، ރާއްޖެއަށް އެކި ގައުމުތަކުން މީހުން ޒިޔާރަތްކުރަމުންދާއިރު މާސްކުން ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބޭ ކަމަށެވެ. އެހެންކަމުން ހުރިހާ އެންމެން ވެސް މާސްކު އަޅައިގެން ރައްކާތެރިކަން ހޯދައިގެން އުޅުމަށް އިލްތިމާސް ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އާބާދީއަށް ވެކްސިން ދީ ނިމުމުން ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ކަވަރު ކުރެވުނީ ކަމަށެވެ.
އަދި ދިރާސާތަކުގެ ނަތީޖާއަށް ބަލައި، 5 އަހަރުން މަތީގެ އާބާދީއަށް ވެކްސިން ދޭން ފެށުމުން ދެން ތިބޭނީ ރާއްޖޭގެ އާބާދީގެ މަދު ބައެއް ކަމަށެވެ. ވެކްސިންޖެހޭ އާބާދީގެ އެންމެން ވެކްސިން ފުރިހަމަކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. އަދި ރައީސްގެ އަމާޒަށް ވާސިލްވުމަށް ކުރަމުން އަންނަ މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ފައިޒަރ ވެކްސިން ޖަހާނެ ސެންޓަރުތަކާއި ގަޑިތައް
އިސްލާމީ މަރުކަޒު - ހެނދުނު 9:00 އިން ހަވީރު 4:00 އަށް
ހުޅުމާލޭ ހޮސްޕިޓަލް - މެންދުރު 1:00 އިން ހަވީރު 4:00 އަށް
ވިލިމާލެ ޔޫތު ސެންޓަރު - މެންދުރު 1:00 އިން ހަވީރު 4:00 އަށް (އާއްމުކޮށް ޖަހަން ފަށާނީ އޯގަސްޓް 16 އިން ފެށިގެން)
އެޗް.ޕީ.އޭއިން ވަނީ ސްކޫލްތަކުގެ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ނިންމި ކުދިން ފިޔަވާ، 12 އަހަރާއި 17 އަހަރުގެ ކުދިންނާއި މާބަނޑުމީހުންނާއި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން ފަރާތްތައް ވެކްސިން ޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދައިގެން ވެކްސިން ޖަހަން ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ޖެހުމަށްދާއިރު އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓާއެކު ކަމާގުޅުންހުރި ލިޔެކިޔުންތައް ގެންދިއުމަށް ވަނީ އަންގަވާފައެވެ.