އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އެކަނި ދައުވާކޮށް ނިންމާލުމަށްވުރެ ބޮޑަށް ދައުލަތް އޮރިޔާންވާނެ އެހެން ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ މިވަގުތު ސަސްޕެންޝަނުގައި ހުންނެވި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތުހުމަތުކުރާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ކޯޓަށް ވައްދައިފިނަމަ ދައުލަތް "އޮރިޔާން" ކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާތައް ކުރިއަށް ނުގެންދެވެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އެކަނި ދައުވާކޮށް މައްސަލަ ނިންމާލުމަކީ ހުތުރު ކަމެއް ކަމަށެވެ.
މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމަށާއި، ޕީ.ޕީ.އެމްގައި ދެމިހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނުވަތަ ޕާޓީގައި ދެމިހުރުމުގެ އަގެއްގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ. އެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ.
މިކަމާ ގުޅިގެން މަހުލޫފު ބުނެފައިވަނީ، އޭނާ ހިންގާފައިވާ ފައިސާގެ މުއާމަލާތަކީ ޞައްޚަ މުއާމަލާތެއް ކަމަށެވެ. މަހުލޫފު ވިދާޅުވެފައިވަނީ ޖަލަށް ނުލެވޭނެ ކަމަށާއި، އެވަރަށް ހެކި ވެސް ނުހޯދޭނެ ކަމަށެވެ. ކުރެވޭނެހާ ވެސް ކަމަކީ މަގާމުން ވަކިކުރުން ކަމަށެވެ. މިއީ އަނިޔާއެއްކަން ސިފަކުރައްވައި މަހުލޫފު ވިދާޅުވީ ގަައިގައި ބަޔަކު ޖަހައިފިނަމަ މަޑުން ނުހުންނަވާނެ ކަމަށެވެ.
މަހުލޫފު ވިދާޅުވެފައިވަނީ، ސިޔާސީ ބޭނުމަކަށް ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތަށް އޭސީސީން ވެސް އެއްބާރުލުން ދެމުން އަންނަ ކަމަށާއި، އޭނާގެ މައްޗަށް ދައުވާ ކުރަން ވަކި ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.