މި ސީޒަނުގެ ޖަރުމަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެއިންޓްރެކްޓް ފްރެންކްފަޓް އަތުން ފަސޭހަކަމާއެކު ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 23 ވަނަ މިނެޓުގައި އާލިން ބްރައުޓް ހާލަންޑް ދިން ދިން ބޯޅައަކުން ކެޕްޓަން މާކޯ ރެއުސް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޑޯޓްމުންޑުގެ ޑިފެންޑަރު ފެލިކްސް ޕަސްލަކް އަތުން ބައިކޮޅަށް ވަން ލަނޑުން ފްރެންކްފަޓުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގައި ޑޯޓްމުންޑުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ހާލަންޑް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ހާލަންޑް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑުގެ ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގައި ހާލަންޑް ދިން ބޯޅައަކުން ޖިއޮވާނީ ރޭނާ ޑޯޓްމުންޑުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، 70 ވަނަ މިނެޓުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހާލަންޑް ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި ފްރެންކްފަޓުން ޖެހި ދެވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޔެންސް ޕެޓާ ހޯގާއެވެ.
މި މޮޅާއެކު ޑޯޓްމުންޑުން މި ސީޒަނުގެ ޖަރުމަން ލީގުގެ ފެށުން ރަނގަޅުކުރިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ރަށުން ބޭރުގައި ޑޯޓްމުންޑް ނުކުންނާނީ ފްރެއިބާގާ ދެކޮޅަށެވެ.