އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ލިވަޕޫލާއި ޗެލްސީން ފެށުން ރަނގަޅުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ލިވަޕޫލުން ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ނެދަލެންޑްސްގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް ހިމަނާފައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ޕްރިމިއާ ލީގުގައި ވެން ޑައިކް ކުޅުނު ފުރަތަމަ މެޗެވެ. އެ އަނިޔާއާ ގުޅިގެން ވެން ޑައިކަށް މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ގެއްލުނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މުހައްމަދު ސަލާހުގެ އެހީއާއެކު މެޗުގެ 26 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. އަދި ދެވަނަ ހާފުގައި ސަލާހު ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަލާހެވެ. މި ލަނޑާއެކު ސަލާހް ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ޖެހިޖެހިގެން ފަސް ސީޒަނުގެ ފުރަތަމަ މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ މޮޅުވީ ކްރިސްޓަލް ޕެލަސް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މާކޯސް އަލޮންސޯއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރިސްޓިއަން ޕުލިސިކް ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޓްރެވާ ޗަލޯބާއެވެ. މިއީ އުމުރުން 22 އަހަރުގެ ޗަލޯބާ ޗެލްސީގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މީގެ އިތުރުން ޕްރިމިއާ ލީގުގެ ހޮނިހިރު ދުވަހުގެރޭ ކުޅުނު އެހެެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެވަޓަންއިން ވަނީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިކޮށްފައެވެ. އަދި އަލަށް ޕްރޮމޯޓުވި ވަޓްފޯޑުން 3-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކުރިއިރު، ލެސްޓާ ސިޓީ ވަނީ 1-0 ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެފައެވެ.