ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 22:24
ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ
ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑްގެ ހާލަތު
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 79،000ށް އަރައިފި
އެކްޓިވް ކޭހުގެ އަދަދު ވަނީ 1،735ށް އަރާފައި

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 79،000ށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް 4،813 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 74 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 13 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 51 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ.

އެކްޓިވް ކޭހުގެ އަދަދު 1،735ށް އަރާފައިވާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން 18 މީހަކަށް މިވަގުތު ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބަލިން ފަސޭހަވި މީހުންގެ ޖުމްލަ ވަނީ 77،031ށް އަރާފައެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.

ރާއްޖެއިން މިހާރު ފެންނަ ކޭސްތަކުގެ އަދަދު މަދުވެފައިވާއިރު ސަރުކާރުގެ ފަރާތުން ވަނީ ލުއިތައް ވެސް ދޭން ފަށާފައެވެ. ރާއްޖެ މިހާރު އައު އާންމު ހާލަތަކަށް ދިޔަ ނަމަވެސް ކޮވިޑުގެ ނުރައްކާ އަތުވެދާނެ ކަމަށް ސަމާލުވާން ޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވެފައިވަނީ ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރީ ވަރަށް ދަތިކަމުގެ ތެރޭގައި ކަމަށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް