އަތޮޅު ތެރޭގައިވެސް ފައިޒަރ ވެކްސިންގެ ކޯލްޑް ޗެއިން ދެމެހެއްޓިދާނެކަމަށް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ އަޙުމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ ފައިޞަލް ވަނީ ފައިޒަރ ވެކްސިން ޖެހުމުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޑރ ފައިޞަލް ވިދާޅުވީ، 12 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހުމަށް ހުއްދަ ދީފައިވަނީ ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ކަމަށެވެ. އެގޮތުން ބެލެނިވެރިންނަށް ޚާއްސަކޮށްގެން މިހާރު މައުލޫމާތު ސެޝަންތަކެއް ހިންގަމުންދާކަން ފާހަގަ ކުރައްވައި ޑރ ފައިޞަލް ވިދާޅުވީ، މައިންބަފައިންގެ އިޒުނަ އޮތްކަން ބަޔާންކުރާ ފޯމުގައި ސޮއި ކުރުމަށްފަހު ސުކޫލަށް ހުށައަޅަންޖެހޭ ކަމަށެވެ. މާލެއާއި އަތޮޅުތެރޭގެ އެކި ސްކޫލްތަކުގައި މި ޕްރޮގްރާމް ކުރިއަށްދާނީ މަރުޙަލާތަކަކަށް ބަހާލައިގެންކަން ޑރ ފައިޞަލް ފާހަގަ ކުރެއްވިއެވެ.
ޑރ ވިދާޅުވީ، ފައިޒަރ ވެކްސިން "އައިސް ބޮކްސް" ތަަކަށް ލުމަށްފަހު އަތޮޅު ތެރެއަށް ފޮނުވައިގެން މަހެއްހާ ދުވަހު ބެހެއްޓިދާނެކަން މިހާރުގެ ދިރާސާތަކުން ހާމަވާ ކަމަށެވެ. ނަމަވެސް ވެކްސިންގެ ކޯލްޑް ޗެއިން ދެމެހެއްޓޭކަން ޔަޤީންކުރުން މުހިއްމުކަމަށް ޑރ ވިދާޅުވިއެވެ. ނަމަވެސް ފައިޒަރ ވެކްސިން އަލަށް އުފެއްދިއިރު މި ވެކްސިނަކީ ކޯލްޑް ޗެއިން ދެމެހެއްޓުމަށް އެންމެ ދަތި އެއް ވެކްސިންކަމަށް ޑރ ވިދާޅުވިއެވެ. އެގޮތުން 70- ޑިގްރީގައި ބަހައްޓަންޖެހޭކަމަށް އޭރު ދިރާސާކުރާ ފަރާތްތަކުން ބުނި ނަމަވެސް، މިހާރު އެކަމުގައި ލުއިތަކެއް ހުރުމާއެކު، އަތޮޅު ތެރޭގައިވެސް މި ވެކްސިން ޖެހުމަށް ހުރަހެއް ނެތްކަން ޑރ ފާހަގަ ކުރެއްވިއެވެ.
މިހާރު 18 އަހަރު ނުވާ ކުދިންގެ ތެރެއިން ސުކޫލަށް ނުދާ ކުދިންވެސް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރ ވެވޭނެކަމަށް ޑރ ފައިޞަލް ވިދާޅުވިއެވެ.
ޑރ އިތުރަށް ވިދާޅުވީ، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ވުމާއެކު، ވައިރަސް އިން ދިފާއުވުމަށް ވެކްސިން ޖެހުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވައި ޑރ ވިދާޅުވީ، ޑެލްޓާ ވޭރިއަންޓާއެކު ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބައްޔަށް ޕޮޒިޓިވްވަމުން ދިޔަ ކަމަށެވެ. ޑރ ވިދާޅުވީ، ކޮވިޑުގެ ބޫސްޓަރ ޝޮޓްއަކާ ދޭތެރޭގައި ވިސްނުން އެންމެ އެކަށީގެންވަނީ އެންމެންނަށް ހަމަހަމަކޮށް ވެކްސިން ޖެހުމަށްފަހު ކަމަށެވެ.
ޑރ ފައިޞަލް ވަނީ ރާއްޖެއަކީ މި ސަރަޙައްދުގައިވެސް ވެކްސިނޭޝަން ޕްރޮގްރާމް އެންމެ ރަނގަޅަށް ކުރިއަށް ގެންދާ އެއް ޤައުމުކަން ފާހަގަ ކުރައްވައި، ދޭސީންނާއި ބިިދޭސީންވެސް ތަފާތު ކުރުމެއްނެތި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދަވާނެކަން ފާހަގަ ކުރައްވާފައެވެ.
އޭގެ އިތުރުންވެސް ހުރިހާ އުމުރުފުރާއެއްގެ ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންގޮސް، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ޑރ ވިދާޅުވީ، މިހާރު ހުރި ވެކްސިންގެ މުއްދަތު ނޮވެމްބަރު މަހަށް ހަމަވާނެ ކަމަށެވެ. އެއާއެކު ވީހާވެސް ގިނަ ފަރާތްތަކުން އަވަހަށް ވެކްސިން ޖެހުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. މިހާރު ރާއްޖެއަށް ލިބިފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒްތައް މި ނޮވެމްބަރު މަހު ހަމަވާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤުވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ އުމުރުފުރައިގެ 90 އިންސައްތަ މީހުންގެ ވެކްސިނޭޝަން ފުރިހަމަކުރުމަށް ސަރުކާރުން އަމާޒު ހިފާފައެވެ. އެގޮތުން ސްކޫލްތަކުގެ މުވައްޒަފުންނާއި މުޅި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރުމަށް ޚާއްސަ ކެމްޕެއިނެއް, އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ފަށާފައިވާއިރު، ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވީހާވެސް އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ.