ޖަޕާނަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެމިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ދާންޖެހިއްޖެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޖަޕާނުގައި މިހާރު ވަނީ އެންމެ މަތީ ދަރަޖައިގެ މޫސުމީ ސަމާލު ނެރެފައެވެ. އެގޮތުން މިހާރުވެސް ދެމިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.
ވިއްސާރަވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގެ ސަބަބުން މިހާރުވެސް ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި އަންހެނެއްގެ ފުރާނަަ ގޮސްފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ހިނގަމުންދާ ޙާދިސާތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.
އޭގެ އިތުރުން، ޖަޕާނުގެ މޫސުމާބެހޭ އިދާރާއާ ޙަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި, ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ޤައުމުގެ ގިނަ ކޯރުތައްވެސް ވަނީ ފުރިގެން ބަންޑުންވެފައެވެ. އެކަމުގެ ސަބަބުންވެސް ފެންބޮޑުވުމުގެ ޙާދިސާތައް ހިނގަމުންދާއިރު، މަގުތަކާއި އާންމު ދަތުރުފަތުރު ކުރާ ތަންތަނުގައިވެސް މިހާރު ފެންބޮޑުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.