ކ. މާލެ
|
14 އޯގަސްޓް 2021 | ހޮނިހިރު 18:04
އައްޑޫ ސިޓީ ހިތަދޫން ދީފައިވާ ބިންތަކާއި ގުޅޭ މައްސަލަ މިހާރު އޮތީ ކޯޓު އަމުރަކާއެކު ހުއްޓާފައި
އައްޑޫ ސިޓީ ހިތަދޫން ދީފައިވާ ބިންތަކާއި ގުޅޭ މައްސަލަ މިހާރު އޮތީ ކޯޓު އަމުރަކާއެކު ހުއްޓާފައި
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ހިތަދޫ ގޯތިތައް ނުރުހުމުގައި އަތުލެވިދާނެތަ؟
 
ކައުންސިލަށް ބިންތައް ނެގޭނީ އަދުލުވެރި ބަދަލަކާއެކު
 
ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބުނާ ގޮތުން އަސާސީ ހައްގެއް ނިގުޅައި ނުގަނެވޭނެ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ބިންބިމާމެދު ގޮތް ނިންމުމާއި، ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ހެދުން ހިމެނެއެވެ. ކައުންސިލަށް މާލީ މަންފާއާއި ވިޔަފާރި ކުރެވޭނެ މަގު އަދި ކުދި ޕްރޮޖެކްޓްތައް ހިންގޭނެކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް މި ގާނޫނުގެ ދަށުން ބަންޑާރަ ގޯއްޗެއް މީހެއްގެ ނުރުހުމުގައި ކައުންސިލަށް ނެގިދާނެތޯ މިއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

މި ސުވާލު އުފައްދަން ޖެހުނީ އައްޑޫ ސިޓީގެ އެންމެ ޕްރައިމް ލޮކޭޝަން ކަމުގައިވާ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ދޫކޮށްފައިވާ ބަންޑާރަ ބިންތައް ސިޓީ ކައުންސިލުން ބަދަލުކުރަން ނިންމި ނިންމުމެވެ. މި ނިންމުމާއި އެ ބިންތަކުގެ ވެރިން ދެކޮޅެވެ. ނަމަވެސް ކައުންސިލުން ވަނީ ބިންތައް އަތުލައި އެހެން ބިންތަކެއްދޭން ނިންމާފައެވެ. އަދި އެކަމާއި ނުރުހޭނަމަ ކޯޓަށް ދިއުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާމެދު ގާނޫނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލަމަރުކަޒީ އުސޫލުން ކަމަށެވެ. މި ގާނޫނުގެ ދަށުން ކައުންސިލަށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި މުދާ އެއްކުރުމުގެ ބާރު ލިބިފައިވެއެވެ.

މި އިސްލާހުގެ ދަށުން ކައުންސިލްތަކުން ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނެއް ހަދަން ޖެހެއެވެ. ލޭންޑް ޔޫސް ޕްލޭނުގެ ބޭނުމަކީ ބިން ބޭނުންކުރެވޭނެ ނިޒާމެއް ލިޔެ ކިޔުމުން ތައްޔާރު ކުރުމެވެ. ރާއްޖޭގެ ކޮންމެ ކައުންސިލަކުން ވެސް ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރު ކުރަން ޖެހެއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ދައުލަތުގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން އެރަށެއްގައި ހިމެނޭ ބިމެއްގައި މިވަގުތު ހިނގަމުންދާ އޮޕަރޭޝަނެއްގައި ބަދަލު ނުގެނެވޭނެއެވެ. ނަމަވެސް އަލަށް ފަށާތަނެއްގައި ބިމާއިމެދު ކަމެއް ނިންމަންވާނީ ލޭންޑް ޔޫސް ޕްލޭން ހެދިގެން ތަރައްގީގެ ޕްލޭނާ އެކީގައި ލިޔެފައި އޮތް ލޭންޑް ޔޫސް ޕްލޭނެއް އޮވެގެންނެވެ.

ލޭންޑް ޔޫސް ޕްލޭންގައި ބަޔާންކުރާ ކަންތައްތަކުގެ ތެރޭގައި އެ ރަށެއްގައި ހިމެނޭ ރުއްގަހުގެ އަދަދު ވެސް ހިމަނަން ޖެހެއެވެ. އެ ރަށުގައި ހިމާޔަތްކުރެވޭ ސަރަހައްދު ވެސް ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ޖެހެއެވެ. އެރަށެއްގެ ބިން އަކަކުރެވޭނެ ގޮތާއި ބިން ވެލިއުކުރެވޭނެ ގޮތާއި ހިއްކެން އޮތް ސަރަހައްދާއި، ހިއްކެން އޮތް ސަރަހައްދުގެ ބިމުގެ ބޭނުންކުރާނެ މިންވަރާއި އަދި ބިންތައް ބޭނުންކުރާނެ މިންވަރު އޮންނަންޖެހެއެވެ.

ދިވެހިރާއްޖޭގެ ބިމުގެ މައިގަނޑު ސިޔާސަތު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިކަން ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއި މަޝްވަރާގެ މަތިންނެވެ.

ލާމަރުކަޒީ ގާނޫނާއި ބިމާއި ބެހޭ ގާނޫނު އަދި ގާނޫނު އަސާސީގައި ބުނާ ގޮތުން ދިވެހިރާއްޖޭގެ ބިމާއި ބެހޭ ހުރިހާ މުއާމަލާތެއް ނިންމާނީ ޝަރުއީ ކޯޓަކުންނެވެ. ބިމެއް މީހަކަށް ދިނަސް ވިއްކިޔަސް އަދި އަމިއްލަ ބިމެއް ކަމުގައި ވިޔަސް މުއާމަލާތު ކުރަން ޖެހޭނީ ކޯޓަށް ވައްދައިގެން ހުކުމެއް ކޮށްގެންނެވެ.

ކައުންސިލަކަށް ބިމެއް ދައްކާފައި އެތަނުގައި ހުރި ތަނެއް ނަގާފައި އެތަނުގައި އަޅާނީ ދައުލަތުގެ ތަނެކޭ ބުނެވޭނެ އިޚުތިޔާރު ލިބިގެން ނުވެއެވެ. އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ނޫނީ ބިމެއް ނުނެގޭނެ ކަމަށް ގާނުނު އަސާސީގައި ބުނެފައިވެއެވެ. އަދުލުވެރި ބަދަލެއް މާނަ ކުރަނީ ގެއެއް އަގުކުރުމަށްފަހުގައި ލާރި ދިނުމެއް ނޫނެވެ. އަދި ބަދަލުގައި އެހެންތަނެއް ދިނުމެއް އެކަންޏެއް ނޫނެވެ.

އަދުލުވެރި ބަދަލުގެ އެންމެ މުހިންމު އެއް ރުކުނަކީ މީހެއްގެ ރުހުން އޮތުމެވެ. މީހެއްގެ ރުހުން އެއީ ގާނޫނުގައި އަދުލުވެރި ބަދަލު މާނަކުރާގޮތެވެ. ގެއެއް އަޅާފައި ހުރި ތަނެއްގައި އެ ގެއެއް ވެލިއުކޮށްފައި އަގުކޮށްފައި އެއަށްވުރެ ގިނަ ލާރި ވެސް ދެވިދާނެއެވެ. ނަމަވެސް ގިނަ ލާރި ދިނަސް އެއީ އަދުލުވެރި ބަދަލެއް ކަމަށް ގާނޫނު މާނައެއް ނުކުރެއެވެ. ގާނޫނު މާނަކުރަނީ އެތަނެއް ދީފައިވާ މީހާ ނުވަތަ ވެރިމީހާ ނުވަތަ ވާރިސުންގެ ރުހުމާއި އެކީގައި އެތަން އަގުކުރުމަށްފަހުގައި އެތަނަށް ލާރި ދިނުމަށްފަހުގައި އޭނާއަށް ދިރިއުޅޭނެ އެހެން ބިމެއް ދެއްކުމަށްފަހުގައި އެކަންކަން އެގޮތަށް ހަމަޖެއްސުމެވެ.

ގާނޫނުގައި މިހާ ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމެއްގައި ކައުންސިލަށް ލިބިގެންވާ ބާރެއްގެ ދަށުން ބިމެއް އަތުލެވިދާނެތޯ މިއީ އުފެދޭ ސުވާލެވެ. އައްޑޫ ސިޓީ ކައުންސިލުން މިގޮތަށް އަމަލުކުރުމުން ބިމުގެ ވެރިފަރާތުން މައްސަލަ ކޯޓަށް ވައްދާ ކޯޓުން ވަނީ ވަގުތީ އަމުރެއް މިކަމުގެ މައްޗަށް ނެރެފައެވެ.

ގާނޫނުގައި ބުނާ ގޮތުން ރުހުން ނެތި މީހެއްގެ ބިން ނެގުން އަދި ރުހުން ނެތި އޭނާގެ މުދާ ދައުލަތަށް ނެގުން އެއީ ގާނުނު އަސާސީގެ 40 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެކެވެ. ގާނޫނު އަސާސީގެ 40 ވަނަ މާއްދާއަކީ އަސާސީ ހައްގުތަކުގެ ވާހަކައެވެ. ގާނޫނު އަސާސީގައި ހައްގުތައް އެހުރީ މުތުލަގަށް ލިޔެވިފައެވެ. އަސާސީ ހައްގެއް ނިގުޅައި ނުގަނެވޭނެއެވެ. ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އަސާސީ ހައްގެއް ހަނިކުރެވިދާނެކަމަށް ބަޔާން ކުރަނީ 2 ސަބަބަކާއި ހެދިއެވެ. ފުރަތަމަ ކަމަކީ ގާނޫނަކުން އަސަސީ ހައްގު ހަނިކުރެވިދާނެ ކަމެވެ. ނަމަވެސް ހަނިކުރަން ވާނީ މިނިވަން ދިމިގްރާތީ މުޖްތަމައުއެއްގައި އަމަލުކުރާ ގޮތަށް ބަލައިގެންނެވެ.

މިނިވަން ދިމިގްރާތީ މުޖްތަމައުއަކަށް ކަމަށް މި ބަޔާން ކުރަނީ ރާއްޖެއިން ނަކަލު ކުރާ ބޮޑެތި ގައުމުތަކެވެ. މިސާލަތަށް އިނގިރޭސީ ވިލާތް އެމެރިކާ ސައުދީ އަދި އިންޑިއާ ފަދަ ގައުމުތަކެވެ. އެ މުޖްތަމައުގައި ވެސް އޮންނަ މިންވަރަށް އަސާސީ ހައްގު ހަނުކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެއެވެ. ދެވަނަ ކަމަކީ އަސާސީ ހައްގެއް ހަނިކުރެވޭނީ އިސްލާމީ ޝަރީއާގެ މަސްދަރެއް ހިމާޔަތް ކުރުމަށެވެ. އެ ނޫން ގޮތަކަށް ގާނޫނަކުން މީހެއްގެ އަސާސީ ހައްގެއް ހަނި ނުކުރެވޭނެއެވެ.

ރުހުމަކާއި ނުލައި ބިން އަތުލުން އަދި އަސާސީ ހައްގަކަށް އަރައިގަތުން ގާނޫނޫ އަސާސީގެ 40 ވަނަ މާއްދާގައި ވަރަށް ބޮޑަށް މަނާ ކުރެއެވެ. ކައުންސިލް އިދާރާއަކަށް މީހެއްގެ ބިމެއްގެ ޕަވަރއޮފް އެޓާނީ ނެގުމުގެ ބާރެއް ލިބިގެން ނުވެއެވެ. އެކަން ކުރެވޭނީ ރާއްޖޭގެ ޝަރުއީ ކޯޓަކުން އެކަމުގައި ގޮތެއް ނިންމައިގެންނެވެ. އެ ނޫން ގޮތަކަށް ކައުންސިލަކަށް ވެސް އަދި އެހެން މީހަކަށް ވެސް ބިން ބަދަލު ކުރުމެއް ވެސް ނެގުމެއް ވެސް ނޯންނާނެއެވެ.

މި މައްސަލައާއި ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ހުކުމަކީ ދުސްތޫރީ އަދުލުވެރި ނިޒާމް ގާއިމްކުރަން އޮތް ހަމައެވެ. ކޯޓަށް މައްސަލައެއް ވެއްދުމުން ކޯޓުން ވަކި ގޮތަކަށް އަމުރެއް ނުނެރޭހާ ހިނދަކު ޝަރިއަތް އެތައް ޒަމާނަކަށް ދިގުމެދިގެންދާނެއެވެ. އަދި ކައުންސިލްގެ މައްޗަށް އަމުރެއް ނެތްކަމުގައި ވާނަމަ ކައުންސިލުގެ އަތްމަތީގައި ބާރު އޮވެ ބިންތައް ނަގާފާނެތީ ކޯޓުން ނެރެފައިވަނީ މުތުލަގު އަމުރެކެވެ. ވަގުތީ އަމުރެއް ނެރެނީ މައްސަލައިގައި ގޮތެއް ނިމެންދެން އެ އޮތްގޮތަށް އެ ބޭއްވުމަށެވެ.

އެހެންކަމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދީފައިވާ އަދި ރަޖިސްޓްރީ ކޮށްފައިވާ ބިމެއް އައްޑޫ ސިޓީ ކައުންސިލުން ބޭނުން ގޮތަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި ނުރުހުމުގައި އެހެން ބިމެއް ދައްކާފައި ބަދަލެއް ވެސް ނުކުރެވޭނެއެވެ. ކައުންސިލުން ބިން ބަދަލުކުރާނަމަ ބިންތަކުގެ ވެރިންގެ އިއުތިރާޒެއް ނެތި ދެފަރާތުން އެއްބަސްވާ އަދުލުވެރި ބަދަލަކާއެކު ޝަރުއީ ކޯޓަކުން ބިން ބަދަލު ކުރެވިދާނެއެވެ. އެހެންނޫނީ ކައުންސިލުން ގާނޫނާއި ޚިލާފުވިކަމަށް ބުނެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
20%
0%
80%
0%
0%
ކޮމެންޓް