ލީގުގައި ބާކީ އެއް މެޗު އޮއްވާ މޮނާކޯއިން ސަތާރަ އަހަރަށް ފަހު ފްރާންސް ލީގު ކާމިޔާބުކޮށްފިއެވެ.
އެންމެފަހުން އެ ޓީމު ލީގު ޗެމްޕިއަންކަން ހޯދީ 2000 ވަނަ އަހަރު އެވެ. މިފަހަރު މޮނާކޯ އިން ލީގު ޗެމްޕިއަންކަން ހޯދި ސްކޮޑުގައި ގިނައިން ހިމެނެނީ ޒުވާން ކުޅުންތެރިންނެވެ. މިއީ މޮނާކޯ އިން އެޓީމުގެ ތާރީހުގައި ހޯދި އަށްވަނަ ލީގު ތައްޓެވެ.
މޮނާކޯއިން ފްރާންސް ލީގު ކާމިޔާބުކުރީ ސެއިންޓް އެޓީން 0-2 އިން ބަލިކޮށް، ލީގު ތާވަލްގެ އެއްވަނައިގައި ނެގި 6 ޕޮއިންޓްގެ ލީޑާއެކުއެވެ.
މޮނާކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ފަލްކާއޯ ދިން ޕާހަކުން މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އެމްބާޕޭ އެވެ. މިއީ އުމުރުން 18 އަހަރުގެ އެމްބާޕޭ މި ސީޒަނުގައި ކާމިޔާބުކުރި 26 ވަނަ ގޯލެވެ. މޮނާކޯގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ވަލެރޭ ޖެމައިން އެވެ.
މީގެ ފަސް އަހަރު ކުރިން ފްރާންސްގެ ދެވަނަ ޑިވިޝަންގެ ރެލިގޭޝަން ޒޯނުގައި ގިނަ ދުވަސްތަކެއް ހޭދަކުރި މޮނާކޯ މިހޯދި ކާމިޔާބަށް އެޓީމްގެ ކުރީގެ ތަރިން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
މޮނާކޯއިން ވަނީ މި ސީޒަންގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައިވެސް ވާދަކޮށްފައެވެ. މި ސީޒަންގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެމުންދާ ކްލަބްތަކުގެ ތެރެއިން އެންމެ ފުރަތަމަ ސަތޭކަ ލަނޑު ހަމަކުރި ކްލަބަކީވެސް މޮނާކޯކަން ފާހަގަކޮށްލެވެއެވެ.
ފާއިތުވި ހަތަރު އަހަރުގެ ފްރެންޗް ލީގު ޗެމްޕިއަން ޕީއެސްޖީ މިފަހަރު ލީގު ނިންމާލީ ދެވަނައިގައި އޮވެ އެވެ.