އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލާގައި ދައުވާކުރަން ޝަރީއަތާ ހަމައަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ކްލަބް ހައުސްގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އުޅުއްވަނީ ބޭރުފުށުން ނަޒާހަތްތެރި ބޭފުޅުން ކަމަށް ހެދިގެން ކަމަށާއި ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ ބައިވަރު ހެކި އެބަހުރި ކަަމަށެވެ. އަދި އެބޭފުޅުންގެ އިންޓެގްރިޓީ ގެއްލޭނެފަދަ ޗެޓް ލޮގްތަކެއް ވެސް އެބަހުރި ކަމަށް މަހުލޫފު ވިދާޅުވި އެވެ. ނަމަވެސް މި ޗެޓް ލޮގާއި ގުޅޭ އިތުރު ތަފްސީލެއް މަހުލޫފު ހާމަ ކުރައްވާފައިނުވެއެވެ.
މަހުލޫފުގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ ސިޔާސީކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޚިޔާނާތުގެ ތުހުމަތުގެ މައްސަލަ ޝަރީއަތާ ހަމައަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށެވެ. އަދި އެފަދަ އެތައް ވާހަކަތަކެއް ހާމަކުރައްވާނެކަމުގެ އިންޒާރު ވެސް މަހުލޫފު ދެއްވިއެވެ.
މީގެ އިތުރުން މަހުލޫފު ވިދާޅުވީ ސިޔާސީ ބޭނުމަކަށް ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތަށް އައްސަދާއި ޝިއުނާ ވެސް އެއްބާރުލުން ދެމުން އަންނަ ކަމަށާއި، އޭނާގެ މައްޗަށް ދައުވާ ކުރަން ވަކި ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ ޖަލަށް ނުލެވޭނެ ކަމަށާއި، އެވަރަށް ހެކި ވެސް ނުހޯދާނެ ކަމަށެވެ. ކުރެވޭނެހާ ވެސް ކަމަކީ މަގާމުން ވަކިކުރުން ކަމަށް މަހުލޫފު ވިދާޅުވިއެވެ. މިއީ އަނިޔާއެއްކަން ސިފަކުރައްވައި މަހުލޫފު ވިދާޅުވީ ގަައިގައި ބަޔަކު ޖަހައިފިނަމަ މަޑުން ނުހުންނާނެ ކަމަށެވެ.
މި މައްސަލައިގައި ފެށުނީއްސުރެ އެކި ދިމަދިމާލުން ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް މަހުލޫފު ތުހުމަތު ކުރައްވައެވެ. މަހުލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ ދައުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެކަން ރައީސަށް ވެސް ރަސްމީކޮށް ދަންނަވާނެކަން ފާހަގަ ކުރައްވައި މަހުލޫފު ވިދާޅުވީ، މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، ގޮތެއް ނިންމަވާނީ ރައީސް ކަމަށެވެ.
މިމައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގާއި ގުޅިގެން މަހުލޫފުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަވަހަށް ގޮތެއް ނިންމަވަން ޖެހޭކަމަށެވެ.