ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 18:51
ރަޝިއާގެ ރައީސް  ލަޑީމިއާ ޕުޓިން
ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން
ރޮއިޓަރސް
ޕުޓިންގެ ޖޯކް ޖެއްސެވުން
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި
ޓްރާންސްކްރިޕްޓެއް ހިއްސާ ކުރެވިދާނެ ކަމަށް ވިދާޅުވި
ވާހަކަތަކަށް ޕުޓިން ޖޯކް ޖެއްސެވި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގެ ތެރޭގައި ރަޝިއާގެ ބައެއް އިސްވެރިންތަކަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ސިއްރު މައުލޫމާތުތަކެއް ހިއްސާކުރެއްވި ވާހަކަތަކަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ޖޯކް ޖައްސަވައިފި އެވެ.

 

ރަޝިއާގެ އިސް ބައެއް އޮފިޝަލުންނަށް ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ހިއްސާކުރެއްވި ކަމަށް ޚަބަރު ފެތުރިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވައިޓްހައުސްގައި ބޭއްވި ބައްދަލު ކުރެއްވުމެއްގައެވެ.

 

ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވް އެގައުމުން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސާގީ ކިސްލީކްއާ، އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅޭ ގޮތުން އެމެރިކާ އިން ހޯދާފައިވާ ސިއްރު މައުލޫމާތުތަކެއް ހިއްސާކުރައްވާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައިވެއެވެ.

 

ސިއްރު މައުލޫމާތުތައް ހިއްސާކުރެއްވި ކަމަށް ފެތުރު ޚަބަރުތަކަށް ހަޖޫ ޖައްސަވާ ޕުޓިން ވިދާޅުވީ އެކަމުގައި ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވް ކުށްވެރިކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި އެވާހަކަތައް ރަޝިއާގެ ކަމާއިބެހޭ ފަރާތްތަކަށް ލަވްރޯވް ހިއްސާކުރައްވާފައި ނުވާ ކަމަށެވެ.

 

ޕުޓިން މިހެން ވިދާޅުވީ ލަވްރޯވް ވެސް އިންނެވިއެވެ. އަދި އެވާހަކަފުޅު ޕުޓިން ވިދާޅުވީ މަލާމާތުގެ ފާޑަކަށް ހިނިފުޅުވަޑުވަމުންނެވެ.

 

"އެއީ ލަވްރޯވް ވަރަށް ގޯސްކޮށް ކުރެއްވިކަމެއް، މި އެގުނު ސިއްރުތަކެއް ރަޝިޔާގެ ޖާސޫސީ ހިދުމަތްތަކުގެ މަންދޫބުންނަކާ ވެސް ހިއްސާކުރައްވާފައެއް ނެތް" ޕުޓިން ވިދާޅުވިއެވެ.

 

ޕުޓިން ވިދާޅުވީ ބޭނުންވެއްޖެނަމަ ލަވްރޯވްއާއި ޓްރަމްޕްގެ ބައްދަލުވުމުގައި ދެއްކި ވާހަކަފުޅުތަކުގެ ޓްރާންސްކްރިޕްޓެއް އެމެރިކާ ކޮންގްރެސްއަށް ފޮނުއްވައިދެއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް