ޔުވެންޓަސްއާއެކު ހަދާފައި އޮތް އެއްބަސްވުން އާކުރުމަށް އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ޑިބާލާ ޔުވެންޓަސްއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާއިރު، މީގެ ކުރިންވެސް ޔުވެންޓަސްއިން ވަނީ އޭނާގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑިބާލާއަށް އައު އެއްބަސްވުމެއް ހުށަހެޅި ކަމަށް ޔުވެންޓަސްގެ ރައީސް އަދްރެއާ އަގްނެލީ ވިދާޅުވި ނަމަވެސް، ޑިބާލާ ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން އެ ފަހަރު ޑިބާލާ ބުނީ އޭނާގެ އެއްބަސްވުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތަކެއް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށާއި، މީގެ ކުރިން އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުލަބުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޑިބާލާގެ އެއްބަސްވުން އާކުރުމަށް ޔުވެންޓަސްއިން މަސައްކަތްކުރަމުން އަންނައިރު، މިހާރު އެ ޓީމުން ވަނީ ޑިބާލާގެ އޭޖެންޓާއެކު މަޝްވަރާތައް ފަށާފައެވެ. އަދި އެ މަޝްވަރާ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށާއި، އެގޮތުން ޔުވެންޓަސްގެ އެއްބަސްވުން އާކުރުމަށް ޑިބާލާ ނިންމާފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޔުވެންޓަސްގެ އެއްބަސްވުން ޑިބާލާ އާކުރާނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ގަތުމަށް ޓޮޓެންހަމް ހޮޓްސްޕާ އާއި ޗެލްސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޑިބާލާ ހޯދުމަށް އެ ދެ ކުލަބުން 55 މިލިޔަން ޔޫރޯ ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް އިނގިރޭސި މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.
ޔުވެންޓަސްއިން ޑިބާލާގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކުރަމުން އަންނައިރުމ އެ ޓީމަށް މިދިޔަ ސީޒަނުގައި އިރުޝާދުދިން ކޯޗު އަންދްރެއާ ޕިރްލޯގެ ކޯޗުކަމުގައި ޑިބާލާއަށް ފުރުސަތު ލިބުން މަދުވިއެވެ. ނަމަވެސް އެ ޓީމުން ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ޕިރްލޯ ވަކިކޮށް، އެ ޓީމުގެ ކޯޗުގެ މަގާމަށް މަސިމިލިއާނޯ އެލެގްރީ އަލުން ހަމަޖައްސާފައެވެ.
މީގެ ކުރިން ޕަލޭމޯއަށްވެސް ކުޅުނު ޑިބާލާ ޔުވެންޓަސްއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޔުވެންޓަސްއަށް ކުޅެދިން 254 މެޗުގައި 100 ލަނޑު ޖަހާފައެވެ. އަދި ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ފަސް ފަހަރު އަދި އިޓާލިއަން ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.