ކ. މާލެ
|
12 އޯގަސްޓް 2021 | ބުރާސްފަތި 18:30
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުން އަތުލައިގަންނަނީ
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުން އަތުލައިގަންނަނީ
ރާއްޖެއެމްވީ
މަސްތުވާތަކެތި ބޭނުންކުރުން
ގިނަ ޒުވާނުންގެ ހަޔާތް ބަރުބާދު ވެގެންދަނީ މަސްތުގެ "އިޝްގު" ގައި ޖެހިގެން
 
މި ވަބާގައި ޖެހި މުޅި ޖީލެއް ދަނީ ހަލާކުވަމުން

ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ މީހަކު ނުހުންނަ އާއިލާއެއް މަދުވާނެއެވެ. މި ވަބާގައި ޖެހި ޒުވާން ޖީލެއް ހަލާކުވެގެން ދަނީއެވެ. މަސްތާއި ފާހިޝް އަމަލުތަކުގައި ޒުވާން ޖީލު ބަރުބާދުވެގެންދަނީއެވެ.

"އިންޓަނޭޝަނަލް ޑޭ އެގެއިންސްޓް ޑްރަގް އެބިއުސް" އާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި މަސްތުވާތަކެތީގެ 12،000ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ 2018ގައެވެ. އެއީ 2،230އެވެ. ދެން އެންމެ ގިނަ ކޭސް ރިޕޯޓުކުރީ 2019ގައެވެ. އެއީ 2،188އެވެ. މީގެ އިތުރަށް 2017ގައި 2،038 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2020ގައި ރިޕޯޓުކުރި އަދަދު މި އަދަތުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ދަށެވެ. އެގޮތުން 2020ގައި ރިޕޯޓުކޮށްފައި ވަނީ 1،425ކޭހެވެ.

2017 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދަށް ބަލާއިރު، 2020 ވަނަ އަހަރު ފިޔަވާ އެހެން ހުރިހާ އަހަރެއްގައި ވެސް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން ކޮންމެ އަހަރެއްގައި ވެސް މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު 1،000ން މައްޗެވެ. އެކަމަކު 2020 ވަނަ އަހަރު ރިޕޯތުކުރި ކޭސްތަކުގެ އަދަދު 500ށް ވެސް ނާރައެވެ.

މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތަކަށް ބަލާއިރު، އެންމެ ގިނަ ކޭސް ރިޕޯޓުކުރީ 2018 ވަނަ އަހަރުއެވެ. އެއީ 1،390 ކޭހެވެ. 2017 ވަނަ އަހަރު 1،167ކޭސް ރިޕޯޓުކުރި އިރު 2019ގައި 1،102 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އަތޮޅުތެރެއިން ރިޕޯޓުކުރި ކޭސްތަކުގެ ތެރެއިން 1،000ން މައްޗަށް ކޭސްތައް އަރާފައި ވަނީ އެންމެ އަހަރަކުއެވެ. އެއީ 2019ގައެވެ. މާލެ ސަރަހައްދުން ރިޕޯޓުކުރި ކޭސްތަކުގެ އަދަދަށް ވުރެ އަތޮޅުތަކުގެ ކޭސްތައް ގިނައީ 2020ގައެވެ. އެއީ 943 ކޭހެވެ. މި އަދަދަކީ އެ އަހަރު މާލެއިން ރިޕޯޓުކުރި 482 ކޭސް އާއި އަޅާބަލާއިރު ދެގުނައަށް އިތުރު އަދަދެކެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައީ މީހުންގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 46 ޕަސަންޓަކީ މީހުންގެ އަތުގައި މަސްތުވާތަކެތި ހުރި މައްސަލަތަކެވެ. 26 ޕަސަންޓަކީ މަސްތުވާތަކެތި ވިއްކި މައްސަލަތަކެވެ. އަދި މަސްތުވާތަކެތި ބޭނުންކުރި މައްސަލަތަކަކީ އޭގެ ތެރެއިން 14 ޕަސަންޓަށް ވާއިރު އެތެރެ ކުރި މައްސަލަތަކަކީ 10 ޕަސަންޓެވެ.

ގިނަ ފަހަރަށް މިވަބާގައި ޖެހޭ މީހުންގެ އާއިލާއިން ވެސް އެމީހުން ބިކަ ކޮށްލައެވެ. ރަނގަޅު ނުވާނެ ހެން ދެން ހީވުމުން އުންމީދުތައް ދޫކޮށް، އެމީހަކާ އޮންނަ ގުޅުން ވެސް އެއްކޮށް ކަނޑާލައެވެ. ގިނަ ފަހަރަށް މިކަމުގެ ތެރެއަށް ވަންނަ މީހާއަށް ވެސް މި ވަދެވެނީ މިއީ ކިހާވަރެއްގެ ކަމެއްގެ ތެރެއަށްކަން ނޭނގި ހުރެއެވެ. މަސްތުގެ ތެރެއަށް މީހާ ވަދެ ހަލާކުވެގެންދަނީ އެންމެ ފަހަރަކު އަޖުމަ ބެލުމަށް ކޮށްލާ "ޓްރައި" އެއްގެ ސަބަބުންނެވެ. މި "ޓްރައި" ގެ ސަބަބުން މީހާގެ މުޅި ދިރިއުޅުން މަސްތުގެ ދާންމަތީގައި ދިރިއުޅުމަށް މަޖުބޫރުކޮށްލައެވެ.

މިކަންތައްތަކުގެ ތެރޭގައި އުޅޭއިރު އަޖަލު އައިސް ޖެހޭނީ ކޮންވަގުތެއްގައި ކަމެއް ބުނާކަށް ނޭނގެއެވެ. މިއީ ދާދި ފަހުން ހިނގައި ދިޔަ ކަމެއްގެ ވާހަކައެވެ. ޒުވާނަކު އޭނާގެ އެކުވެރިންނާއެކު މަޖާކޮށް، ފާހިޝް އަމަލުތަކަށް އަރައިގަތުގައި ދުވަސްތައް ހޭދަކުރަމުން ދިޔައެވެ. އެހެން އުޅެނިކޮށް އެ ޒުވާނާއާ މަރު ބައްދަލުކުރީ، ރައްޓެހިންނާއެކު "ޕާޓީ" ކުރުމަށްފަހު ނިދަން އޮއްވައެވެ. އެ ދުވަހު ހޭލެވުނީ މެޔަށް ތަދެއް އަރައިގެންނެވެ. މާގިނައިރުތަކެއް ނުވެ މިދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ.

ގިނަ ފަހަރަށް ހީވެފައި އޮންނަނީ ތިމާ އަކީ ޒުވާނަކަށްވުމުން މަރު އައިސް އެހާ އަވަހަށް ބައްދަލު ނުކުރާނެ ކަމެށެވެ. އެހެންނަމަވެސް އެއީ ކުށްހީއެކެވެ. އުމުރުން ކިތަންމެ ހަނގަސް އަދި ދޮއްޓަސް އެމީހާގެ އަޖަލު ޖެހުމުން، މި ދުނިޔެ ދޫކޮށް ދިޔުން ފިޔަވާ އެހެން ގޮތެއް ނޯވެއެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނައިރު މަސްތުވާތަކެތި ބޭނުންކޮށްގެން އޯވަރ ޑޯޒްވެގެން މަރުވާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުން ވެސް މިކަމުގެ ތެރެއަށް ގޮސް ހުސްވަނީއެވެ.

މި ދުނިޔެ އަކީ ވަގުތީ ތަނަކަށްވާއިރު މި އަމަލުތަކުން މީހާ ދުރުވެ، އިސްލާހުގެ މަގަށް އަނބުރާ ރުޖޫއަވެ، މުޖުތަމައަށް ބޭނުން ހިފޭ މީހެއް ކަމުގައިވާން އެބަޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
10%
70%
20%
0%
0%
ކޮމެންޓް
12 އޯގަސްޓް 2022 | ހުކުރު 07:31
ޓައްކި
އަސްލުވެސް، މީ ވަރަށް ބޮޑު ތެދެއް. ހެނދުނު ނިކުމެލާ އިރު ހިސާބުގަނޑު ބޯއިސް އެންޑް ގާރލްސް ހުންނަނީ ބޮޑުކަމުވެސް ގޮސްލާފަ ކަންމައްޗައް. އެކުދިންއަށް ވަކިނުވޭ ލާންޖެހޭ ތައްޓާ ކާންޖެހޭ ތަށިވެސް. މީ ދެރަވަރު ކަންކަން. ސަރުކާރުން މިކަމަށް ހައްލެއް ހޯދަބަ