ކ. މާލެ
|
12 އޯގަސްޓް 2021 | ބުރާސްފަތި 11:13
ސަރުކާރު ހިންގަވަން ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހައިސިއްޔތުން ކަންކަން ނިންމަވަނީ، ވަށައިގެންވާ ކަންކަމާއި، ލިބިލައްވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް
ސަރުކާރު ހިންގަވަން ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހައިސިއްޔތުން ކަންކަން ނިންމަވަނީ، ވަށައިގެންވާ ކަންކަމާއި، ލިބިލައްވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް
މަޖިލިސް
މަޖިލީހުގެ މެޖޯރިޓީ
"މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކު"
 
ވެރިކަމުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިއްމު އެއްޗެއް
 
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، 2008 ވަނަ އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުމުން ވެރިކަން ހިންގުމަށް ދަތިވެގެން ދިޔަ
 
ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރު ނިންމަވާ ނިންމެވުންތަކުގައިވެސް ދެބޭފުޅުންގެ ޚިޔާލު ތަފާތުވުންތައް ހުރޭ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއަދު އޮތީ އެމަނިކުފާނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ސަރުކާރު އޮމާންކޮށް ކުރިއަށް ގެންދިޔުމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓަވާނެ ކަމަށެވެ.

ވެރިކަމުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިއްމު އެއްޗެއްކަމަށާއި، މެޖޯރިޓީ ނެތި ވެރިކަން ހިންގުމަށް ވަރަށް ދަތިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، 2008ން ފެށިގެން އެކުލަވައިލެވުނު ކޮންމެ ސަރުކާރަކަށް ބަލާލުމުން ވެސް އެކަން ފެންނަން އެބައޮތް ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، 2008 ވަނަ އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުމުން ވެރިކަން ހިންގުމަށް ދަތިވެގެން ދިޔަ މަންޒަރު މާޒީން ފެންނަން އެބައޮތް ކަމުގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކު ވެރިކަން ހިންގުމުގައި އެމަނިކުފާނަށް ވެސް ފަސޭހަފުޅުތަކެއް ވެގެންދިޔަކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ހިސާބުން ދެން ވެރިކަން ހިންގަން ދަތިވި މަންޒަރު ފެނިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެން ދެން ޖެހިވަޑައިގަތީ، މުޅިން އެހެން މަގަކުން ހިންގަވަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެހެންކަމުން އެމަނިކުފާނު ވެރިކަމުގައި ހުންނަވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަން އެގޮތުގައި ދަމަހައްޓަވާނެ ކަމަށެވެ.

ސިޔާސީ ބައެއް ކަންކަމުގައި ރައީސް ނަޝީދާ ޚިޔާލު ތަފާތުވާކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރު ނިންމަވާ ނިންމެވުންތަކުގައި ވެސް އެމަނިކުފާނާ ޚިޔާލު ތަފާތުވުންތައް ހުންނަ ކަމުގައެވެ. އޭރު ރައީސް ނަޝީދުގެ ނިންމެވުންތަކަކީ ރައީސްގެ ހައިސިއްޔަތުން، އެވަގުތަށް އެންމެ ރަނގަޅު ނިންމެވުންތައް ކަމުގައެވެ. އެހެންކަމުން ޚިޔާލު ތަފާތުވުން އެއީ މައްސަލައެއް ނޫން ކަމުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ހަމަ އެގޮތަށް މިހާރު އެމަނިކުފާނު ނިންމަވާ ބައެއް ކަންކަމުގެ ޚިޔާލުތަފާތުވުން ހުންނަ ކަމަށާއި، ސަރުކާރު ހިންގަވަން ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ކަންކަން ނިންމަވަނީ، ވަށައިގެންވާ ކަންކަމާއި، ލިބިލައްވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ދެވަނަ ދައުރެއްގެ ފުރުސަތު އެމަނިކުފާނަށް ވެސް އެބައޮތް ކަމަށާއި، އެހެންނަމަވެސް މިހާރު ވިސްނުންފުޅު ހުންނެވީ، ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
0%
50%
0%
0%
ކޮމެންޓް