އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ނުވަތަ ނަފްރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ސަރުކާރުން އެދޭކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނަފްރަތުގެ ބިލު މަޖިލީހަށް ފޮނުއްވުމަށްފަހު އެކަމާ ދޭތެރޭ ވިސްނެވިއިރު އާންމުންގެ ވިސްނުން ހުރިގޮތުން އެ ބިލަށް އިޞްލާހުތަކެއް ގެންނަ ޖެހޭ ކަމަށް ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެ އިޞްލާހުތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ކޮމިޓީ ސްޓޭޖްގައި އޭގެ ބައެއް އިޞްލާހުތައް ގެނެވިފައިވާކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެ އިޞްލާހުތަކާއެކު ފާސްވެގެން ދިޔުމަށް އެދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ނަފްރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ސަރުކާރުން އެދޭކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވާއިރު ނަފްރަތުގެ ބިލްގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ނަފްރަތުގެ ބިލަކީ ވަރަށް ބޮޑަށް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އެ ބިލް ދިރާސާކޮށް މިނިސްޓްރީގެ ފަރާތުން ކުރެވޭނީ ކޮންކަހަލަ ކަންތައްތަކެއްކަން ބަލަމުންދިޔަ ކަމަށާއި މަޖިލީހުން ލިބުނު ސިޓީގައި ބިލަށް އިތުރުކުރަން ފެންނަ ކަމެއް އޮތްތޯ ބެލިކަމަށް ވިދާޅުވިއެވެ. އަދި މިހާރު ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށް މަޖިލީހަށް އެކަންތައްތައް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބިލުގައި ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކަށް ބަލާއިރު ދެބަޔަށް އެޑްރެސް ކުރެވިފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ބިލުގައި މިހާރު ވަނީ ދީނާ ގުޅުވައިގެން ކުރެވޭ ކަންތައްތަކުގެ ވާހަކަ ކަމަށާއި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމަށް ވިދާޅުވިއެވެ.
ފުރަތަމަ ބިލް އޮތް ގޮތުން އެކަމުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށާއި އޭރު ވަރަށް ގިނަ އިލްމުވެރިންނާއި ކައުންސިލްތަކުން ފާޅުގައި ވާހަކަ ދެއްކެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބިލުގައި ހުރި ކަންބޮޑުވުންތަކަށް ބަލާއިރު މީހުންނަށް ހުކުމްތައް ބުނެދިނުމުގައާއި މައްސަލައެއް އޮތް ގޮތް ކިޔައިދޭ އިރު، އެ ބުނާ ބަސް އިސްތިސްނާވާ ގޮތަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ނަފްރަތުގެ ބިލަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ކަނޑައެޅުއްވީ ވަރަށް ބޮޑަށް ބައްލަވައި ދިރާސާކުރެއްވުމަށް ފަހުގައި ކަމަށާއި، ބަދަލުތައް ހުށަހެޅުއްވީ ދެ ފަރާތަށް ވެސް މައްސަލަ އެޑްރެސްވާ ގޮތަށް ކަމަށެވެ.
މިނިސްޓްރީން ހުށަހެޅި ބަދަލުތަކާ އެއްގޮތަށް ނަފްރަތުގެ ބިލް ފާސްވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެގޮތަށް ބިލް ފާސްވެއްޖެނަމަ ދެ ފަރާތުން ވެސް އޮތް ކަންބޮޑުވުމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.